ފެނާއި ނަރުދަމާގެ ބިލް ތަސްދީޤް ކުރުމުގެ ކުރިން ރެގިއުލޭޓްރީ އޮތޯރީޓީ އުފައްދަން ޖެހޭނެ: މެމްބަރު ސަލީމް

ފެނާއި ނަރުދަނމާގެ ބިލް ތަސްދީޤްކުރުމުގެ ކުރިން ރެގިއުލޭޓްރީ އޮތޯރިޓީ އުފައްދަން ޖެހޭނެކަމަށް އެބިލް ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުޤައްރިރު ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ. މެމްބަރު ސަލީމް މިހެން ވިދާޅުވީ ކޮމެޓީން ބިލް ދިރާސާ ކުރެއްވި ގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ފެނާއި ނަރުދަމާގެ ބިލް ފާސްކުރައްވައިފައެވެ. ބިލުގައިވާ ގޮތުގެ މަތިން، މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މި ޤާނޫނު ތަންފީޒު ކުރުމުގެ މަސްއޫލުވެރި ފަރާތަކީ އޮތޯރިޓީއެވެ. އޮތޯރިޓީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ ޚިދުމަތަށް އަގު ނަގަމުން ދަނީ ކަމާ ގުޅޭގޮތުން ހަދާފައިވާ ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުމާއި، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފެނުގެ ޚިދުމަތާއި ނަރުދަމާގެ ޚިދުމަތް ދެމުން ގެންދަނީ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުމާއި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ޤާއިމު ކުރަނީ އެ ރަށަކާ އެންމެ އެކަށޭނަ ފެނާއި ނަރުދަމާގެ ނިޒާމެއްކަން ކަށަވަރު ކުރުން ހިމެނެއެވެ. ފެނާއި ނަރުދަމާގެ ނިޒާމްތައް ފަރުމާ ކުރުމާއި ޤާއިމުކުރުމުގައި ހުންނަން ޖެހޭނެ މިންގަނޑުތަކާއި، ވިޔަފާރިއާއި ޢާންމު ބޭނުންތަކަށް އުފައްދާ ފެނުގައި ހުންނަންޖެހޭ މިންގަނޑުތަކާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ އިކިއުޕްމަންޓްތަކުގައި ހުންނަންޖެހޭ މިންގަނޑުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެ މަތިން ކަނޑައެޅުމާއި، އަދި ޢާންމު ބޭނުންތަކަށް ފޯރުކޮށްދޭ ފެނުގެ ކޮލިޓީ ލޯކަލް ކައުންސިލްތަކާއި ޚިދުމަތްދޭ ފަރާތާ ގުޅިގެން ގަވާއިދުން ބަލައި ޗެކްކުރަމުން ގެންދިއުން އޮތޯރިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެއެވެ.
ޤާނޫނު ތަންފީޒު ކުރުމުގެ ގޮތުން ގިނަ މަސްއޫލިއްޔަތުތަކުގެ އިތުރުން އޮތޯރިޓީއަށް ވަނީ ބާރުތަކެއްވެސް ދީފައެވެ. އެބާރުތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ ޚިދުމަތާ ގުޅިގެން، ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބަލާ ތަޙުޤީޤު ހިންގުމުގެ ބާރާއި، ފެން ފޯރުކޮށްދިނުމާއި ފެން ބޭނުންކުރާ އާލާތްތަކާއި މެޝިނަރީ އަދި އިކުއިޕްމަންޓް ފަދަ ތަކެތީގައި ފެން އިސްރާފުވުން ކުޑަކުރުމަށް ހުންނަ މިންގަނޑުތައް ބަލައި ފާސްކޮށް ދަރަޖަ ކުރުމުގެ ބާރާއި، ފެން އުފެއްދުމުގައި ރަށުގެ ޤުދުރަތީ ފެން ފަށަލައިން ނުވަތަ ކުޅި އަކުން ނުވަތަ ޗަސް ބިމަކުން ފެން ބޭނުން ކުރާކަން ސާބިތު ވެއްޖެނަމަ، އެކަން ހުއްޓުވުމާއެކު، އެކަމާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވާކަމަށް ބިލުގައި ހިމެނެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް، މި ޤާނޫނަށް ޢަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން ގިނަވެގެން ފަސް އަހަރުގެ ތެރޭގައި ޤާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތު ގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިނިސްޓްރީން ހަމަޖައްސަން ޖެހޭނެކަމަށްވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.  
ފެނާއި ނަރުދަމާގެ ޚިދުމަތާ ގުޅޭގޮތުން ކައުންސިލުތަކުގެ ދައުރު ފުޅާކޮށްފައިވާއިރު ކައުންސިލްތަކަށް މާލީ އެހީތެރިކަމާއި ލަފަޔާއި އިރުޝާދު ދިނުމާއި، ކައުންސިލްތަކުގެ ޤާބިލުކަން އިތުރު ކުރުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަކީ ބިލުގައިވާ ގޮތުން މިނިސްޓްރީގެ މަސްއޫލިއްޔަތެކެވެ. ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ފެނާއި ނަރުދަމާގެ ސިޔާސަތުތަކާ ގުޅޭގޮތުން މާސްޓަރ ޕްލޭނެއް މިނިސްޓަރ އެކުލަވާލަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ