މެމްބަރު އީސަ ފައްސިވި މީހަކާ ބައްދަލުވެގެން އައިސޮލޭޝަނަށް

ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އީސާ އައިސޮލޭޝަންގައި ހުންނަވަން ޖެހިއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލިހުގައި އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަން ވެސް ކުރައްވާ އީސަ އައިސޮލޭޝަންގައި ހުންނެވީ އެ ކޮމިޓީގެ މުވައްޒަފަކު ފައްސިވުމާ ގުޅިގެންނެވެ.
"ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އިޖުތިމާއީ ކޮމިޓީގެ މުގައްރިރު އެއީ ޕްރައިމަރީ ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަވޭ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެއް ބޭފުޅަކު، އަނެއް ބޭފުޅަކާ ބައްދަލުވާ އިރު، މާސްކް އަޅުއްވަން ޖެހޭ ކަމަށެވެ.
މަޖިލީހުގެ އިދާރާގައި ޖުމްލަ 140 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުންދާ އިރު މީގެކުރިން ތިން މުވައްޒަފަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. ކޮވިޑް-19 އާ ގުޅިގެން މަޖިލީސް އިދާރާގައި ވެސް ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ.
ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ފުުރަބަންދު ކުރުމުން މަޖިލީހުގެ ޖަލްސާތައް ވެބް ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށް ގެންގޮސްފައިވެއެވެ. އެހެންނަމަވެސް ފުރަބަންދަށް ލުއިތައް ދޭން ފެށުމުގެ ކުރިން އެޗްޕީއޭގެ ހުއްދަ އާއި އެކު، މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ އިދާރާގައި ވަނީ ބާއްވަން ފަށާފައެވެ.
މިހާތަނަށް އައި އިރު މަޖިލީހުގެ އެއްވެސް މެމްބަރަކަށް ނުވަތަ އިދާރީ އިސް މުވައްޒަފަކަށް ކޮވިޑް-19 ޖެހިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ