ލިޔެކިޔުންތައް ލީކްވި ގޮތް ބަލައިދިނުމަށް އަލީ ވަހީދު ހުށަހެޅުއްވި މައްސަލައާ ގުޅިގެން އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށްފި

ކިއުބާގައި ހުންނަ އެމެރިކާގެ ގުއަންޓަނާމޯ ބޭ ޖަލުން ބަޔަކު ގެނައުމާ ގުޅޭ ލިޔެކިޔުންތައް ލީކްވި މައްސަލަ ބަލައި ދިނުމަށް އެދިވަޑައިގެން ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ފުލުހުންނަށް ހުށަހަޅުއްވާފައިވާތީ އިތުރަށް މައުލޫމާތު ސާފު ކުރުމަށްޓަކައި އިއްޔެ ފުލުސް އޮފީހަށް އޭނާ ހާޒިރުކޮށްފި އެވެ.
ގުއަންޓަނާމޯ ބޭ ޖަލުން މީހުން ގެންނަ މައްސަލަ އާންމުންގެ ސަމާލުކަމަށް ގެންނެވި އަލީ ވަހީދު މިއަދު ވިދާޅުވީ އޭނާ އިއްޔެ ހަވީރު 30: 3 އަށް ފުލުސް އޮފީހަށް ހާޒިރުކުރީ ލީކްވި ޑޮކިއުމަންޓާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް ކަމަށާއި އެއާ ގުޅިގެން ފުލުސް އޮފީހަށް ބަޔާނެއް ދެއްވި ކަމަށެވެ.
"އަޅުގަނޑު ދެންނެވިން މި މައްސަލަ [ލިޔެކިޔުންތައް ލީކްވުން] ފުލުސް އޮފީހަށް ހުށަހެޅީ އެއީ ކަންބޮޑުވާ ކަމަކަށް ވާތީއޭ. އެހެންވީމަ އެ މައްސަލަ ބަލައި ދިނުމަށް އެދޭ ކަމަށް. އެހެން ނަމަވެސް އަޅުގަނޑު ބުނިން މި މައްސަލައިގައި އިތުރު މައުލޫމާތު ދޭކަށް އަޅުގަނޑު ގަސްދެއް ނުކުރަމޭ. ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގައި ވެސް މި އިޝޫ ސަރުކާރުގެ އެކި ފެންވަރުގެ ބޭފުޅުން ގެންނަވައިގެން މިހާރު ހިނގަމުން ދަނީ. އެހެންވެ ލިޔެކިޔުންތައް ލީކްވި މައްސަލައިގައި އަޅުގަނޑު ވާހަކަ ދައްކާކަށް ނެތިން،" ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވި އެވެ.
އިއްޔެ ފުލުސް އޮފީހަށް އޭނާ ވަޑައިގެންނެވީ އޭނާގެ ގާނޫނީ ވަކީލާ ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރާ ވެސް އެކުގަ އެވެ.
ގުއަންޓަނާމޯ ބޭ ޖަލުން މީހުން ގެނައުމާ ގުޅޭ ގޮތުން ބަދަލުކޮށްފައިވާ ލިޔުންތައް ލީކުވި މައްސަލަ ބެލުމަށް ފުލުސް އޮފީހަށް އަލީ ވަހީދު ހުށަހަޅުއްވާފައިވާއިރު ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވެސް ވަނީ އެ މިނިސްޓްރީން ބަންޑާރަ ނާއިބު އޮފީހަށް ފޮނުވި ޑޮކިއުމަންޓެއް "ވަގަށް" ނަގާފައިވާ ކަމަށް ވިދާޅުވެ އެކަން ބަލައިދިނުމަށް އެދިވަޑައިގެން ފުލުސް އޮފީހަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.
ގުއަންޓަނާމޯ ބޭ ޖަލުން މީހުން ގެނައުމަށް ސަރުކާރުން މަސައްކަތް ކުރާތީ އެކަން ބަލައިދިނުމަށް އެދިވަޑައިގެން މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް އަލީ ވަހީދު ހުށަހެޅުއްވި މައްސަލައާ އެކު އެކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީ އާއި ބަންޑާރަ ނާއިބުގެ އޮފީހާ ދެމެދު ބަދަލުކޮށްފައިވާ ސިޓީއެއް ހިމަނުއްވާފައިވެ އެވެ. އަދި އެ ސިޓީއާ އެކު އެމެރިކާ ސަރުކާރުން ފޮރިން މިނިސްޓްރީ އަށް ފޮނުވާފައިވާ ޑިޕްލޮމެޓިކް ނޯޓެއް ވެސް ވެ އެވެ.
އަލީ ވަހީދު ވިދާޅުވެފައި ވަނީ އޭނާ "ވައްކަމެއް" ކުރައްވާފައި ނުވާނެ ކަމަށާއި ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ބެލެވޭ ކަމެއް ހިނގާ ކަމުގެ ލިޔެކިޔުންތަކެއް އޭނާއަށް ލިބިވަޑައިގަތުމުން އެކަން ދިރާސާ ކުރެއްވުމަށް ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ހުށަހެޅުއްވީ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ އާންމުންގެ ތެރެއިން އެ މައްސަލަ ފުރަތަމަ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ގެންނެވީ އޭނާ ކަމުގައިވީ ނަމަވެސް ފުލުސް އޮފީހުން އެންމެ ފުރަތަމަ އިނގިލި ދިއްކުރަން ޖެހޭނީ ފޮރިން މިނިސްޓްރީ އާއި ބަންޑާރަ ނާއިބުގެ އޮފީސް ނުވަތަ ރައީސް އޮފީހާ ދިމާލަށް ކަމަށެވެ. ސަބަބެއް ކަމަށް އަލީ ވަހީދު ވިދާޅުވެފައި ވަނީ އެ ލިޔެކިޔުންތައް ހުރީ އެ މުއައްސަސާތަކުގައި ކަމަށް ވާތީ އެވެ.
ގުއަންޓަނާމޯ ބޭ ޖަލުން މީހުން ގެންނަ މައްސަލައާ ގުޅިގެން ސަރުކާރުގެ ކަމާ ބެހޭ ވެރިން ވަނީ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ