އިންތިހާބު ފަސްކުރަން ހުށަހެޅި މައްސަލައަށް މައުމޫން ތަދައްޚުލްވެ ވަޑައިގެންފި

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ޕީޕީއެމްއިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް ތަދައްޚުލްވެ ވަޑައިގެންފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ދެމަހަށް ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށް ޕީޕީއެމްގެ މުޝްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.
އެ މައްސަލާގައި ބުނެފައިވަނީ ޕީޕީއެމްގެ ހިންގުމުގައި ދިމާވި ދަތިތަކާ ހެދި، މިހާރު ކަނޑައަޅާފައިވާ ތާރީހަށް އިންތިހާބަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެވިފައި ނުވާ ކަމަށެވެ. މީގެއިތުރުން ޕާޓީގެ ޑޭޓާ ބޭސް އާއި އާއްމު މެމްބަރުންގެ ދަފްތަރު ވެސް ނެތުމާ އަދި އެހެން ވެސް މުހިއްމު ލިޔެކިޔުންތަކެއް ނެތް ކަމަށެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި އިންތިހާބު ބާއްވައިފި ނަމަ އެ ޕާޓީ އަށް އިޔާދަނުކުރެވޭވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމަށް އެ މައްސަލާގައި ބުނެފައި ވެއެވެ.
އެ މައްސަލައިގެ ތެރެއަށް ވަދެވަޑައިގަތުމަށް މައުމޫން ހުށަހެޅުއްވުމުން އެ ފުރުސަތު ކޯޓުން މިއަދު ވަނީ ދެއްވައިފަ އެވެ. އަދި އެ މައްސަލާގައި މައުމޫންގެ ފަރާތުން ބަޔާން ހުށަހެޅުމަށް މާދަމާ ހެނދުނު ކޯޓަށް ހާޒިރުވާން މައުމޫންގެ ވަކީލް ހުސްނުއްސުއޫދަށް ކޯޓުން ވަނީ އަންގައިފަ އެވެ.
އިދިކޮޅު އެމްޑީޕީން ވެސް ވަނީ އެ މައްސަލައިގެ ތެރެއަށް ތަދައްްޚުލްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ