ހިޔާ ޓަވަރުތަކުގެ ތެރެއިން H15 އަދި H16 ވަނަ ޓަވަރަށް މާދަމާއިން ފެށިގެން ދާއިމީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން މިހެން ބުނީ ހިޔާ މަޝްރޫޢުގެ ފްލެޓުތައް ހިމެނޭ އެއްމެދު އިމާރާތްތަކުގެ ފުލެޓުތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން ނެރުނު އިއުލާނެއްގައެވެ.
އެޗްޑީސީން ނެރުނު އިއުލާނުގައި ބުނެފައިވަނީ، ހިޔާ ޓަވަރުތަކުގެ ތެރެއިން H15 އަދި H16 ވަނަ ޓަވަރަށް މާދަމާއިން ފެށިގެން ދާއިމީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށާއި އަދި ބާކީހުރި ޓަވަރުތަކަށް ދާއިމީ ކަރަންޓުގެ ޙިދުމަތް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތުގައި އިތުރު މައްސަލައެއް ދިމާނުވާނަމަ، މާދަމާއަށް މި ޓަވަރުތަކަށްވެސް ދާއިމީ ޙިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށެވެ.
މިފުރުސަތާއިއެކު ގިނަ ފަރާތްތަކުން ފުލެޓަށް ބަދަލުވުމުގެ އަމަލީ މަސައްކަތް ފަށާއިރު، މިކަމަށް ބޭނުންވާ ތަކެތި އުފުލުމަށް ޓަވަރުތަކުގައި ހަރުކޮށްފައިވާ ލިފްޓުތަކުގެ ތެރެއިން، 16 އެޕާޓްމަންޓްގެ ޓަވަރެއްގައިވާ 3 ލިފްޓުން 2 ލިފްޓު އަދި 20 އެޕާޓްމަންޓްގެ ޓަވަރެއްގައިވާ 4 ލިފްޓުން 3 ލިފްޓު ބޭނުން ކުރެވޭނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.
އެމަސައްކަތަކީ ގިނަ ބައެއްގެ މަސްލަހަތާއި ގުޅިފައިވާ ކަމަކަށްވާތީވެ، ފަސޭހަކަމާއި އެކު ކުރިއަށް ގެންދެވެން އަންނަނީ ފުލެޓު ލިބިފައިވާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންކަމުގައި އެޗްޑީސީން ބުނެއެވެ.
ފުލެޓު ލިބިފައިވާ ފަރާތްތަކުން ފުލެޓަށް މުދާ ވެއްދުމުގައި ސަމާލުކަން ދިނުމަށްވެސް އެ ކުންފުނިން އިލްތިމާސް ކޮށްފައިވެއެވެ. .
ހިޔާގެ ބައެއް ފުލެޓުތްކަށް މާދަމާ ދާއިމީ ކަރަންޓު ދޭން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ