މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މެމްބަރު އީސަ އިސްތިއުފާ ދެއްވައިފި

ގެވެށިއަނިޔާގެ ތުހުމަތުކޮށްފައިވާތީ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އިސްތިއުފާ ދެއްވައިފިއެވެ.
އިއްޔެރޭގެ ދަންވަރުގެ ވަގުތެއްގައި އެމްޕީ އީސަ އޭނާގެ އަނބިހާއަށް އަނިޔާކުރިކަމަށް ބުނާ މައްސަލައެއް، ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މިމައްސަލައިގަ މިހާތަނަށް އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް، ޕީޖީން އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި މިއަދު އެދިފަވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މި އަމަރު ކްރިމިނަލް ކޯޓުން އަދި ނެރެފައެއް ނުވެއެވެ.
އީސަ މަޖިލީހުގެ ކޮމިޓީން އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ނެރުއްވި ބަޔާނުގައި އީސަ ވަނީ ގެވެށިއަނިޔާކުރި ކަމަށް އޭނާއަށް ކުރާ ތުހުމަތަށް އިންކާރު ކުރައްވައިފައެވެ.
އީސަގެ ބަޔާނުގައި ވަނީ، އޭނަގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް މިވަގުތު ތަހުގީގުކުރެވެމުން ދާތީ، ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އެންމެ ފުރިހަމަ ގޮތުގައި އެއްބާރުލުން ދިނުމަށްޓަކައި، މިއަދުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އިސްތިއުފާދެއްވާ ކަަމަށެވެ.
އީސަގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި ފުލުހުންނަށް އިތުބާރު އެބަ އޮތް ކަމަށާއި ދައުލަތުގެ މުއައްސަސާތަކަށް އެއްބާރުލުން ދެއްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އީސަގެ ފަރާތުން އަނިޔާލިބިގެން އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް ވަނީ އައިޖީއެމްއެޗް އިން ފަރުވާވެސް ހޯއްދެވުމަށްފަހު މައްސަލަ ފުލުހަށް ހުށަހަޅައިފައެވެ. އަސްރާއަކީ ނައިބުރައީސް ފައިސަަލް ނަސީމްގެ ކޮއްކޯފުޅެވެ.
އެމައްސަލައިގައި އަސްރާ އިއްޔެ ވަނީ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް ގޮސް ބަޔާންވެސް ދީފައެވެ.
އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފާއިތުވި 24 ގަޑިއިރަކީ، އޭނާ އާއި އޭނަގެ ތުއްތު ދަރިފުޅު ލޫޠުއަށް އުނދަގޫ އިޙްސާސްތަކެއް ކުރަންޖެހު ވަގުތުތަކެއް ކަމަށެވެ.
ކުރިމަތިވާނެ ކަމަށް ދުވަކުވެސް ހީކޮށްފައިނުވާ ކަންތައްތަކެއް ތަޖުރިބާ ކުރަންޖެހުނު ކަމަށާ ނަމަވެސް މާތްﷲގެ ވާގިފުޅާއެކު، ދެމައިންގެ ހާލުވެސް މިހާރު ރަގަނޅު ކަމަށް އަސްރާ ވަނީ ވިދާޅުވެފައެވެ.
އީސަ ހައްޔަރުކުރުމަށް ގިން ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ