ހަނިމާދޫ އެއާޕޯޓުގައި ހޮޓާ އެޅުމުގެ ބީލަން މާމިގިލީ އަލީ ރަޝީދު ކާމިޔާބުކޮށްފި

ހދ. ހަނިމާދޫ ރީޖަނަލް އެއާޕޯޓް ސަރަހައްދުގައި 200 އެނދުގެ ހޮޓަލެއް އެޅުމަށް 10 އަހަރުގެ ކުލީގެ ގޮތުގައި އެންމެ މަތީ ކުއްޔެއް ހުށަހަޅައިގެން އެ ހޮޓަލުގެ ބީލަން ކާމިޔާބުކުރީ އދ. މާމިގިލީ، ނޫވިލާގޭ އަލީ ރަޝީދު އާދަމް ކަމަށާއި އޭނާއަށް މިހާރު ނޯޓިފިކޭޝަން އޮފް އެވޯޑް ހަވާލު ކުރައްވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ވިދާޅުވެއްޖެ އެވެ.
ހަނިމާދޫގައި ހޮޓާ އެޅުމަށް ހަ ފަރާތަކުން ބީލަން ހުށަހަޅާފައި ވާއިރު، 10 އަހަރުގެ އެވްރެޖް ކުއްޔަކަށް އަލީ ރަޝީދު ހުށަހަޅާފައި ވަނީ އަހަރަކު އެނދަކަށް 7،282.84ރ. އެވެ.
ހަނިމާދޫ އެއާޕޯޓުގައި ހޮޓާ އެޅުމަށް ބީލަން ހުށަހެޅި ހަ ފަރާތުގެ ތެރެއިން، ފިނޭންސް މިނިސްޓަރު ގާސިމް އިބްރާހިމްގެ ވިލާ ހޮޓެލްސްގެ މާކެޓިން ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އަލީ ރަޝީދު އާދަމަށް ބިޑް އިވެލުއޭޝަންގައި ވަނީ 100 ޕޮއިންޓް ލިބިފަ އެވެ. ޓޫރިޒަމް މިނިސްޓްރީން މިއަދު ހާމަކުރެއްވި ބިޑް އިވެލުއޭޝަން ރިޕޯޓުގައިވާ ގޮތުން އަލީ ރަޝީދު އާދަމަށް ވަނީ ކުއްޔަށް ކަނޑައަޅުއްވާފައިވާ 45 މާކްސް ހަމައަށް ލިބިފަ އެވެ. އަދި ހިއުމަން ރިސޯސަސް އަށް ބީލަމުގައި ކަނޑައަޅުއްވާފައިވާ 20 މާކްސް ވެސް ހަމައަށް ލިބިފައި ވެ އެވެ. އޭގެ އިތުރުން އޭނާ ހުށަހެޅި ބީލަމުގެ ލޯކަލައިޒޭޝަނަށް ނުވަތަ ދިވެހިން ހިއްސާކުރާ މިންވަރަށް 15 މާކްސް ލިބިފައިވާއިރު، ތަމްރީނުތަކަށް ވަނީ 20 މާކްސް ލިބިފަ އެވެ.
މި ބީލަމުގައި އަލީ ރަޝީދާ އެންމެ ބޮޑަށް ވާދަކުރެއްވީ ފިނޭންސް މިނިސްޓަރު ގާސިމް އިބްރާހީމްގެ ދަރިކަނބަލުން މ. މާފަންނުވިލާ ފާތުމަތު ތަސްލީމާ އެވެ. ބިޑް އިވެލުއޭޝަންގެ ދެވަނަ އޭނާއަށް ލިބިފައި ވަނީ 89.36 މާކްސް ހޯދައިގެންނެވެ. ބިޑް އިވެލުއޭޝަންގައި ތިން ވަނަ ލިބުނީ ވިސްޓާ ކޮމްޕެނީ ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުންޏަށް ތިންވަނަ ލިބުނީ 78.39 މާކްސް ހޯދައިގެންނެވެ. ހަތަރު ވަނަ ލިބުނީ ސ. މަރަދޫފޭދޫ އަލަނާސިގޭ މުހައްމަދު ލަތީފަށެވެ. އޭނާ އަށް ލިބިފައި ވަނީ 75.36 މާކްސް އެވެ. ބިޑް އިވެލުއޭޝަންގައި ފަސް ވަނަ ލިބުނު ސ. މަރަދޫފޭދޫ މީނާޒް، މުހައްމަދު ސައީދަށް ލިބިފައި ވަނީ 71.97 މާކްސް އެވެ. އަދި ހަ ވަނަ ލިބުނު ގ. ސްވިންގް، އަބްދުﷲ ނަސީރަށް ލިބިފައި ވަނީ 66.9 މާކްސް އެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވި ގޮތުގައި، އަލީ ރަޝީދު އެންމެ މަތީ ޕޮއިންޓް ހޯދައިގެން، ހަނިމާދޫ އެއާޕޯޓުގައި ހޮޓާ އެޅުމުގެ ބީލަން ކާމިޔާބު ކުރުމުން 10 އަހަރު ދުވަހުގެ ކުއްޔަށް އޭނާ ހުށަހަޅާފައިވާ ފައިސާ އާއި ބީލަން ފޮތުގައިވާ ދެ މިލިއަން ޑޮލަރުގެ ޕާފޯމަންސް ސިކިއުރިޓީ އިއްޔެ އިން ފެށިގެން 14 ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭނެ އެވެ. އަދި އެ ހުރިހާ ފައިސާއެއް ދެއްކުމުން ހަނިމާދޫ ހޮޓަލުގެ އެގްރީމަންޓުގައި ސޮއިކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވި އެވެ.
"މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކަވައި އަދި ޕާފޯމަންސް ސިކިއުރިޓީ ހުށަނާޅުއްވައިފި ނަމަ ބީލަން ފޮތުގައިވާ ގޮތަށް އެ ފަރާތުން ހުށަހެޅުއްވި ބިޑް ސިކިއުރިޓީ ސަރުކާރަށް ނަންގަވައި އަދި ދެ ވަނަ އަށް އެންމެ މަތީ ޕޮއިންޓް ހޯއްދެވި ފަރާތަށް ނޯޓިފިކޭޝަން އޮފް އެވޯޑް ހަވާލު ކުރެވޭނެ އެވެ،" ހަނިމާދޫ އެއާޕޯޓުގައި ހަދާ ހޮޓަލާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނެރުއްވި ބަޔާނުގައި ވެ އެވެ.
ހަނިމާދޫ އެއާޕޯޓުގައި ހޮޓާ އެޅުމުގެ ބީލަމުގައި މާކްސް ދީފައި ވަނީ ނެޓް ޕްރެޒެންޓު ވެލިޔު އަށް ބަލައި ކުއްޔަށް 45 މާކްސް، ހިއުމަން ރިސޯސް ޕްލޭނަށް 35 މާކްސް އަދި ހެލްތު އިންޝުއަރެންސަށް 20 މާކްސް އެވެ. ބީލަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ވެސް ހިޔުމަން ރިސޯސް ޕްލޭނާއި ހެލްތު އިންޝުއަރެންސް ބިޑް ޑޮކިޔުމަންޓުގައި ބުނާ އެންމެ މަތީ މިންވަރަށް ހުށަހަޅާފައި ވެ އެވެ.
ހަނިމާދޫ އެއާޕޯޓު ސަރަހައްދުގައި 4.1 ހެކްޓަރުގެ ބިމެއް ހޮޓާ އެޅުމަށް ހާއްސަކޮށްފައި ވެ އެވެ. ހަނިމާދޫގެ އިތުރުން ގދ. ކާޑެއްދޫ އެއާޕޯޓުގައި ވެސް 200 އެނދުގެ ހޮޓަލެއް އެޅުމަށް އަށް ފަރާތަކުން ވަނީ ބީލަން ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ