މެމްބަރު ރިޔާޒު، ދާއިރާގެ ދެރަށަށް މާސްކު ހަދިޔާ ކުރަށްވައިފި

ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބުދު ﷲ ރިޔާޟް، ދާއިރާގެ ދެ ރަށަށް ސަރޖިކަލް މާސްކް ހަދިޔާ ކުރަށްވައިފިއެވެ.
މިގޮތުން މެމްބަރު އަބުދު ﷲ ރިޔާޒުގެ ރިޔާޟް ފައުންޑޭޝަނުން ފަރާތުން ވަނީ ‏ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށާއި ތިމަރަފުށީ ޞިއްޙީ މަރުކަޒަށް، މިއިން ކޮންމެ ތަނަކަށް 500 ސަރޖިކަލް މާސްކް ހަދިޔާ ކުރަށްވާފައެވެ.
މިކަމާއި ގުޅިގެން އަބުދު ﷲ ރިޔާޒު ކުރަށްވާފައިވާ ޓުވީޓެއްގައި ވަނީ އަތޮޅުތެތެރެޔަށް ރޯގާ ފެތުރުނަނުދިނުމަށް މަސައްކަތްކުރަށްވާ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.
ރިޔާޟް ފައުންޑޭޝަނަކީ އެމްޕީ ކަޕްގެ ނަމުގައި އަގު ބޮޑު އިނާމުތައް ދެވޭ ފުޓުބޯޅަ މުބާރާތެއް ބާއްވަމުން އަންނަ ފައުންޑޭޝަނެކެވެ. އެމްޕީކަޕްގެ 2019 ވަނަ އަހަރުގެ މުބާރާތް މުޅި ތ. އަތޮޅަށް ހުޅުވާލައިގެން ބޭއްވި އިރު، ޗެމްޕިއަން ޓީމަށް 1 ލައްކަ އަދި ރަނަރަޕް ޓީމަށް ބައި ލައްކަ ރުފިޔާ ވަނީ ދީފައެވެ.
އެފައުންޑޭޝަންގެ ހެޕިނަސް ފަންޑު މެދުވެރިކޮށް ދާއިރާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރި އަރުވައި، ދާއިރާގައި މާލީ ފުދުންތެރިކަން އިތުރުކުރުމަށް އަންނަނީ ލުއި ލޯނުތައްވެސް ދޫ ކުރަމުންނެވެ.
މީގެ އިތުރުން ދާއިރާގެ ތައުލީމީ ދުޅަހެޔޮކަން އިތުރު ކުރުމުގެ ގޮތުން ދާއިރާގެ ދަރިވަރުން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުޞަތު ފަހިކޮށްދީ، އެ ފައުންޑޭޝަނުން އަންނަނީ ސްކޮލަރސިޕްގެ ފުރުޞަތުތައްވެސް ދެމުންނެވެ.
އޭގެ އިތުރުން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ދާއިރާގެ މީހުންނަށް ހައްޖުގެ މަތިވެރި އަޅުކަން ކުރުމަށް ފުރުޞަތު ހޯދައިދީ ހައްޖަށް ފޮނުވުމާއި، މިނޫންވެސް އިޖުތުމާއީ ގިނަ ހަރަކާތްތަކެއް އެ ފައުންޑޭޝަނުން ހިންގައެވެ.
އަބުދު ﷲ ރިޔާޒު 19 ވަނަ މަޖިލިސްގެ ތިމަރަފުށީ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާއިރު، 18 ވަނަ މަޖިލިސްގައި ވަނީ މަޖިލިސްގެ ކިނބިދޫ ދާއިރާ ތަމުސީލު ކުރަށްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ