ހުސްވެފައިވާ އޮޑިޓަ ޖެނެރަލް ކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް އަލީ ރަޝީދު އުމަރަށް ރުހުން ދިނުމަށް ނުފެންނަ ކަމަށް އޭނާގެ ނަން ދިރާސާކުރި މާލިއްޔަތު ކޮމެޓީން ނިންމައިފި އެވެ.
އެ ކޮމެޓީގެ މުގައްރިރު އަދި މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވީ އަލީ ރަޝީދު އުމަރުގެ ނަން ކޮމެޓީން ފޭލްވީ ކަނޑައެޅި ވަރަށް މާކްސް ލިބިވަޑައިނުގަތުމުން ކަމަށެވެ.
"ކޮމެޓީން ނިންމީ އަލީ ރަޝީދު އުމަރަށް ރުހުން ދޭނީ އިންޓަވިއުގައި ދެވޭ މާކްސްގެ އެވްރެޖް މާކްސް 75 ޕަސެންޓަށް ވުރެ މަތިން ލިބިވަޑައިގަތުމުން ކަމަށް. އެކަމަކު އޭނާ އަށް ލިބިވަޑައިގަތީ 62 ޕަސެންޓް. ކަނޑައެޅި މާކްސް އަށް ވުރެ ދަށުން މާކްސް ލިބިވަޑައިގަތުމުން ރުހުން ނުދިނުމަށް ނިންމީ،" ނާޒިމް ވިދާޅުވި އެވެ. "އޭނާ ފޭލްވެފައި އޮތީ އިންޓެގްރިޓީގެ މައްސަލަތަކާ ގުޅިގެން. ކޮމެޓީގެ މެމްބަރުން އެންމެ ބޮޑަށް ފާހަގަކުރެއްވީ އިންޓެގްރިޓީ މައްސަލަ."
އެނގިފައިވާ ގޮތުގައި އޭސީސީ ފިޔަވައި ޝަރުއީ ކޯޓުތަކުން ކޮމެޓީ އަށް މައުލޫމާތު ދީފައި ވަނީ އަލީ ރަޝީދު އުމަރުގެ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނެތް ކަމަށެވެ. އެހެން ނަމަވެސް އޭސީސީން މާލިއްޔަތު ކޮމެޓީ އަށް މައުލޫމާތު ދީފައިވަނީ، ހަވީރަށް އެނގިފައިވާ ގޮތުގައި، އޭނާއާ ބެހޭ މައްސަލައެއް ދިރާސާ ކުރަމުން ގެންދާ ކަމަށެވެ. އެއީ އޭސީސީގެ ރައީސް ކަމުގައި އަލީ ރަޝީދު އުމަރު ހުންނެވި ދުވަސްވަރު ބާރާއި ނުފޫޒު ބޭނުންކޮށްފައިވާ މައްސަލައެއް ކަމަށް ވެ އެވެ.
ކުރީގެ އޮޑިޓަ ޖެނެރަލް އިބްރާހިމް ނައީމްގެ މައްޗަށް ހިޔާނާތުގެ ތުހުމަތުކޮށް މިދިޔަ މާޗް 29 ގައި ރައްޔިތުންގެ މަޖިލީހުން އޭނާ މަގާމުން ވަކިކޮށްފައިވާއިރު އާ އޮޑިޓަ ޖެނެރަލަކަށް އަލީ ރަޝީދު އައްޔަން ކުރެއްވުމަށް ރައީސް ނަޝީދު މަޖިލީހަށް ނަން ފޮނުއްވިއިރު އޭނާގެ މައްޗަށް ތަފާތު ތުހުމަތުތައް ދަނީ ކުރަމުންނެވެ. އެގޮތުން ކުރީގެ އޮޑިޓަ ޖެނެރަލް ނައީމްގެ ހިޔާނާތުގެ މައްސަލަތައް ފަޅާ އަރުވާލި ސ. ހިތަދޫ، ރަންފަސް ހަސަން ލުތުފީ ގެންދަވަނީ އަލީ ރަޝީދު އުމަރު އޭސީސީގެ ރައީސް ކަމުގައި ހުންނެވި ދުވަސްވަރު ލުތުފީގެ އަގު ވެއްޓޭ ގޮތަށް ނޫސްބަޔާންތައް ނެރުއްވައި ހެއްދެވި ކަމަށް ވިދާޅުވެ ގެއްލުނު އަބުރުގެ ބަދަލު ހޯއްދެވުމަށް މަދަނީ ކޯޓުގައި ދައުވާ ކުރައްވަމުންނެވެ. އަދި ކޯޓުގައި މިހާރުގެ އޭސީސީން ބުނެފައި ވަނީ ކޮމިޝަންގެ ލިޔެކިޔުންތައް ލުތުފީ ލީކްކޮށްލި ކަމަށް ބުނެ ބަޔާން ނެރުއްވީ އަލީ ރަޝީދު އުމަރު އަމިއްލަ އަށް ކަމަށާއި އެކަމަށް އޭސީސީން ޒިންމާވާން ނުޖެހޭ ކަމަށެވެ.
އޭސީސީން ކޯޓުގައި ބުނެފައި ވަނީ އެ ކޮމިޝަނުގެ ޖަލްސާއެއް ބޭއްވޭނީ ދެ މެންބަރުންނަށް ވުރެ ގިނައިން ހާޒިރުވެގެން ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އަދި ކޮމިޝަނުގެ ކަމެއް ނިންމޭނީ ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށް ގާނޫނުގައި ބުނާ ކަމަށް ވެސް އޭސީސީން ކޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް ލުތުފީއާ ބެހޭ ގޮތުން އަލީ ރަޝީދު ބަޔާން ނެރުއްވީ އެ އުސޫލުތަކާ ހިލާފަށް ކަމަށް ވެސް އޭސީސީން ކޯޓުގައި ބުނެފައިވެ އެވެ.
އެ ބަޔާން ނެރުމަކީ ގާނޫނާ ހިލާފް ކަމެއް ކަމަށް ބުނެ ކޮމިޝަނުން ވަނީ އެ މައްސަލަ ފުލުހުންނަށް ވެސް ފޮނުވައިފަ އެވެ.
އޮޑިޓަ ޖެނެރަލް ކަމަށް އަލީ ރަޝީދު އުމަރަށް ރުހުން ދޭން ނުފެންނަ ކަމަށް މަޖިލީހުގެ ކޮމެޓީން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ