ކޮވިޑް-19 އަކީ ﷲގެ ކޯފާއެއް ނޫން - ރައީސް މައުމޫން

މިހާރު ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމަކީ މާތްﷲ ގެ ކޯފާއެއް ނޫން ކަމަށާއި، މިފަދަ ކަންތައްތަކީ ވަކި ކަމެއްް ދިމާވެގެން ވާކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން ފައުންޑޭޝަނުން ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "ދިނާއި ދުނިޔެ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މައުމޫން ވިދާޅުވީ، މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑުމެންގެ ތެރޭގައި އެންމެ ރީރި އަދި އެންމެ ހަރުދަނާ ސިފަތައް ކުރިއަށް ނެރެން ޖެހޭނެ ކަމަށެވެ. އެއީ އަހުވަންތަކަމާއި، އެއްބަނޑު އެއްބަފާ ކަން ކަމަށެވެ.
""މުސްލިމުންނަކީ އަހުންތަކެއް، މާތްﷲ އަޅުގަނޑުމެން ލައްވާފައި ވަނީ އަހުންތަކެއްގެ ގޮތުގައި، މިގޮތަށް އަޅުގަނޑުމެން ތިބޭއިރު، އެހެން މީހުންނަށް ދިމާވާ ކަންތައްތައް އަޅުގަނޑުމެން ތަސައްވަރު ކުރަން ޖެހޭނެ، އެހެން މީހުންނަށް ދިމާވާ ކޮންމެ ކަމެއް އެއީ އަޅުގަނޑުމެންނަށް ދިމާވާ ކަމެއްގެ ގޮތުގައި ބަލަން ޖެހޭނެ"
އެކަމާއި ގުޅޭ މިސާލު ޖައްސަވަމުން ރައީސް މައުމޫން ވިދާޅުވީ، ކޮވިޑް-19 ޖެހިފައިވާ މީހަކު ގަންނާނެ ބިރާއި، އޭނާގެ ފަރާތުން އޭނާގެ އާއިލާއަށް މި ބަލި ޖެހިދާނެ ކަމަށްޠަކައި ކުރާ ހިތާމަ ކަންބޮޑުވާނެ މިންވަރު ހިތްޕުޅަށް ގެންނެވުމަށް އެދޭ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ، މިފަދަކަމުން ސަލާމަތް ވެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ. އެންމެން ގުޅިގެން އެއް ރޫހެއްގައި، އެއް އަޒުމެއްގައި މަސައްކަތްކޮށްގެން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"އެގޮތުގެ މަތިން މަސައްކަތްކޮށްފިއްޔާ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ލަހެއް ނުވެ، މިކަމުން ސަލާމަތް ވެވޭނެ"، މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ، މިފަދަ ކަންތައްތަކީ ވަކި ކަމެއްް ދިމާވެގެން ވާކަމެއް ނޫން ކަމަށެވެ.
""އެހެން މި ދެންނެވީ ދުނިޔެވީ ހަޔާތުގެ ތެރޭގައި މާ ކުރިންސުރެ ވަމުން އަންނަ ކަމެއް އެއްބައި ދުވަސްތައް ވާނީ ހިތްހަމަ ޖެހޭ އުފާވެރި ދުވަސްތަކަކަށް، އަނެއްބައި ދުވަސްތައް ވާނީ ހިތާމަވެރި ދުވަސްތަކަކަށް، މިއީ މިކަން އޮންނަގޮތް، މިއީ ކަމެއް އަޅުގަނޑުމެން ކުރީމަ ވާ ކަމެއް ނޫން، މިއީ ﷲގެ ކޯފާއެއް ނޫން" ރައީސް މައުމޫން ވިދާޅުވިއެވެ.
އެކަން އިނގެނީ ސޫރަތުލް ބަޤަރާގެ 155 ވަނަ އާޔަތުން ކަމަށްވެސް މައުމޫން ވަނީ ފާހަގަކުރައްވާފައެވެ.
އެ އާޔަތުގެ މާނަ
"ހަމަކަށަވަރުން ތިމަން ރަސްކަނލާންގެ ތިޔަބައިމީހުން އިމްތިހާން ކުރައްވާ ހުށީމެވެ. އެއީ ބިރުވެރިކަމާއި ބަނޑުހައިހޫނު ކަމުގެ ތެރެއިން ކަމެއް ކުރިމަތި ކުރެއްވުމުންނެވެ. އަދި މުދާތަކާއި ނަފްސުތަކާއި މޭވާތަކުން ބައެއް އުނިކުރެއްވުމުންނެވެ".
މައުމޫން ވިދާޅުވީ، މިކަހަލަ ކަންތައްތައް ދިމާވާނެ ކަަމަށް ގުރުއާނުގައި އަންގަވާފައިވާ ކަމަށެވެ. އަދި މިބާވަތުގެ ކަންތައްތައް ކުރިންވެސް މުސްލިމުންނާއި ދިމާވެފައިވާކަން ރައީސް މައުމޫން ވަނީ ފާހަގަކުރައްވާފައެވެ.
"ކީރީތި ރަސޫލާ އަސްހާބުންގެ ޒަމާނުގައި ޠާޢޫނު ބަލި ފެތުރިގެންދިޔަ، އަދި އެ ޠާޢޫނު ބަލި ޖެހިވަޑައިގެން އަވަހާރިވި އެއް ބާކަލަކީ މާތްﷲ ސުވަރުގެ ވައްދަވާނެ ކަމުގެ ވައުދުގެ ބަސްފުޅު އިއްވަވާފައިވާ 10 ބޭކަލުންގެ ތެރެއިން ބޭކަލެއް". ރައީސް މައުމޫން ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް މި ވައިރަސް އަށް ފައްސިވެފައި ވަނީ 250 މީހުންނެވެ. މީގެ ތެރެއިން 18 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ