ގޭގަ ތިބެގެން އާމްދަނީ ހޯދާ ފަރާތްތައް ރަޖިސްޓްރީވާކަށް ނުޖެހޭނެ: މިނިސްޓްރީ

ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ރަޖިސްޓްރީކުރާކަށް ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން ވަކި ފަރުދުން އާމްދަނީ ހޯދުމަށް ކުރާ ބައެއް ކަންކަމަކީ އިސްތިސްނާވެގެންވާ ވިޔަފާރި ކަމަށާއި އެގޮތުން އަމިއްލަ ދިިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން އަމިއްލަ ގޭގައި ނުވަތަ އެއް ތަނުން އަނެއް ތަނަށް ގޮސް ފަންނީ ހިދުމަތެއް ނުވަތަ އެނޫން ވެސް ހިދުމަތެއް ފޯރުކޮށްދިނުމަކީ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން ނުޖެހޭ ފަދަ މަސައްކަތްތައް ކަމަށެވެ.
އިކޮނިމިކް މިނިސްޓްރީން މިހެން ބުނެފައިމިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ނުނަގައި ކާބޯތަކެތީގެ ހިދުމަތް ދޭ ފަރާތްތައް ރަޖިސްޓްރީވުމަށް އެންގުމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
އެޗްޕީއޭއިން ވަނީ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ނުނަގައި ހިދުމަތް ދޭނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވައިދާ އެއްގޮތަށް ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތް ދޭންޖެހޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކުރުމަށްފަހުގަ އެވެ. އެކަމަކު ގޭގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ މީހުން ވެސް އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެޗްޕީއޭއިން ކަނޑައަޅާ ސާފުތާހިރުކަމުގެ މިންގަނޑުތަކަށް އަމަލުކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ގިނަ ބައެއްގެ އާމްދަނީއަށް ނޭދެވޭ އަސަރުތައް ކުރަމުން ދާތީ ގޭގައި ތިބެގެން މަސައްކަތްކޮށް އާމްދަނީ ހޯދާ މީހުންނަށް މިނިސްޓްރީން ވަނީ މަރުހަބާ ކިޔާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ