ފަނޑިޔާރުންނަށް ޗުއްޓީ ނެގޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން

މީގެ ފަހުން ރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނަށް ޗުއްޓީ ނެގޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ކަމުގައި ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ. އެ ކޯޓުގެ ވެބްސައިޓްގައި މިއަދު ޝާއިއުކުރި އެ ކޯޓުގެ މި އަހަރުގެ ފުރަތަމަ އާންމު ސިޓީގައި ބުނެފައިވާ ގޮތުގައި އެ ގޮތަށް ހަމަޖެއްސީ ގިނަ އަދަދެއްގެ ފަނޑިޔާރުން އެއް ފަހަރާ ޗުއްޓީ ނެގުމުން ޝަރީއަތްތަކަށް ހުރަސް އެޅޭތީ އެވެ. "މިހާރަކަށް އައިސް، އެއް ފަހަރަކާ ގިނަ ޢަދަދެއްގެ ފަނޑިޔާރުން ޗުއްޓީގައި ތިބޭތީ، ކޯޓުތަކުގައި ޝަރީއަތް ބޭއްވުމަށް ހަމަޖެހިފައިވާ ޖަދުވަލުތަކާ އެއްގޮތަށް ޝަރީއަތް ބޭއްވުމަށް ހުރަސް އެޅެމުންދާކަން ފާހަގަކުރެވިފައިވެ އެވެ،" ސުޕްރީމް ކޯޓުގެ ސިޓީގައިވެ އެވެ. އެހެންކަމުން "މީގެ ފަހުން ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގެ ފަނޑިޔާރަކަށް ޗުއްޓީ ހަމަޖައްސަންވާނީ އެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެންކަމުގައި" އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއިކުރައްވައި ނެރުނު ސިޓީގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ