ކޮރަޕްޝަނާއި ޤާނޫނާއި ޚިލާފަށް ދައުލަތުގެ އާމްދަނީ ބޭނުންކޮށްގެން އަމިއްލަ މިލްކިއްޔާތަށް ތަނަވަސްކަން ގެނައުމުން ހަތަރު އަހަރުގެ ޖަލު ހުކުމް އިއްވި ޓަމިލްނާޑޫގެ ކުރީގެ ޗީފް މިނިސްޓަރ ޖަޔަލަލީތާ ޖަޔަރަމް ކަފާލާތުގެ ދަށުން ދޫކޮށްލަން ކަރްނާޓަކާގެ ހައި ކޯޓަކުން ދެކޮޅު ހަދައިފި އެވެ.
ޖަޔަލަލީތާ 1991 ވަނަ އަހަރުން ފެށިގެން 1996 ވަނަ އަހަރާ ހަމައަށް ޓަމިލްނާޑޫގެ ޗީފް މިނިސްޓަރކަން ކޮށްފައިވާ އިރު، 2001 ވަނަ އަހަރު އޭނާގެ މައްޗަށް ދައުލަތުގެ ކުންފުންޏެއްގެ މިލްކިއްޔާތުގައި ހުރި މުދާތަކެއް އަމިއްލަ މިލްކިއްޔާތަށް ހެދުމުގެ ސަބަބުން އިންޑިޔާގެ ސުޕްރީމް ކޯޓުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އޭނާ އެ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތް ހެދި ނަމަވެސް، އޭނާގެ ޕާޓީ އިންތިޚާބު ކާމިޔާބު ކުރުމާ އެކު އޭނާ ވަނީ ހަތަރު މަސްދުވަހަށް ޗީފް މިނިސްޓަރ ކަން އަދާކޮށްފަ އެވެ. އަދި 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ މަޤާމުން ވަކި ކުރި ނަމަވެސް، އޭނާ ވަނީ 2002 ވަނަ އަހަރު އަލުން ޗީފް މިނިސްޓަރުގެ މަޤާމަށް އައިސް، ދައުރު ފުރިހަމަ ކޮށްފަ އެވެ.
ތިންވަނަ ދައުރަކަށް 2011 ވަނަ އަހަރު ޖަޔަލަލީތާ ހޮވުނު އިރު، އެނާގެ ދައުރުގެ ތެރެއިން، މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އޭނާ އަނެއްކާވެސް ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށް، އޭނާ ވަނީ ޗީފް މިނިސްޓަރގެ މަޤާމުން ވަކިކޮށްފަ އެވެ.
މިދިޔަ 20 އަހަރުން ފެށިގެން ޖަޔަލަލީތާ ޓަމިލްނާޑޫގެ މުދާތައް ނަހަމަ ގޮތުގައި، އަމިއްލަ ބޭނުމުގައި ބޭނުންކުރުމުގެ ސަބަބުން، ބެންގަލޫރުގެ ހައި ކޯޓުން ވަނީ އޭނާގެ މައްޗަށް ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ކުށާއި ކޮރަޕްޝަންގެ ކުށް ސާބިތުވާ ކަމަށް ނިންމާފަ އެވެ.
އެކޯޓުން ބުނީ، އޭނާގެ މިލްކިއްޔާތުގައި ރަނާއި، ބިމާއި، އެތައް ސަތޭކަ ފައިވާނާއި އެތައް ހާސް ސާރީއަކާ އެކު 10 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ހުރި އިރު، އެއީ އޭނާއަށް ލިބޭ އާމްދަނީއާ އެކަށޭނަ ތަކެތި ނޫން ކަމަށާއި، އެތަކެތި ހޯދީ އޮޅުވާލުމެއްގެ ތެރެއިން ކަމަށެވެ.
އަދި، ޖަޔަލަލީތާ ޓަމިލްނާޑޫގެ ޗީފް މިނިސްޓަރކަން ކުރި ފުރަތަމަ ދައުރުގައި، އޭނާ ޓަމިލްނާޑޫގައި 1000 އޭކަރުގެ ބިމެއް ހޯދާފައިވާ ކަމަށާއި، އެއީ އޭނާގެ އާމްދަނީއިން ހޯދޭނެ ބިމެއް ނޫން ކަން ކޯޓުން ބުނެފައި ވެ އެވެ.
އޯލް އިންޑިޔާ އަންނަ ޑްރާވިޑިއަން ޕްރޮގްރެސް ފެޑެރޭޝަން ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުރި ޖަޔަލަލީތާއަކީ، ކުރީގެ ފިލްމީ ތަރިއެކެވެ. އަދި އޭނާއަކީ އެންމެ ކޮރަޕްޓް އެއް ސިޔާސީ މީހާ ކަމަށް އެއްބަޔަކު ސިފަ ކުރާ އިރު، އޭނާގެ ޕާޓީގެ މެމްބަރުން ދެކެނީ އޭނާއަކީ އިންޤިލާބީ ލީޑަރެއް ކަމަށެވެ.
66 އަހަރުގެ ޖަޔަލަލީތާ ޖަލަށް ލުމަށް މިދިޔަ ހަފްތާގައި ހުކުމް ކުރެވުނު އިރު، އޭނާ ޖަލުން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދިފައި ވަނީ ސިއްހީ ސަބަބުތަކާ ހުރެ ކަމަށް އޭނާގެ ވަކީލުން ބުނެ އެވެ.
ޖަލު ހުކުމް އިއްވި ޓަމިލްނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ދޫކޮށްލަން ކޯޓުން ދެކޮޅުހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ