ހަވީރު ނޫހުގެ އަގު ބޮޑުކުރަން ވިސްނަމުންދާ ކަމަށް ބުނެފި

ހަވީރަށާއި ރާއްޖޭގެ ޕްރިންޓް މީޑިއާ އަށް މިދުވަސްވަރު ކުއްލި ބައެއް ދަތިތަކަކާ ކުރިމަތިވެފައިވާތީ ނޫހުގެ ކޮޕީއެއްގެ އަގު ބޮޑުކުރުމަށް ވިސްނަމުންދާ ކަމަށް ބުނެފި އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ނޫހުގެ މެނޭޖްމަންޓުން ވާހަކަދެއްކެވި އޮފިޝަލަކު މިއަދު ވިދާޅުވީ މިހާރު ދިމާވެފައިވާ އިގްތިސާދީ އާއްމު ދަތިތައް ހަވީރުން ވެސް ތަހައްމަލުކުރަން ޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން، ނޫސް ޗާޕުކުރުމަށް ބޭރުން ގެންނަން ޖެހޭ ތަކެތި ބަރާބަރަށް ގެނައުމުގައި އުނދަގޫތަކާ ކުރިމަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކަންކަމާ އެކު ވެސް ހަވީރުން މަސައްކަތްކުރަމުން މި އަންނަނީ ރާއްޖޭގެ ނޫސްވެރިކަން ތަރައްގީކުރާށާއި ޕްރޮފެޝަނަލްކޮށް ނޫސްވެރިކަންކުރުމަށް މި ނޫހުން ފަށާފައިވާ މަސައްކަތް ކުރިޔަށް ގެންދިއުމުގެ މަސައްކަތް ދެމެހެއްޓެނިވިގޮތުގައި ކުރުމުގެ އަޒުމުގައި،" މެނޭޖުމަންޓުން ވާހަކަދެއްކި އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަވީރުގެ އަގު ބޮޑުކުރުމަށް ވިސްނަމުން ދަނީ އަންނަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކޮޕީއެއްގެ އަގު ހަތަރު ރުފިޔާ އިން ފަސް ރުފިޔާ އަށް ކަމަށެވެ.
ހަވީރުގެ އަގަށް އެންމެ ފަހުން ބަދަލު ގެނެސްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.
"އެ ފަހަރު ހަވީރުގެ އަގަށް ބަދަލު ގެނައީ، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަމުން އައި ނަމަވެސް، އަގު ބޮޑުނުކޮށް ފަސް އަހަރު ދުވަސް މަޑުކުރުމަށްފަހު ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ބޭރުން ގެންނަ ތަކެތީގެ އަގަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ވާތީ،" މެނޭޖުމަންޓުން ވާހަކަދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޮކްޓޯބަރު އެއް ވަނަ ދުވަހުން ފެށިގެން ނޫހުގެ އަގަށް ބަދަލު އައި ނަމަވެސް ހަފުތާ ނަންބަރުގެ އަގަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި މި އަހަރަށް ްގަނޑުކޮށް އިޝްތިރާކު ދައްކަވާފައިވާ ފަރާތްތަކުން ވެސް އިތުރު ފައިސާއެއް ޗާޖު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފިހާރަތަކުން ނޫސް ގަންނަ ފަރާތްތަކަށް ފަސް ރުފިޔާ އަށް ނޫހެއް ލިބޭނެ. ހަމަ އެފަދައިން 2009 ވަނަ އަހަރަށް ކުރިން ނޫހުގެ އިޝްތިރާކު ދައްކާފައިވާ ފަރާތްތަކަށް ނޫހުގެ އަގަށް މި ގެނެވުނު ބަދަލަކުން އިތުރު ޗާޖެއް ނުކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ