ޑީއާރުޕީން ކުރަން އުޅޭ ކަމަކީ އަޅުގަނޑު ޕާޓީން ވަކިކޮށްލުން: އުމަރު ނަސީރު

އިދިކޮޅު ޑީއާރުޕީން ކުރަން އުޅޭ ކަމަކީ އޭނާ އެ ޕާޓީން ވަކި ކޮށްލުން ކަމަށް ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އުމަރާއި އަނެއް ޑެޕިއުޓީ ލީޑަރު ގެމަނަފުށީ ދާއިރާގެ އިލްހާމް އަހުމަދާ ދެ ބޭފުޅުން އިސްވެ ތިއްބަވައިގެން މާދަމާ ރޭ ބާއްވާ މުޒާހަރާއާ ގުޅިގެންނާއި އަދި ހިނގައި ދިޔަ އެހެން ކަންތައްތަކާ ގުޅިގެން އުމަރު ނަސީރުގެ މައްސަލަ ބެލުމަށް ޕާޓީގެ ޑިސިޕްލިނަރީ ކޮމެޓީއަށް ހުށަހެޅުމަށް މިއަދު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ނިންމުމާ ގުޅިގެން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އޭނާ ވިދާޅުވީ މިއީ ޑީއާރުޕީގެ ޑިމޮކްރެޓިކް ހަޔާތުގައި ހިތާމަވެރި ދުވަހެއް ކަމަށެވެ.
"މިކަން ހަމަޖެހިފައި އޮތް ގޮތަކީ ހަމަ އަޅުގަނޑު ދިވެހި ރައްޔިތުންގެ ޕާޓީން ބޭރަށް ނެރުން. އަޅުގަނޑާއެކު އިލްހާމް ވެސް ބޭރަށް ނެރުމަށް ހިޔާލު ކުރައްވާފައި އޮތީ،" އުމަރުގެ އަމިއްލަ އޮފީސް ވޭލް ސަބްމެރިންގައި އިރުކޮޅެއް ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ހަގީގަތުގައި މި ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި މަސައްކަތް މި ކުރަނީ، އަދި ސަރުކާރާއެކު ސިއްރު ވާހަކަތަކާ އެއްޗެތި ނުބާއްވައި އެކަމަށް ގޮވާލައި، އެހެން ހެދޭ ސިއްރު ޑީލްތަކާ ހެދީ ދައްކާ މި ހަދަނީ އަޅުގަނޑުމެން. ކައުންސިލްގައި ވެސް އަޅުގަނޑު މިއަދު ދައްކާފައި އޮންނާނެ އަޅުގަނޑުމެންގެ ޕާޓީގެ އިސް ބޭފުޅުން ސަރުކާރާއެކު އެކިއެކި ސިއްރު މުއާމަލާތްތައް ކޮށްފައި ހުރި ވާހަކަ. ދެން އަޅުގަނޑު އެ ވާހަކަ މީޑިއާގައި ހާމައެއް ނުކުރާނަން."
އޭނާ ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދުގެ 83 ވަނަ މާއްދާގައިވާ ގޮތުން ޑެޕިއުޓީ ލީޑަރަކާ މެދު އަޅަން އޮންނަ ހަމައެކަނި ފިޔަވަޅަކީ އެ ބޭފުޅަކާ މެދު އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުން ކަމަށާއި އެހެންވެ އެއީ އަސާސީ ގަވާއިދާ ހިލާފު ކަމެއް ކަމަށެވެ. އަދި އެ މާއްދާ ބުނާ ގޮތުން ޑެޕިއުޓީ ލީޑަރަކާ މެދު ފިޔަވަޅު އެޅޭނީ ކޮންގްރެސްއަށް ކަމަށް ވެސް އުމަރު ފާހަގަ ކުރެއްވި އެވެ.
އުމަރު ބޭއްވެވި މި ނިއުސް ކޮންފަރެންސްގައި އިލްހާމްގެ އިތުރުން ކައުންސިލް މެމްބަރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އަސާސީ ގަވާއިދުގެ 83 ވަނަ މާއްދާއާ ހަވާލާދީ އިލްހާމް ވިދާޅުވީ ޕާޓީގެ ޒައީމާއި ނާއިބު ޒައީމްގެ މައްޗަށް އިތުބާރު ނެތް ކަމަށް ނެގުން ކަމަށް ބެލެވޭނީ އިތުބާރު ނެތް ކަމުގެ ގަރާރެއް، ޕާޓީގެ ގައުމީ ޖަލްސާ ނުވަތަ ކޮންގްރެސްގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ކަމަށާއި ކޮންގްރެސްއިން ނޫން ގޮތަކަށް އެކަން ނުނިންމޭނެކަން އެ މާއްދާއިން ވަރަށް ސާފުކޮށް އިނގޭ ކަމަށެވެ.
"މިފަދަ ސާފުގޮތަކަށް ލިޔެފައިވާ ހިނދު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ވަރަށް ހުދުމުހުތާރު ގޮތަކަށް އަޅުގަނޑުމެންގެ ޕާޓީން އަމަލުކުރި މަންޒަރު. އަޅުގަނޑު ދަންނަވާނީ މިއީ ޑިމޮކްރެސީ ހަޔާތުގައި ޑީއާރުޕީއަށް ލިބުނު ވަރަށް ރަނގަޅު ފިލާވަޅެކޭ. އަދި ޑީއާރުޕީން ކޮށްގެންވާނެ ކަމެއް ވެސް ނޫނޭ،" އިލްހާމް ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ މުޒާހަރާއާ ގުޅޭ ގޮތުން އޭނާ އާއި އުމަރާއި އަދި އެހެން ބައެއް މެމްބަރުން ވެސް ކުރެއްވީ އެއް ކަމެއް ކަމަށެވެ. އެ ގޮތުން މުޒާހަރާ ބޭއްވުމަށްޓަކައި ޕާޓީގެ ލެޓަ ހެޑްގައި އުމަރު ނަސީރެކޭ އެއްގޮތަށް އޭނާ ވެސް ސޮއި ކުރެއްވި ކަމަށް އިލްހާމް ވިދާޅުވި އެވެ.
"އެކަމަކު މީގައި ހިތާމަކުރަންޖެހޭ ކަމަކީ އުމަރާ ދޭތެރޭ ފިޔަވަޅު އެޅީ. އަޅުގަނޑު ވެސް ކުރީ އެއް ކުށެއް. އަޅުގަނޑު ހަމަ މީޑިއާ ކުރިމަތީގައި މި ބުނަނީ އަޅުގަނޑު އެ ކުށް ކުރީމޭ. އެކަމަކު ހަމަ ގައިމު ވެސް އަޅުގަނޑުގެ މައްސަލަ ބަލާކަށް އެ ބުނާ ކޮމެޓީއަކަށް ނުފޮނުވާ. އެއީ ހިތާމަކުރަންޖެހޭ ކަމަކީ. ވަކި މީހަކު ޕިކްކޮށްލައިގެން މައްސަލަ ބަލަން ފޮނުވަނީ،" އިލްހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުޒާހަރާ މާދަމާ ރޭ ވެސް ބާއްވާނެ ކަމަށާއި އެކަން ނުވެސް ހުއްޓުވޭނެ ކަމަށެވެ.
މަހުލޫފު ވިދާޅުވީ އެ ބޭފުޅުން މަސައްކަތް ކުރައްވަނީ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީއާ ދެކޮޅަށް ނޫން ކަމަށާއި ކުރައްވާ ކަމަކީ ސަރުކާރުން ކުރާ "ޣައިރު ގާނޫނީ ކަންތައްތަކަށް" ރައްދު ދީ ސަރުކާރު ޒިންމާދާރު ކުރުވުން ކަމަށެވެ. އަދި މުޒާހަރާ ބާއްވަނީ ޑީއާރުޕީގެ މެމްބަރުންގެ ވިންދު އެނގިވަޑައިގަންނަވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަހުލޫފު ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އުމަރު ނަސީރާ ދެކޮޅަށް ވޯޓު ނެގިއިރު ޕާޓީގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫނާއި މުހައްމަދު ޣައްސާން މައުމޫން އެ ވޯޓުގައި ބައިވެރިވެ ވަޑައިނުގަންނަވާކަން ފާހަގަކޮށް އެކަމާ އުފާ ކުރައްވާ ކަމަށެވެ.
"އެއްވެސް ހާލެއްގައި އަޅުގަނޑުމެން ބޭނުމެއް ނޫން ޑީއާރުޕީ ތެރޭގައި ރައީސް ނަޝީދު ސަރުކާރު ހިންގަވާ ގޮތަށް ކަންތައް ކުރައްވާކަށް. އެ މަނިކުފާނަށް ގާނޫނު އަސާސީގައި ނެތް ބާރު ބޭނުންކުރައްވައިގެން ސުޕްރީމް ކޯޓުގައި ގޮސް ތަޅު އަޅުވާ ގޮތަށް، ޑީއާރުޕީގެ އަސާސީ ގަވާއިދު އޮއްވައި އޭތި މުގުރާލާފައި ގޮސް މީހުންނަށް ފިޔަވަޅު އެޅޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" މަހުލޫފު ވިދާޅުވި އެވެ. "އަޅުގަނޑަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމާ އެއްޗެހި ލިބިފައި މި ހުރީ ޑީއާރުޕީގެ ޓިކެޓުގައި ނުކުމެ ރައީސް މައުމޫން އަޅުގަނޑާއެކު ކެމްޕެއިން ކޮށްދިނީމަ. އަޅުގަނޑުމެން އިދިކޮޅު ފަރާތްތަކުގެ ގޮތުގައި މަސައްކަތް ކުރުމަށް އެ ގޮނޑިތަކަށް ލީމަ. އެއްވެސް ހާލެއްގައި ރައީސް ނަޝީދަށް ވާގިވެރިވާކަށް އެހީތެރިވާކަށް ނޫން. އެ ގޮތަށް ވިސްނުން ގެންގުޅޭ ނަމަ މާ ރަނގަޅުވާނެ އެމްޑީޕީގެ ވެއްޓެން މިދާ ސަރުކާރުގައި ވިއްދައިގެން އިންނަ ދަނޑިއެއްހެން ޑީއާރުޕީ ވިއްދާފައި އިނިއްޔާ."
މަހުލޫފު ވިދާޅުވީ އުމަރު ނަސީރާ މެދު ފިޔަވަޅު އެޅުމުގެ ކުރިން، އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު 24 ގަޑިއިރު ނުވަނީސް ޑީއާރުޕީއަށް އަނބުރާ ވަޑައިގެންނެވި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމާ ދޭތެރޭ ފިޔަވަޅު އެޅުމަށް ވެސް އޭނާ ގޮވާލެއްވި ކަމަށެވެ.
ކައުންސިލްގެ ބައްދަލުވުމުގައި އުމަރު ނަސީރުގެ މައްސަލަ ޑިސިޕްލިނަރީ ކޮމެޓީއަށް ފޮނުވުމަށް ވޯޓު ދެއްވީ 16 މެމްބަރުންނެވެ.
އުމަރު ނަސީރު ވިދާޅުވީ ޑިސިޕްލިނަރީ ކޮމެޓީއަށް ހާޒިރުވެ ވަޑައިނުގަންނަވާނެ ކަމަށާއި އެއީ އަސާސީ ގަވާއިދުގައި އޮންނަ ގޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ