މާޔޫސްވެފައިވާ ހިތްތަކަށް ޢިބްރަތްތެރި ފިލާވަޅެއް-2

އިސްލާމީ ހިދާޔަތުގައި އެކަލޭގެފާނު ވެގެން ދިޔައީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާ ފުރިހަމަ އަޅުވެރިއަކަށެވެ. އަދި ﷲ ގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ލޮބިވެތި ސަހާބީއަކަށެވެ.
އެކަލޭގެފާނަށް މާތް ނަބިއްޔާގެފަރާތްޕުޅުން އިޚްތިރާމާއި ލޯބި ލިބިވަޑައިގެންނެވީ އެކަލޭގެފާނުގެ ތެދުވެރި އަމާނާތްތެރިކަމާއި އެކަލޭގެފާނުގެ ހިތްޕުޅުގައިވާ ހަރުދަނާ އިސްލާމްދީނުގެ އަޤީދާގެ ސަބަބުންނެވެ. އެގޮތުން އެކަލޭގެފާނު ވެގެންގޮސްފައިވަނީ މާތްނަބިއްޔާގެ އަރިހުގައި އެންމެ މަތިވެރި ސަހާބީންގެ ތެރެއިންނެވެ.
މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ޖުލައިބީބަށް ވަރަށް އިޚްތިރާމްކުރައްވާ އަޅާލެއްވިއެވެ. އަދި ޖުލައިބީބްގެ ބޭނުންފުޅުތަކަށް ސަމާލުކަންދެއްވާ އެކަންކަން ފުއްދަވައިދިނުމަށް އެހީތެރިވެވަޑައިގެންނެވިއެވެ. މިކަމަށް ހެކިދޭ އެއް ހާދިސާއަކީ އެއްދުވަހަކު ރަސޫލުﷲ صلى الله عليه وسلم އަންޞާރުންގެ ތެރެއިން މީހެއްގެ ގާތަށް ވަޑައިގެން ޖުލައިބީބްގެ އޭނާގެ އަންހެންދަރިކަލުންގެ ކައިވެންޏަށް އެދިވަޑައިގެންނެވި ހާދިސާއެވެ.
އިމާމް އަޙްމަދު ރިވާކުރައްވާފައިވާ އެހަދީޘްފުޅުގެ މާނައިގައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم އަންސާރުންގެ ތެރެއިން މީހެއްގެ ގާތަށް ވަޑައިގެން ހަދީސްފުޅުކުރެއްވިއެވެ.
"ކަލޭގެފާނުގެ ދަރިކަނބަލުންގެ ކައިވެންޏަށް ތިމަން ކަލޭގެފާނު އެދިވަޑައިގަންނަވަމެވެ."
އެމީހާ އުފަލުން ދެންނެވިއެވެ. "އާނއެކެވެ. ﷲގެ ރަސޫލާއެވެ. އެކަންވާނީ ތިމަންނާއަށް ލިބިގެންވާ ރަހްމަތަކަށެވެ. އަދި ޝަރަފަކަށެވެ."
އެކަލޭގެފާނު ހަދީޘްފުޅުކުރެއްވިއެވެ. " ތިމަންކަލޭގެފާނު އެކަމަނާ މި ހޯއްދަވަނީ ތިމަންކަލޭގެފާނުގެ އަމިއްލަފުޅު ކައިވެންޏަކަށް ނޫނެވެ."
އޭނާ ދެންނެވިއެވެ. "ﷲ ގެ ރަސޫލާއެވެ. ދެން ކޮންބޭކަލަކަށްތޯއެވެ."
އެކަލޭގެފާނު ދެންނެވިއެވެ. "ޖުލައިބީބްއަށް ޓަކައެވެ."
އަންސާރުންގެ މީހާއަށް މި އަޑު އިިވިވަޑައިގަތުމުން ހައިރާންވެ ދެންނެވިއެވެ. "ތިމަން ތިމަންނާގެ ދަރިފުޅުގެ މަންމައާއި ތިކަމާއިގުޅޭގޮތުން ވާހަކަދައްކާލަން ބޭނުންވެއެވެ." އަދި އޭނާ އޭނާގެ ދަރިފުޅުގެ މަންމަގެ ގާތަށްގޮސް ބުންޏެވެ. "ﷲ ގެ ނަބިއްޔާ ތިމަންމެންގެ ދަރިފުޅުގެ ކައިވެންޏަށް އެބަ އެދިވަޑައިގަންނަވައެވެ.
އޭނާގެ އަންހެނުން ދެންނެވިއެވެ.
"އެހެންތޯއެވެ. ތިއީ ކިހާބޮޑު އުފަލެއްތޯއެވެ."
އެކަމަކު އަންސާރުންގެ މީހާ އޭނާއަށް އޭގެ ތަފްޞީލް ބަޔާންކޮށްދިނެވެ. އަދި އެ ދެމީހުންގެ ދަރިފުޅު ކައިވެނިކުރެއްވުމަށް ރަސޫލާ އެދިވަޑައިގަންނަވަނީ ޖުލައިބީބާކަމަށް ބުންޏެވެ.
އެހިނދު އެކަނބުލޭގެ ބުންޏެވެ. "ކީކޭތޯއެވެ؟ ޖުލައިބީބާތޯއެވެ؟ ނޫނެކެވެ. ތިމަންމެން އޭނާ ޖުލައިބީބާ ކައިވެނިކުރާކަށް ނުރުހެމެވެ."
އެހިނދު އޭނާ އެވާހަކަ ﷲ ގެ ރަސޫލާ صلى الله عليه وسلم އަށް ދެންނެވުމަށް އެނބުރި ދިއުމަށް ހިނގައިގަތް ވަގުތު އޭނާގެ ޞާލިހް އަންހެން ދަރިކަލުން އޭނާގެ ބައްޕަގެ ގާތަށް އައިސް ދެންނެވިއެވެ. "ތިމަންގެ ކައިވެންޏަށް އެދެނީ ކާކުތޯއެވެ؟
އޭނާގެ މަންމަ ބުންޏެވެ. "ﷲ ގެ ރަސޫލާ صلى الله عليه وسلم ޖުލައިބީބްގެ ފަރާތުން ދަރިފުޅުގެ ކައިވެންޏަށް އެދިވަޑައިގެންފިއެވެ."
އެހިނދު އެމީހުންގެ ދަރިކަނބަލުން ދެންނެވިއެވެ. "މަންމަމެން ﷲ ގެ ރަސޫލާގެ އެދިވަޑައިގަތުމާއި ދެކޮޅުހައްދަވަނީތޯއެވެ؟ ފަހެ އެކަލޭގެފާނުގެ އެދިވަޑައިގަތުމަށް ފުރަގަސް ނުދެއްވާށެވެ. އެކަމުން ތިމަންނާއަށް އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ."
ތިރީގައި މިބަޔާންކުރެވޭ ފަދައިން އަބްދުލްވާހިދު ހާމިދު އޭނާ ލިޔުއްވި "ރަސޫލުﷲ صلى الله عليه وسلم ގެ ސަހާބީން" މިފޮތުގައި މިވާހަކައަށް އިތުރުކުރަށްވާ ބަޔާންކުރައްވާފައިވެއެވެ.
އެހިނދު އޭނާގެ މަންމަ މާޢާފަށް އެދޭ ހާލު ބުންޏެވެ.
"ދަރިފުޅާއެވެ. އިތުރަށް އެންމެ ބަހެއްވެސް ނުބުނާށެވެ. ހަމަކަށަވަރުން ތިމަންނާއަށްވަނީ ކުށެއްކުރެވިފައެވެ. އަދި އެކަމުން ތިމަން ތަޢުބާވަމެވެ. ޔަޤީނުންވެސް ޖުލައިބީބަށްވުރެ ވަކިން ރަނގަޅު ދެވަނަ ފަރާތެއް ދަރިފުޅަށްޓަކައި މިވަގުތު މަންމައަކަށް ނުފެނެއެވެ."
ޖެހިގެން އައި ދުވަހު ޖުލައިބީބާއި އެކަމަނާގެ ކައިވެނި ކުރެވުނެވެ.
އުޘްމާން (رضي الله عنه) އާއި އަލީ (رضي الله عنه) ޖުލައިބީބަށް ކައިވެނީގެ ހަފްލާއަށާއި ދިރިއުޅޭނޭ ތަނެއް ހަމަޖެއްސުމަށް ފައިސާގެގޮތުން އެހީތެރިވެވަޑައިގެންނެވިއެވެ.
އެފަދައިން އަންސާރުންގެ އެ ރީތި އަންހެން ކަމަނާއާއި އެއްދުވަސްވަރެއްގައި މުޅި މުޖުތަމަޢުގައި މަލާމާތްލިބި އެކަހެރިކުރެވިފައިވި ޖުލައިބީބްގެ ކައިވެނި ރަސޫލުﷲ صلى الله عليه وسلم ކޮށްދެއްވިއެވެ.
ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ