މެމްބަރު ވައްޑޭގެ ފުރާނައަށް ނުރައްކާ ކުރަން ދަނީ މަސައްކަތް ކުރަމުން: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ)، ކެމްޕޭން ހަރަކާތެއްގައި ދެއްކެވި ވާހަކަތަަކަކާ ގުޅުވައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން އަމަލުތައް ހިންގަމުންދާ ކަމަށް އޭނާ ނިސްބަތްވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގުރޫޕުން ބުނެފިއެވެ.
ނިމިގެންދިޔަ ކައުންސިލް އިންތިހާބުގައި މާފަންނުގައި ޖަގަހައެއް ހުޅުވުމަށް ބޭއްވި ހަރަކާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މީހުން މަރަން ވެގެން، މަރަށް މަރުހިފުމާ ގުޅޭ ގޮތުން ކެބިނެޓްގައި މަޝްވަރާ ކޮށްފައިވާ ކަމާއި އެއީ ”ސިކު“ ބައެއް ކަމަށް ވައްޑޭ ސިފަކުރެއްވި ކަމަށް ބުނެ ދީނީ އިލްމުވެރިންނާއި އާންމުން ގެންދަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ވައްޑޭގެ އެ ވާހަކަތައް ދިފާއުކޮށް އެމްޑީޕީ ޕީޖީ ގުރޫޕުން ނެރުނު ބަޔާނުގައި ބުނީ، ވަހީދުގެ ވާހަކާގައި ފާހަގަކޮށްފައިވާ ނުކުތާ އަމާޒު ކޮށްފައިވަނީ ދީނަށް ނުވަތަ ދީނީ ހުކުމަކަށް ނޫން ކަމަށާއި އެއާ ހިލާފަށް އޭނާގެ ވާހަކަ އަމާޒު ކޮށްފައިވަނީ މަރުގެ އަދަބު ދިނުމުގެ ނަމުގައި ކުރީގެ ސަރުކާރުގައި ތިބި ބަޔަކު ކަންކުރި ގޮތަކަށް ކަމަށެވެ.
އަދި އެވާހަކަ ގަސްދުގައި އޮޅުވާލައިގެން ބައެއް ދީނީ އިލްމުވެރިންނާއި ސިޔާސީ މީހުން އަދި ބައެއް މީޑިއާތަކުން އެކަން ފިތުނައަކަށް ވާގޮތަށް ހެދުމުގެ ސަބަބުން ވަހީދުގެ ފުރާނައަށް ނުރައްކާ ކުރުވުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާ ކަމަށް ބުނެފައިވެއެވެ.
”…މީގެ ކުރިން ވެސް އުނގޫފާރު ދާއިރާގެ ގޮނޑި އެއިރު ތަމްސީލުކުރައްވަމުން ގެންދެވި ދީނީ އިލްމުވެރިއާ ޑޮކްޓަރު އަފްރާޝީމް އަލީ ވެސް ވަނީ އަނިޔާވެރިގޮތެއްގައި އަވަހާރަކޮށްލާފައެވެ. ތަހުގީގުތަކުން ދައްކާގޮތުގައި ޑޮކްޓަރު އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ ވެސް ދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ބަޔަކު ހިންގަމުންދާ ހަރަކާތްތަކެއްގެ ތެރެއިންނެވެ. އަދި މުރުތައްދުވެ، ދީނުން ބޭރުވެއްޖެކަމަށް ބުނެ އަމިއްލައަށް ގޮތްތައް ނިންމައިގެން ދީނުގެ ނަމުގައި އެހެން ފަރާތްތަކެއް ވެސް ވަނީ ރާއްޖޭގައި ގަތުލުކޮށްފައިވެއެވެ.“ ބަޔާނުގައިވެއެވެ.
އެމްޑީޕީ ޕީޖީ ގުރޫޕުގެ ބަޔާނުގައި އިތުރަށް ވަނީ ވަހީދު ދެއްކެވި ވާހަކައެއްގެ ހަގީގަތް ގަސްދުގައި އޮޅުވާލައި ފިތުނަ އުފައްދައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި އަމަލުކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލައިފައެވެ. އަދި އެކަމުގައި ހުރި ނުރައްކާ ބޮޑުކަމަށްޓަކައި މިފަދަ މައްސަލަތައް ވަގުތުން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ވެސް ގޮވާލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ