ރައީސް ޔާމީނާއި ވަކީލުން ބައްދަލުކުރުމުގެ ޢަމުރެއް ކްރިމިނަލް ކޯޓުން މިއަދު ނެރެނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވަކީލުންނަށް އެމަނިކުފާނާ ބައްދަލުކރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރެއް ނެރުއްވާނެކަން ކްރިމިނަލް ކޯޓުން މިއަދު ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޯޓަށް ހުށައަޅާފައިވާ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ މިއަދު ބޭއްވި އިބްތިދާޢި އަޑުއެހުމުގައި ރައީސް ޔާމީންއަށް ވަކީލުންނާއި ބައްދަލުނުކުރެވޭތާ ދޮޅުމަސްވެފައިވާކަމަށް އެމަނިކުފާނާއި އެމަނިކުފާނުގެ ވަކީލުން ވިދާޅުވުމުންނެވެ.
ރައީސް ޔާމީނާ ދެކޮޅަށް އުފުލާފައިވާ ޝަރީއަތުގެ ޢިބްތިދާޢީ އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނާއި ދެކޮޅަށް ކްރިމިނަލް ކޯޓަށް މިހާރު ހުށައަޅާފައިވާ މައްސަލައިގެ އެއްވެސް ލިޔެކިއުމެއް މިހާތަނަށް ލިބިލައްވާފައިނުވާކަމަށާއި، އެލިޔެކިއުންތައް ބައްލަވާފައި ނޫންގޮތަކަށް ޝަރީޢަތް ކުރިއަށްގެންދަން ފަސޭހަނޫންކަމަށެވެ.
މިކަމާއި ގުޅިގެން ދަޢުލަުގެ ވަކީލުންވަނީ ރައީސް ޔާމީނާ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ކަރެކްޝަނަލް ސަރވިސުން ދީފައިވާކަން އެސަރވިސްގެ ސިޓީއަކާ ހަވާލާދެއްވާ ވިދާޅުވެފައެވެ. އެގޮތުން އޮންނަ އުސޫލްގެ ތެރެއިން ޙުއްދަ ނަގައިގެންވެސް ޖަލަށް ބައްދަލުކުރަން ވަޑައިގެންނެވޭނެކަމަށް ވަކީލުންނަށް ކަރެކްޝަނަލް ސަރވިސުން އަންގާފައިވާކަމަށް ދަޢުލަތުގެ ވަކީލުން ވިދާޅުވިއެވެ.
ދެފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު މައްސަލަ ބައްލަވާ ފަނޑިޔާރު ވިދާޅުވީ ކޯޓަށް މައްސަލަ ހުށައެޅުމަށްފަހު މިވީ) މުއްދަތުގައި ދަޢުވާ ލިބޭ ފަރާތާ ބައްދަލުވެފައި ނުވާކަން ދެފަރާތަކުގެ ވާހަކަތަކުންވެސް އެނގެންއޮތުމުން މި މައްސަލައަކީ އޭގެ ޒާތުން ބޮޑު މައްސަލައަކަށްވާތީ މައްސަލަ ރައްދުވާ ފަރާތާއި ދިފާޢީ ވަކީލުންނާ ސީދާ ބައްދަލުކުރެވޭނެގޮތަށް ޕްރައިވެޓް ބައްދަލުވުމެއް ދިނުމަށް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ކޯޓުން މިއަދު ޢަމުރެއް ނެރުއްވާނެކަމަށެވެ.
މިއާއެކު ދައުލަތުން މިއަދު ހުށައެޅި ލިޔެކިއުންތައްވެސް މައްސަލަ ރައްދުވާ ފަރާތާއި ދިފާޢީ ވަލީލުންނަށް ރައްދުކުރުމައްފަހު 10 ދުވަހާ 15 ދުވަހާ ދެމެދު މި މައްސަލައިގެ އަޑުއެހުމެއް އަނެއްކާވެސް ކްރިމިނަލް ކޯޓުގައި ތާވަލުކުރާގޮތަށް މިއްދު ބޭއްވި ޢިބްތިދާޢީ އަޑުއެހުންވަނީ ނިންމަވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ