އިންކްއަރީ ކޮމިޝަންގެ ތަހުގީގުން ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށް ނިންމައިފިނަމަ އެކަން ގަބޫލުފުޅު ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކޮމިޝަންގެ އެދިވަޑައިގަތުމަކަށް މިރޭ 10:30 ގައި އެ ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށްފަހު ޕީޕީއެމް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މައުމޫން ވިދާޅުވީ އިންކްއަރީ ކޮމިޝަނުން ނިންމާ ނިންމުމެއް އެމަނިކުފާނު ގަބޫލުފުޅުކުރައްވާނީ ބަޣާވާތަކަށް ނޫންކަމަށް ނިންމައިފި ނަމަ އެކަނި ކަމަށާއި ސަބަބަކީ ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫން ކަމަށެވެ.
"[އިންކްއަރީ ކޮމިޝަންގެ ނިންމުން] އަޅުގަނޑު ގަބޫލުކުރާނީ ބަޣާވާތަކަށް ނޫންކަމަށް ނިންމަވާފިއްޔާ. އެހެން މިދެންނެވީ އަޅުގަނޑަށް އެނގޭ އެއީ ބަޣާވާތެއް ނޫންކަން. އަޅުގަނޑު [އެދުވަހު] މެލޭޝިޔާގަ ހުއްޓަސް ވީޑިއޯ ރެކޯޑިން ދުށިން. މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ދުވަހު އިސްތިއުފާ ދެއްވިގޮތާއި ވިދާޅުވި ބަސްފުޅު، ތިމަންނަ މި އިސްތިއުފާ ދެއްވީއޭ. ތިމަންނަ އިސްތިއުފާ މިދެއްވަނީ ރައީސްކަމުގައި އިތުރަށް ހުންނަވައިފިއްޔާ ގައުމަށް އިތުރު ހިއްދަތިކަމާ ވޭންތައް ލިބިދާނެތީޔޭ. އަނެއްކާ އިސްތިއުފާގެ ސިޓީ ލިޔުއްވީ އޭނަ. ލިޔުއްވާފަ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވީ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިސްތިއުފާ ދެއްވުމަށް ފަހު ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށް ނަޝީދު ވިދާޅުވަނީ އެއީ ކޮންމެވެސް ބަޔަކު ނަޝީދުގެ "އިސްތަށިފުޅަށް އެރިގެން" ވާހަކަތައް ބަދަލުކުރުމުން ކަމަށާއި އެކަން އިންކްއަރީ ކޮމިޝަނަށް މިރޭ ކިޔައިދެއްވާފައިވާނެ ކަމަށެވެ.
މައުމޫން ވިދާޅުވީ ކޮމިޝަންގައި ނަޝީދުގެ ފަރާތްޕުޅުން މެންބަރަކު އިންނެވުމަކީ އެމަނިކުފާނު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމެއް ނޫންކަމަށާއި ނަޝީދުގެ ފަރާތުން އެ ކޮމިޝަންގައި މެންބަރަކު އިންނަވާ ގޮތަށް ރައީސް ވަހީދު ހަމަޖެއްސެވީ ބޭރުގެ ފަރާތަތަކުގެ ފިއްތުންތައް ވަރަށް ބޮޑުވެ، އެނޫން ގޮތެއް ނެތިގެން ކަމަށެވެ.
މައުމޫން ވިދާޅުވީ ނަޝީދުގެ ފަރާތްޕުޅުން އެ ކޮމިޝަންގައި މެންބަރަކު އިންނެވުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް ހިތްހަަމަ ޖެހިވަޑައިނުގަންނަވާ ކަމެއްކަމަށާއި ނަޝީދުގެ ފަރާތްޕުޅުން މެންބަރަކު އިންނަވާނަމަ އެމަނިކުފާނުގެ ފަރާތްޕުޅުން ވެސް މެންބަރަކު އެ ކޮމިޝަންގައި އިންނަވަން ޖެހޭނެ ކަމަށެވެ. ސަބަބަކީ ވޭތުވެދިޔަ ތަނުގައި އެމަނިކުފާނުގެ ބޮލުގައި ނަޝީދު ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދޮގު އިލްޒާމްތައް އަޅުވާފައި ވާތީ ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެންވީމަ އެވާހަކަފުޅަށް ތާއީދުކުރައްވާނެ ބޭފުޅެއް އިންނަވަންޏާ ކޮބައިތޯ އިންސާފަކީ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ނަޝީދުގެ ފަރާތްޕުޅުން މެންބަރަކު ކޮމިޝަނަށް އައްޔަން ކުރެއްވި ދުވަހު އެމަނިކުފާނުގެ ފަރާތުން ވެސް ކޮމިޝަނަށް މެންބަރަކު އައްޔަން ކޮށްދެއްވުމަށް ރައީސް ވަހީދު އަރިހު އެދިވަޑައިގެންނެވި ކަމަށާއި އެގޮތަށް ރައީސް ވަހީދު ހަމަނުޖެއްސެވީ އެކަން ކުރައްވަން ރައީސް ވަހީދަށް ފެނިވަޑައިނުގަތުމުން ކަމަށެވެ.
"ބޭރުގެ ފަރާތްތަކުގެ ފިއްތުން ވަރަށް ބޮޑުވެގެން އެނޫން ގޮތެއް ނެތިގެން ރައީސުލް ޖުމްހޫރިއްޔާ ދެކެވަޑައިގަތީ ކުރީގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން އިންނަވާ ބޭފުޅަކު ކޮމިޝަންގެ މެންބަރަކަށް ހެއްދެވުމަށް. [ކޮމިޝަންގައި އަޅުގަނޑު ދެންނެވިން] އެއީ އަޅުގަނޑު ވަރަށް ހިތްހަމަ ނުޖެހޭ ކަމެކޭ. މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ކޮމިޝަންގައި މެންބަރަކު އިންނަވާކަމަށްވާނަމަ އަޅުގަނޑުގެ ފަރާތުން ވެސް ބޭފުޅަކު ކޮމިޝަންގައި އިންނަވަން ޖެހޭނެޔޭ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އެމަނިކުފާނުގެ އެ ކަންބޮޑުވުންތައް ކޮމިޝަންގައި ދެންނެވުމުން ކޮމިޝަނުން ކުރާ ތަހުގީގަކީ އިންސާފުވެރި ތަހުގީގަކަށްވާނެ ކަމަށް ކޮމިޝަންގެ މެންބަރުން ވިދާޅުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކޮމިޝަނުން ބަލަންޖެހޭނީ ޖެނުއަރީ 14 އިން ފެބްރުއަރީ 8 އާއި ދޭތެރޭ ހިނގާފައިވާ ކަންތައްތައްތައް އެކަނި ކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ކޮމިޝަންގައި ދެންނަވާފައިވާނެ ކަމަށެވެ.
ހަތެއް ފެބްރުއަރީގައި ސަރުކާރަށް އައި ބަދަލަކީ ހަމައެކަނި ޖެނުއަރީ 14 އިން ފެބުރުއަރީ 8 އާއި ދޭތެރޭ ހިނގާފައިވާ ކަންތައްތަކުން އައިބަދަލެއް ނޫން ކަމަށާއި ނަޝީދުގެ ވެރިކަން ފެށުނު އިރުން ފެށިގެން ކަންހިނގައިދިޔަ ގޮތް ބަލައިފިނަމަ "ރައްޔިތުންގެ ޝުއޫރު އޮތްގޮތް" އެނގިގެން ދާނެކަމަށް ކޮމިޝަންގައި ދެންނެވި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ކޮމިޝަންގެ މެންބަރުން އެމަނިކުފާނައި ކުރެއްވި ސުވާލުތަކާ ބެހޭގޮތުން ސުވާލު ދެއްވަމުން މައުމޫން ވިދާޅުވީ "ހަތެއް ފެބްރުއަރީގައި ސަރުކާރަށް އައި ބަދަލުގައި ފައިސާގެ ގޮތުން އެއްވެސް ޚަރަދެއް ކޮށްފައި އޮންނާނެތޯ" ކޮމިޝަނުން އެއްސެވި ކަމަށާއި އަދި އޭގެ ޖަވާބުގައި "އެންމެ ސެންޓެއް ވެސް ލާރިއެއް ވެސް" އެކަމަށް ޚަރަދުކޮށްފައި ނޯންނާނެ ކަމަށް ވިދާޅުވެފައި ވާނެ ކަމަށެވެ. އަދި ފެބުރުއަރީ ހަތް ވަނަ ދުވަހުގެ ހެނދުނު ނަޝީދު އެމްއެންޑީއެފް ހެޑުކުއާޓާ އަށް ވަދެވަޑައިގަތުމުން "ކޮންމެވެސް މީހެއް ކައިރީ އެ މަސް ގޮސް ދަލުގަ ތެރެއަށް ވަނީޔޭ. ދަލުގަ ޖެހުނީޔޭ" އެމަނިކުފާނު ވިދާޅުވި ކަމަށް ނަޝީދު ވިދާޅުވެފައިވާކަމަށް ވެސް ކޮމިޝަނުން ސުވާލު ކުރެއްވި ކަމަށެވެ. އެސުވާލުގެ ޖަވާބުގައި އެއީ ދޮގެއް ކަމަށާއި އެކަހަލަ އެއްވެސް ވާހަކައެއް ވިދާޅުވެފައި ނުވާނެ ކަމަށް ކޮމިޝަންގައި ދެންނެވި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"ހަތެއް ފެބުރުއަރީ ދުވަހު ހެނދުނު ނަޝީދު އެމްއެންޑީއެފް ހެޑުކުއާޓާ އަށް ވަދެވަޑައިގަތުމުން އަޅުގަނޑު ކޮންމެވެސް މީހެއް ކައިރީ ބުނިކަމަށް ނަޝީދު އެބަ ވިދާޅުވެޔޭ މިހާރު އެމަސްގޮތް ދަލުގަ ތެރެއަށް ވަނީޔޭ. ދަލުގަ ޖެހުނީޔޭ. އެހެން ބުނިންހޭ. އަޅުގަނޑު ބުނިން ރޯމަރު ދޮގެކޭ. އެކަހަލަ އެއްވެސް ވާހަކަޔެއް ނުބުނަމޭ،" މައުމޫން ވިދާޅުވި އެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހާލަތު ރަނގަޅު ކުރުމަށް އެމަނިކުފާނު ދެކޭގޮތާއި ބެހޭގޮތުން ވެސް ސުވާލު ދެންނެވި ކަމަށާއި މަގުމައްޗަށް ނުކުމެ މީހުންނާއި ދިމާކޮށް ފުލުހުންނަށް ހަމަލާދީ އެމްޑީޕީން ހިންގާ ހަރުކަށި އަމަލުތައް ހުއްޓާލުމަށް ފަހު ޕާޓީތަކުގެ މެދުގައި ބައްދަލުވުންތައް ބާއްވައި މަޝްވަރާ ކުރުންކަމަށް ކޮމިޝަންގައި ދެންނެވި ކަމަށެވެ.
މައުމޫން ވިދާޅުވީ އެމަނިކުފާނު ކޮމިޝަނަށް ހާޒިރުވެވަޑައިގަތް އިރު ކޮން ބައެއްކަން ނޭނގޭ ބޭރުގެ ދެ އޮބްޒާވަރަކު ވެސް ތިއްބެވި ކަމަށާއި އެބޭފުޅުންގެ ސުވާލުތަކަށް ވެސް ޖަވާބުދެއްވާފައި ވާނެކަމަށެވެ. އަދި ކޮމިޝަންގެ މެންބަރުން އެމަނިކުފާނާއި ސުވާލުކުރެއްވީ ވަރަށް އަދަބުވެރިކަމާއެކު ކަމަށާއި އެމަނިކުފަނަށް ކުރެއްވި އިހުތިރާމަށްޓަކައި ކޮމިޝަންގެ ހުރިހާ މެންބަރުންނަށް ޝުކުރު ދަންނަވާކަމަށެވެ.
މައުމޫން ވިދާޅުވީ މިރޭ ކޮމިޝަނަށް ދީފައިވާ މައުލޫމާތު ތަކަކީ ކަން ހިނގިގޮތުގެ ހަގީގަތް ކަމަށާއި ސާބިތުމަކާއެކު "އަޅުގަނޑުގެ ކޮޅު" މިރޭ ދައްކާފައި ވާނެ ކަމަށެވެ.
"ކޮންމެ ގޮތަކަށް ނިންމިޔަސް ބަޣާވާތެއް ކަމަށް ގަބޫލެއް ނުކުރާނަން": މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ