އީދު ދުވަހު ހަވީރު ހިނގާފައި އުޅޭ ގޮތަށް ހަމަޖައްސައިފި

ފިތުރު އީދު ދުވަހު ހަވީރު 4:00 ފެށިގެން 7:00 އަށް މާލޭގައި ހިނގާފައި އުޅޭ ވަގުތަކެއް ކަމަށް ކަނޑައަޅައިފި އެވެ. ޓުރާންސްޕޯޓް އޮތޯރިޓީ އިން މިއަދު ބުނީ އީދު ދުވަހުގެ އެތިން ގަޑިއަކީ ފައިމަގުގައި ހިނގާފައި އުޅޭ ވަގުތުތަކެއް ކަމަށް ކަނޑައަޅާފައިވާ ކަމަށާއި އެވަގުތު ތަކުގައި ދުއްވޭނީ ވަކި ހާއްސަ ހުއްދައެއް ލިބިގެންވާ އުޅަނދުތަކެއް އެކަނި ކަމަށެވެ. އެއާއި ހިލާފަށް ދުއްވާ އުޅަނދުތައް 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ޓުރާންސްޕޯޓުން ބުންޏެވެ. އެވަގުތުގައި ދުއްވަން ހުއްދަދެވޭ އުޅަނދުތައް. *ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު *އެމްބިއުލާސް *ފުރާ މީހުން ބޭނުންކުރުމަށް ހުއްދަދެވޭ ޓެކްސީ އާއި ޕިކަޕް *ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކުރެވިފައިވާ ސައިކަލް *ސިޓީ ކައުންސިލުން ހުއްދަ ދީފައިވާ ބަސް އެއުޅަނދުތައް ދުއްވާއިރުވެސް ހައުސިން މިނިސްޓުރީއިން ދޫކުރާ ހާއްސަ ހުއްދައެއް ފެންނާނެހެން ހަރުކޮށްފައި ބަހައްޓަން ޖެހޭ ކަމަށް ޓުރާންސްޕޯޓުން ބުނެ އެވެ. ކަލަންޑަރު ދައްކާގޮތުން މިއަހަރުގެ ފިތުރު އީދު ދުވަހަކީ މާދަމާ އެވެ. ނަމަވެސް އެކަން ޔަގީން ވާނީ މިރޭ ހަނޑު ބެލުމަށްފަހު އިއުލާން ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ