ގާޒީ ބާރީގެ ފޮޓޯއެއް ނަގައިގެން ބަންދުކޮށްފައި ހުރި އަޑުބަރޭ ދޫކޮށްލައިފި
ކްރިމިނަލް ކޯޓާ ހަވާލުވެވަޑައިގެން ހުންނެވި ޢަބުދުލް ބާރީ ޔޫސުފްގެ ފޮޓޯ ނަގައި އޭނާއަށް ބިރުދެއްކި ކަމުގެ ތުހުމަތަށް ބަންދުކޮށްފައި ހުރި، ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އައްސަދު ޢަލީ (އަޑުބަރޭ) ބަންދުން ދޫކޮށްލައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައްސަދު ދޫކޮށްލީ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން ކޯޓުން ކަމަށެވެ. ގާޒީ ބާރީގެ ފޮޓޯއެއް ނަގައި އޭނާ އަށް އިންޒާރުދިން މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް ހުށަހަޅާފައި ވަނީ ކްރިމިނަލް ކޯޓުންނެވެ. ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ ބާރީ ސޮއިކުރައްވައި ފުލުހުންނަށް ފޮނުވި ސިޓީއާ އެކު ފޮޓޯ ނެގި މީހާ ދުއްވި ސައިކަލް ނަންބަރު އަންގައިދޭ ފޮޓޯއެއް ފުލުހުންނަށް ފޮނުވާފައިވެ އެވެ. "ކަލޭގެ ފޮޓޯއެއް ނަގަން އެބަޖެހޭ. ކަލޭމެން ގާޒީން ކަންތައް ކުރާގޮތް އަހަރެމެންނަށް އެނގޭ. ކަލޭމެން ހަދާއެއްޗެއް ހަދާށޭ. ތިމަންނަ ކަލޭގެ ފޮޓޯއެއް ނަގާނަމޭ،" ގާޒީ ބާރީއާ ދިމަލަށް އެމީހާ ބުނި ކަމަށް ކްރިމިނަލް ކޯޓުގެ ސިޓީގައި ބުނެފައިވެ އެވެ. އެ ސިޓީގައި ގާޒީ ބާރީ އެދިވަޑައިގެންފައި ވަނީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ވިޔަސް އެމީހާއާ މެދު ފިޔަވަޅު އަޅައިދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ