ރައްޔިތުންނަށް ހަމަހަމަކަން ގާއިމްކޮށްދެވޭނީ އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ދީގެން: އަދާލަތު

ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދުކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދަށް ވޯޓް ދީގެން ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އަދާލަތުން ތާއިދު ކުރާ ކެންޑިޑޭޓް ހާމަ ކުރުމަށް އެޕާޓީން ނެރުނު ބަޔާނެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ސިޔާސީ ބައިވެރިންނާ އެކު ކޯލިޝަން ހަދައިގެން ހޯދަމުންދާ ކާމިޔާބީގެ ސަބަބުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވެސް އެމްޑީޕީގެ ކެންްޑިޑޭޓަށް އެ ޕާޓީން ތާއީދު ކުރާކަމަށެވެ. ރާއްޖޭގައި އަމާން ސުލްހަވެރި މުޖުތަމައެއް ގާއިމުކޮށް، ސިޔާސީ ހަލަބޮލިކަން ކުޑަކޮށް، ކޮވިޑްގެ ދަތި ހާލަތުގައި އިގުތިސާދީ ދަތިތަކަކާ އެކުވެސް ރާއްޖޭގެ އިގުތިސާދު މި ސަރުކާރުން ހަރުދަނާ ކޮށްފަައިވާކަމަށްވެސް އަދާލަތު ޕާޓީން ބުންޏެވެ. ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތަށް ގޮންޖެހުމެއް ދިމާވެދާނެ ކަމަށް ފާހަގަކުރެވިގެން ރައީސް ސޯލިހުގެ އަރިހުގައި އެ ޕާޓީން ކަންބޮޑުވުން ފާޅުކުރި ކޮންމެ ކަމެއްގައި، އެކަމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. މި ސަރުކާރުން ގައުމުގެ ސުލްހައާއި މަސްލަހަތައްޓަކައި މުޖުތަމައަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ހުއްޓުވުމަށް އެކަށޭނަ މަސައްކަތްތަކެއް ކުރާ ކަމަށްވެސް އަދާލަތު ޕާޓީން ބުންޏެވެ. "ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމަށް އިޖާބަ ދިނުމުގެ ގޮތުން 2022 ފެބްރުއަރީ ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ތިން ވަނަ ދައުރުގެ 10 ވަނަ ޖަލްސާގެ އަޣްލަބިއްޔަތުން ފާސްކޮށްފައިވާކަމުގައި ދެންނެވީމެވެ،" އެ ބަޔާނުގައިވެއެވެ. ރައްޔިތުންގެ މަޖިލީހުގައި ކޮމަނޑޫ ދައިރާ ތަމްސީލުކުރާ ގޮނޑި ހުސްވެފައިމިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސައިން ވަހީދު މި މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. ހުސައިން މަޖިލީހުގައި ހުންނެވީ އެމްޑީޕީގެ ޓިކެޓުގައެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ ފޯކައިދޫ ކައުންސިލްގެ ކުރީގެ ރައީސް މޫސާ ފަތުހީ އާދަމެވެ. އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީ އާދަމެވެ. އަދި އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ ކުރީގެ ޓީޗަރެއް ކަމުގައިވާ އަބްދުލް ހައްނާނު އިދުރީސްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ