ރާއްޖެއިން ކާޑު ހުސްވެއްޖެ ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް: އަމްރު

ރާއްޖެއިން ކާޑު ހުސްވެފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން ކާޑުގެ ބާވަތްތައް ހުސްވީ ކަމަށް ބުނެ ދޮގު ހަބަރު ފެތުރުމަކީ މިފަދަ ހާސްކަން ބޮޑު ވަގުތެއްގައި ރައްޔިތުންނަށް ކުރެވޭ އަނިޔާ އެއް ކަމަށާއި އެސްޓީއޯގެ ވެބްސައިޓުގައި ރާއްޖޭގެ އެކި ހިސާބަށް ކާޑު ގެންގޮސްފައިވާ މިންވަރާއި ތަފްސީލު ސާފުކޮށް ލިބެމުންދާނެ ކަމަށެވެ.
އަދި މިހާރުވެސް ދަނީ ރާއްޖޭގެ އެކި ރަށްރަށަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދެމުން ކަމަށްވެސް އަމްރު ވިދާޅުވިއެވެ.
އަމްރު މިފަދައިން ވިދާޅުވެފައި ވަނީ އެސްޓީއޯއިން އާދައިގެ ހަނޑުލާއި ބާސްމަތީ ހަނޑޫ ހުސްވެފައިވާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ހަބަރުތަކަށް ރައްދު ދެއްވައެވެ. އެ ހަބަރުތަކުގައި ބުނެފައިވަނީ ވަނީ އެސްޓީއޯގެ އޮންލައިން ވެބްސައިޓުގައި އާދައިގެން ހަނޑުލާއި ބާސްމަތީ ހަނޑޫ "އައުޓް އޮފް ސްޓޮކް" ކަމަށެވެ.
އެސްޓީއޯއިން މީގެ ކުރިން ބުނެފައި ވަނީ ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުންދާ ކޮވިޑް19ގެ ސަބަބުން ރާއްޖެއިން ކާޑުގެ ބާވަތްތަކާއި ބޭހުގެ ބާވަތްތައް ހުސްވެދާނެތީ ރައްޔިތުން ހާސްނުވުމަށާއި އެންމެ ނުރައްކާތެރި ހާލަތުގައިވެސް ރައްޔިތުންނަށް ބޭނުންވާ ތަކެތި ލިބޭނެ ގޮތް ހެދުމަކީ އެސްޓީއޯގެ އަމާޒުކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ އެފަދަ ހާލަތަކަށް ދިޔަނަމަވެސް އެސްޓީއޯ އޮތީ ތައްޔާރަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ