ގާސިމް އިބްރާހީމަކީ އެއްވެސް ޕާޓީއެއްގެ ތެރޭގައި ހަމަނުޖެހުން އުފައްދުމަށް އެހީތެރިވެދެއްވާނެ އަދި އެފަދަ ކަމަކަށް ހިތްވަރު ދެއްވާނެ ބޭފުޅެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފި އެވެ.
ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މާފަންނު ހުޅަނގު ދާއިރާގެ އަބްދުﷲ އަބްދުއް ރަހީމް ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ނިސްބަތް ކުރައްވާ ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ނޫސް ބަޔާނެއް މެދުވެރިކޮށް ޖޭޕީން ބުނީ އަބްދުﷲ އަބްދުއް ރަހީމް މަޖިލީހުގައި އިއްޔެ ދެއްކެވި ވާހަކަފުޅުގައި ޕީޕީއެމްގެ ޕްރައިމަރީ ތެރެއިން ބަޣާވާތްކޮށް ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ އުމަރު ނަސީރަށް ހަރަދު ކުރައްވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކަކީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަގުވެއްޓޭ ގޮތަށް ދައްކަވާފައިވާ ވަހަކަފުޅުތަކެއް ކަމަށެވެ.
އަދި އެ ބަޔާން ބުނެއެވެ: "އަބްދުﷲ އަބްދުއް ރަހީމްގެ އެ ވާހަކަފުޅާމެދު ހިތާމަކޮށް އެ އަމަލު ކުށްވެރި ކުރާ ވާހަކަ ދަންނަވަމެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރަކީ އެއްވެސް އިރެއްގައި އެއްވެސް ޕާޓީއެއްގެ ތެރޭގައި ހަމަނުޖެހުމެއް އުފެއްދުމަށް އެހީތެރިވެދޭ، ހިތްވަރު ދޭނެ ބޭފުޅެއް ނޫން ކަމަށާއި އެފަދަ ތުހުމަތުތައް ޕާޓީގެ ލީޑަރުގެ އިސްތަށިފުޅުގައި އެޅުވުމަށް އެއްވެސް ބޭފުޅަކު މަސައްކަތް ކުރެއްވުމަކީ އެގޮތަށް މަސައްކަތް ކުރައްވާ ބޭފުޅުންގެ ޒިންމާދާރުކަން ކުޑަކަން ދޭހަވާ ކަމެއް ކަމުގައި މި ޕާޓީން ދެކެމެވެ،"
ޖޭޕީން ބުނީ ސަރުކާރުގެ ލެޖިޓެމަސީއާބެހޭ ގޮތުން ސުވާލު އުފެދޭ ގޮތަށް އަބްދުﷲ އަބްދުއް ރަހީމް ދައްކަވާފައިވާ ވަހަކަތަކަކީ އެއްވެސް ހާލެއްގައި ޖޭޕީގެ ނިންމުމާއި ފިކުރު ނޫން ކަމަށާއި އެ ތުހުމަތުތަކަކީ އަބްދުﷲ އަބްދުއް ރަހީމް އަމިއްލަފުޅަށް، އަމިއްލަފުޅު ފިކުރުގައި ދައްކަވާފައިވާ ވަހަކަފުޅުތަކެއް ކަމަށެވެ.
މަޖިލީހުގައި ވާހަކަފުޅު ދައްކަވަމު އަބްދުﷲ އަބްދުއް ރަހީމް ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީނާ ދެކޮޅަށް ޕީޕީއެމްގެ ޕްރައިމަރީގެ ތެރޭއިން "ބަޣާވާތް" ކުރަން، އުމަރު ނަސީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ޕާޓީ، ގައުމީ އިއްތިހާދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ހަރަދު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ޖޭޕީގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ބަދަލުގައި ޖޭޕީން ވެސް ހަރަދު ކުރަނީ ޕީޕީއެމް ޕްރައިމަރީން ވަކި މީހަކު ނެރެން ކަމަށެވެ.
"މިހާރު 'ބަޣާވާތް' ކުރަން އުޅެނީ އަބްދުﷲ ޔާމީނާ ދެކޮޅަށް! ޕީޕީއެމް ޕްރައިމަރީގެ ތެރެއިން! އުމަރު ނަސީރަށް ވެސް ހަރަދު ކުރައްވަނީ އަޅުގަނޑުގެ ޕާޓީގެ ލީޑަރު، މިއީ އަޅުގަނޑުމެންނަށް ނޭނގޭ ކަމެއް ނޫން،" އޭނާ ވިދާޅުވެފައި ވެއެވެ.
އެއްވެސް ޕާޓީއެއްގައި ހަމަނުޖެހުން އުފައްދަން ގާސިމް އިބްރާހިމް ހިތްވަރެއް ނުދެއްވާނެ: ޖޭޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ