މިދިޔަ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާއަކަށް ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ތައުފީޤް ފުރައްސާރަކުރެއްވުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
އެގޮތުން އަހުމަދު ތައުފީޤް ވަނީ ބޮމުގެ ހަމަލާއަށްފަހު ރައީސް ނަޝީދުގެ ވައަތު ކަންފަތަށް އަޑެއްނީވޭ ކަމަށް ބުނެފައިވާ ޚަބަރެއްގެ ސްކްރީންޝޮޓް ހިމަނައި ކުރެއްވި ޓްވީޓެއްގައި، ކިޔާ އެއްޗެއް އަޑު ނީވެންޏާ ވަރަށް ސަކަރާތް ވާނެކަމަށް ވިދާޅުވެފައެވެ. އެ ޓްވީޓްގައި ހިމެނޭ ފޮޓޯގައި ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއަށްވެސް ފުރައްސާރަކޮށްފައެވެ.
މީގެ އިތުރުން އަހުމަދު ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ ހަމަލާއިން ރައީސް ނަޝީދުގެ ހަށިކޮޅަށް ލިބުނު ޒަޚަމްތަކުގެ ލަކުނުތަކުގެ ފޮޓޯއެއް ހިމަނައި، ކުރިއަށް އޮތްތާނގައި އެމަނިކުފާނު އުޅޭނީ މި ލަކުނުތައް ދައްކައިގެން ހަމްދަރުދީ ހޯދަންކަމަށް ވިދާޅުވެފައެވެ.
އަދި އެމަނިކުފާނަކީ އެކްޓަރެއްކަމަށްވެސް ކުރީގެ ރައީސް ވަހީދުގެ ސަރުކާރުގެ ސަރުކާރުގައި ރައީސް އޮފީހުގެ ޕޮލިޓިކަލް އެފެއާޒް އެޑްވައިޒަރކަން ކުރެއްވި އަހުމަދު ތައުފީޤް ވަނީ ވިދާޅުވެފައެވެ.
މިދިޔަ މަހުގެ 6ވަނަ ދުވަހުގައި ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމުތަކަށް އެމަނިކުފާނު ރާއްޖޭގައި ފަރުވާ ހޯއްދެވުމަށްފަހު މިވަގުތު ޖަރުމަނުވިލާތުގައި ދަނީ އިތުރު ފަރުވާ ހޯއްދަވަމުންނެވެ. އެގޮތުން އެމަނިކުފާނު ދާދިފަހުންވެސް އޮޕަރޭޝަންތަކެއް ކުރައްވާފައިވާއިރު، ލިބުނު އަނިޔާތަކުގެ ލަކުނުތައް ފިލުވުމުގެ އޮޕަރޭޝަން ކުރައްވަން ވަނީ ދެކޮޅު ހައްދަވާފައެވެ.
ރައީސް ނަޝީދުގެ ނުރަސްމީ އެކައުންޓެއްކަމަށް ބުނެވޭ "އެލެކްސް އަހުމަދު" ބުނެފައިވާ ގޮތުގައި އެމަނިކުފާނުގެ ކަނާތު އަތުގެ ބޮޑުވާ އިނގިލި، ޝަހާދަތް އިނގިލި އަދި މެދު އިނގިލީގައި ވާގިއެއް ނެތެވެ. އަދި ވާތު ކަންފަތުގެ ތޫރީގައި ދެ ލޯވަޅު ހެދިފައިވާއިރު، ކަނާތު އުޅަނބޮށި ނުލެންބޭކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން، ވާތު ފައިގައި ޒަޚަމެއް ހުރުމުން އެފައި ބޭނުން ނުކުރެވޭކަމަށްވެސް ވަނީ ބުނެފައެވެ.
ރައީސް ނަޝީދަށް ކުރި ފުރައްސާރައާއި އެކު އަހުމަދު ތައުފީޤް ހޫނުފެނަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ