އިންތިގެ މައްޗަށް ދައުވާކުރަނީ ވުޖޫދުގައި ނުވާ ގަވާއިދެއްގެ ދަށުން: ވަކީލް
ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ މައްޗަށް ދައުވާކުރަނީ ވުޖޫދުގައި ނުވާ ގަވާއިދެއްގެ ދަށުން އޭނާ ވަކީލް މިއަދު ކޯޓުގައި ވިދާޅުވެއްޖެ އެވެ. އިމްތިޔާޒްގެ މައްޗަށް ދައުވާކުރަނީ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ސުޕްރީމް ކޯޓާއި އެ ކޯޓުގެ ފަނޑިޔާރުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގައި އިންތިގެ ވަކީލް މަސްތޫރު ހުސްނީ ވިދާޅުވީ އެ ދައުވާކުރަނީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވާއިދުގެ ދަށުން ކަމަށާއި އެ ގަވާއިދު ކުރިން ބާތިލްކޮށްފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން އެ ގަވާއިދަކީ އާންމު ގަވާއިދުތަކުގެ ގާނޫނުގެ ދަށުން ބާރު ލިބިގެން އަމަލުކުރަމުންދިޔަ ގަވާއިދެއް ކަމަށްވީ ނަމަވެސް 2011 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން އެ ގާނޫނަށް މުއްދަތު އިތުރުކުރިއިރު އެ ގަވާއިދު ހިމަނާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެ ގަވާއިދަކީ ވުޖޫދުގައި ނުވާ ގަވާއިދެއް ކަމަށްވާތީ އެ ދައުވާ ބާތިލްކޮށްދިނުމަށް މަސްތޫރު އެދިވަޑައިގަތެވެ. ސަބަބަކީ ގާނޫނަކުން ނުވަތަ ގަވާއިދަކުން މަނާ ނުކުރާ ކޮންމެ ކަމެއް ކުރުމުގެ މިނިވަން ލިބިގެންވާ ކަމަށް ގާނޫނު އަސާސީގެ 19 ވަނަ މާއްދާގައި އޮންނައިރު ވަކި ކަމެއް ކުރުން ނުވަތަ ނުކޮށް ދޫކޮށްލުމަކީ ކުށެއް ކަމަށް ބަޔާންކޮށްފައި ނުވަނީސް އެކަމެއް ކުރުމުން ނުވަތަ ނުކޮށް ދޫކޮށްލައިގެން އެ މީހަކަށް އަދަބު ނުދެވޭނެ ކަމަށް ގާނޫނު އަސާސީގައި 59 ވަނަ މާއްދާގައި އޮތުމުން ކަމަށް ވެސް މަސްތޫރު ވިދާޅުވި އެވެ. އެ ނުކުތާއަށް ޖަވާބުދާރީވުމަށް ދައުލަތަށް ފުރުސަތު ދެއްވުމުން ދައުލަތުގެ ވަކީލް އެދިވަޑައިގަތީ އެކަމަށް އިތުރު ފުރުސަތަކަށެވެ. އެހެންކަމުން ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމެއްގައި އެ ނުކުތާއަށް ޖަވާބުދާރީވުމަށް އަންގަވައިފަ އެވެ. އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ސަމީރު އަބްދުލްއަޒީޒް ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދާނީ އެ ނުކުތާއާ މެދު ގޮތެއް ނިންމުމަށްފަހު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ