ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނަށް އަޅުގަނޑު ކުރިމަތިލާނަން: މުސްތަފާ

އޭޕްރީލް 14 ގައި ބާއްވާ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލައްވާނެ ކަމަށް، ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އެ ދާއިރާގެ ގޮނޑި ގެއްލުނު މުހަންމަދު މުސްތަފާ މިއަދު ވިދާޅުވެއްޖެ އެވެ.
"ހަވީރަ"ށް ދެއްވި އިންޓަވިއުއެއްގައި މުސްތަފާ ވިދާޅުވީ، އޭނާ އެ ދާއިރާއަށް އަލުން ކުރިމަތިލައްވަނީ، ދާއިރާގެ ވަރަށް ގިނަ މީހުންނާއި އެމްޑީޕީގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ. މީގެ އިތުރުން އެ ދާއިރާގައި ފަށާފައިވާ މަޝްރޫއުތައް ނިންމުމަށް މަސައްކަތްކުރެއްވުމަކީ ވެސް ބައި އިލެކްޝަނަށް ކުރިމަތިލެއްވުމުގެ ބޭނުމެއް ކަމަށް މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ، ތިމަރަފުށީ ދާއިރާއަށް ކުރިމަތިލާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، އަލުން ތިމަރަފުށީ ދާއިރާއަށް ކުރިމަތިލައްވާނީ، ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން، ފައިސާ ދެއްކުމަށް ފަހު ކަމަށެވެ.
މުސްތަފާގެ މައްޗަށް ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު ކުރެއްވި ދައުވާފައި ބުނެފައި ވަނީ، ކުރިން ރާއްޖޭގައި ހިންގި ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާސް އިންޓަނޭޝަނަލް (ބީސީސީއައި) އިން މުސްތަފާ ނަންގަވާފައިވާ 31،231.66 ( 481،592ރ.) ކޯޓުގެ ހުކުމާ އެއްގޮތަށް ދައްކާފައި ނެތް ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ފުރިހަމަވާން ޖެހޭ ޝަރުތުތައް ފުރިހަމަވެފައި ނުވާތީ އޭނާ މެމްބަރުކަމުން ވަކިކޮށްދިނުމަށް އުމަރުގެ ދައުވާގައިވެ އެވެ.
އަލުން މުސްތަފާ އަށް މަޖިލީހަށް ވާދަކުރެއްވޭނީ އެ ފައިސާ އަނބުރާ ދެއްކެވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ