ރައްޔިތުންގެ މަޖިލިސް: ރައްޔިތުން ބިކަވަމުންދާ ކަމަށް ވިދާޅުވެ، މީދޫ ދާއިރާގެ މެންބަރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

ރައްޔިތުން ބިކަ ވަނީ ގާނޫނުތައް ނެތިގެން ނޫން ކަމަށާއި ގާނޫނުތަކާ އެއްގޮތަށް ސަރުކާރުން އަމަލު ނުކުރާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ، ސަރުކާރު ހިންގުމަށް ޓަކައި ހަދަން ޖެހޭ ގާނޫނުތަކުގެ ތެރެއިން ވަރަށް ގިނަ ގާނޫނުތައް މަޖިލީހުން ފާސްކޮށްދީފައިވާނެ ކަމަށެވެ.
"ގާނޫނު އަސާސީގައި ބުނާ ފަދައިން ދިވެހި ރައްޔިތުން، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ގާނޫނުތައް ހަދާ. އަޅުގަނޑެއް ގަބޫލެއް ނުކުރަން ރައްޔިތުން ބިކަ ހާލުގައި ޖެހެނީ ގާނޫނެއް ނެތިގެން ކަމަކަށް. ރައްޔިތުންނަށް ބޭނުން ކަންކަން ނުކުރެވިގެން މިދަނީ ގަނޫނެއް ނެތިގެނެއް ނޫން. ރައްޔިތުން ހެކިވާ ގޮތުގައި އެ ގާނޫނުތަކަށް އަމަލު ކުރުމަކުން ނުދޭ،" ސިޔާމް ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކަށް ސަރުކާރުން ހުރަސް އަޅަމުންދާކަން ފާހަގަ ކުރައްވައި ސިޔާމް ވިދާޅުވީ، ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް ޓަކައި އުފައްދާފައިވާ ގާނޫނަށް އަމަލު ކުރުމަކުން ނުދާކަމަށެވެ. އަދި އެތައް އަތޮޅު ކައުންސިލަރުންނާއި ރަށު ކައުންސިލަރުންނަކަށް ރައްޔިތުންގެ އެތައް ފައިސާއެއް ހަރަދު ކުރަމުންދާއިރު އެމީހުންނަށް ކުރެވޭ މަސައްކަތެއް ނޯންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެމީހުންގެ އަތުގައި ވަނީ ބިޑި އަޅުވައިފައި. ދޫތައް ވަނީ ބަނދު ކޮށްފައި. އެމީހުންނަށް ކުރެވޭނެ ކަމެއްނެތް. އެމީހުންގެ ކުރިމައްޗަށް އަރައި މަގު ބަންދު ކޮށްފި. ކޮންމެ ބަޔަކު ދިން ނަމަވެސް މިއީ ރައްޔިތުންނަށް ދޭ ބޮޑެތި އަނިޔާ. މިފަދަ އަނިޔާތައް މިފަދަ ރޯދަ މަހު ހުއްޓާލުމަށް އަޅުގަނޑު ސަރުކާރަށާއި ސަރުކާރުގެ އިސްވެތިބި ބޭފުޅުންނަށް ގޮވައިލަން. މިހާރު މިހިރަ ވެރި މީހާ (ރައީސް ނަޝީދު) އާއި ވެރިކަން ކުރަމުންމިދާ މީހުންނަށް ތެދުމަގު ދައްކަވައި ހެޔޮ ގޮތްތައް މިންވަރު ކުރެއްވުމަށް ދުވާކުރަން. އެހެން ނޫންނަމަ އަޅުގަނޑު އެދެނީ އެ އެންމެން އިސްތިއުފާދީފައި ގެއަށް ވަޑައިގަތުން،" ސަރުކާރުން ކައުންސިލްތަކަށް ނުފޫޒު ފޯރުވަމުންދާކަން ފާހަގަ ކުރައްވައި ސިޔާމު ވިދާޅުވި އެވެ.
ރައްޔިތުންގެ އަތުން ޓެކްސް ނެގުމަށް ބޭނުންވާ ފަދަ ބިލުތަކަށް ސަރުކާރުން އިސްކަން ދީގެން މަސައްކަތް ކުރަމުންދާއިރު، އެކި ކަންކަމުގައި ރައްޔިތުންނަށް ސަބްސިޑީ ދިނުމަށް މަޖިލީހުން ފާސްކޮށްފައިވާ ކަންތައްތައް ސަރުކާރުން ތަންފީޒު ކުރަމުން ނުދާކަން ވެސް ސިޔާމު ފާހަގަ ކުރެއްވި އެވެ.
ސިޔާމު ވިދާޅުވީ މީގެ ދެ އަހަރު ކުރިން 24 ގަޑިއިރު ކަރަންޓް ލިބޭ ގިނަ ރަށްރަށުގައި މިހާރު ކަރަންޓް ދެމުން ދަނީ ތިން ގަޑިއިރު ކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ހިދުމަތް ދަށަށް ގޮސްފައިވާ މިންވަރު ފާހަގަ ކުރައްވައި ސިޔާމް ވިދާޅުވީ، "އަޅުގަނޑު ނިސްބަތްވާ ދ. އަތޮޅު އަތޮޅު ހޮސްޕިޓަލުގައި ވިއްސާނެ ޑޮކްޓަރެއްނެތް، ހޭނައްތާނެ ޑޮކްޓަރެއްނެތް، އަދި ކިއެއްތަ އެމީހުން ވަނީ ބިކަ ހާލިގައި ޖެހިފައި،" ކަމަށެވެ.
ސަރުކާރުން ގާނޫނުތަކާ އެއްގޮތަށް ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދެމުން ނުދާ މައްސަލައިގައި ސިޔާމަކީ ފާޅުކަން ބޮޑު ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގައި އަޑު އުފުއްލަވައި ވަކާލާތު ކުރައްވަމުން ގެންދަވާ މެންބަރެކެވެ.
ސިޔާމު ވިދާޅުވީ، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަރަންޓުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ދައުލަތުގެ ބަޖެޓްގައި ހިމަނައިގެން ފައިސާގެ ބޮޑު އަދަދެއް މަޖިލީހުން ފާސްކޮށްފައިވާ އިރު، ރައްޔިތުންނަށް ސަބްސިޑީ ދިނުމުގެ ބަދަލުގައި ރައްޔިތުން އަތުން ޓެކްސް ނެގުމަށް އިސްކަންދީގެން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
މި އަހަރުގެ ބަޖެޓްގައި، މަސްވެރިންގެ ސަބްސިޑީ އަށް ކަނޑައަޅާފައިވާ، 100 މިލިޔަން ފުރިޔާ އާއި ދަނޑުވެރިންނަށް ކަނޑައަޅާފައިވާ 50 މިލިޔަން ރުފިޔާ އާއި އިންޖީނުގެތަކަށް ކަނޑައަޅާފައިވާ 23 މިލިޔަން ރުފިޔާ، ދޭނެ އުސޫލެއް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކަނޑައަޅައި ސަރުކާރަށް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް އެގޮތަށް ސަރުކާރުން ރައްޔިތުންނަށް ސަބްސިޑީ ދޫ ކުރަމުން ނުދާތީ، ވަރަށް ގިނަ އާއްމުން ވެސް ދަނީ ނުރުހުން ފަޅު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ