ރައްޔިތުންގެ އުއްމީދަކީ ޖުމްހޫރީ ޕާޓީގެ އިއްތިހާދު: ޤާސިމް

ދިވެހި ރައްޔިތުންގެ އުއްމީދުތައް މިއަދު ގުޅިފައިވަނީ ޖުމްހޫރީ ޕާޓީގެ އިއްތިހާދާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހިމް މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމަނިކުފާނުގެ ރަނިންމޭޓް އިއުލާނުކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ޤައުމު މިއަދު ދެކެމުން މިދަނީ ނާޒުކް ނިކަމެތި ދުވަސްތަކެއް ކަމަށާއި ޤައުމުގެ ހާލުގެ ދުލުން މިއަދު ގޮވަނީ ރަގަޅު އިޚުލާސްތެރި ވެރިޔަކަށް ކަމަށެވެ.
ގިނަ ބަޔަކު ބައިވެރިވި މިރޭގެ ޖަލްސާގައި ޤާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނު އިސްވެ ހުންނެވި ޖުމްހޫރީ ޕާޓީގެ އިއްތިހާދުގެ ވެރިކަމެއްގައި އުޖާލާ އުފާވެރި ބަނދަރަކަށް ޤައުމު ގެންގޮސްދެއްވާނެ ކަމަށާއި އެއްވެސް ރައްޔިތަކަށް ދެރަގޮތެއް ނުހައްދަވާނެ ކަމަށެވެ.
ޤާސިމް އިބްރާހިމްގެ ރަނިންމޭޓް ޑރ. ޙަސަން ސައީދާއި ގުޅޭގޮތުން ޤާސިމް އިބްރާހިމް ވިދާޅުވީ ޑރ. ޙަސަން ސައީދަކީ އެމަނިކުފާނު ފަދައިން ޤައުމަށް އިހްލާސްތެރި، ކޮރަޕްޝަނާއި ދުރު ބޭފުޅެއް ކަމަށާއި، އިސްލާހަށް އަބަދުވެސް ލޯބިކުރައްވާ ބޭފުޅެއް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ޤައުމީ ހިންގާ ކޮމިޓީއަށް އެމަނިކުފާނުގެ ރަނިންމޭޓަކަށް ކަނޑައަޅާނެ ބޭފުޅުން ކޮޅެއްގެ ނަންތައް ހުށަހެޅުއްވުމުން ޑރ. ހަސަން އެމަޤާމަށް ކަނޑައެޅުމަށް އެންމެ ބޭފުޅެއް ފިޔަވާ ޤައުމީ ހިންގާ ކޮމިޓީގެ ހުރިހާ ބޭފުޅުން ތާއީދުކުރައްވާފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް އެންމެ ފުރަތަމަ ނިންމި އަދާލަތު ޕާޓީއާ ގުޅޭގޮތުން މިރޭގެ ޖަލްސާގައި ޤާސިމް އިބްރާހިމް ވިދާޅުވީ ދެހާސް އަށްވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް އަދާލަތު ޕާޓީން ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ކަމަށެވެ.
އެހެންކަމުން އަދާލަތު ޕާޓީއާ އެޕާޓީގެ ލީޑަރޝިޕާއި އަދި އާންމު ގިނަ މެންބަރުންނަކީ އެމަނިކުފާނު ވަރަށް ރަގަޅަށް ދެނެވަޑައިގަންނަވާ ބައެއްކަން ފާހަގަކުރައްވާ ޤާސިމް އިބްރާހިމް ވިދާޅުވީ އަދާލަތު ޕާޓީއަކީ ދިވެހި ޤައުމާއި މާތްވެގެންވާ އިސްލާމްދީނަށް މަތިވެރި ހިދުމަތްތަކެއް އަބަދުވެސް ކުރައްވަމުން ގެންދަވާ އިހްލާސްތެރި ބޭފުޅުންކޮޅެއް ތިއްބެވި ޕާޓީއެއް ކަމަށެވެ.
މިރޭގެ ޖަލްސާގައިވެސް ޤާސިމް އިބްރާހިމް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއި ގުޅެން ބޭނުންވާ ޕާޓީތަކަށް އަބަދުވެސް އެފުރުސަތު އޮންނާނެ ކަމަށާއި، ޖުމްހޫރީ ޕާޓީގެ އިއްތިހާދާއި ގުޅުމަށް ޕާޓީތަކަށް ގޮވާލައްވާފައެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ވަޒީފާދޭނީ ހަމައެކަނި ޖުމްހޫރީ ޕާޓީގެ ބޭފުޅުންނަށް ނޫން ކަމަށާއި، ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ޤައުމަށް ހިދުމަތް ކުރައްވަން ބޭނުންވާ ކޮންމެ ބޭފުޅަކަށްވެސް އެމަނިކުފާނުގެ ސަރުކާރެއްގައި ވަޒީފާ ލިބޭނެ ކަމަށެވެ.
ޤައުމުގެ މިއަދުގެ ހާލަތަށް ރިއާޔަތްކުރައްވާ ޤާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އިޖުތިމާއީ މައްސަލަތަކާއި އިޤްތިސޯދީ މައްސަލަތައް ހައްލުކުރާނީ އެދާއިރާތަކުގެ ކަމާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާކޮށް ޤައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ މިރޭ އެމަނިކުފާނުގެ ރަނިންމޭޓް އިއުލާނުކުރުމާއެކު، ޤައުމަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ އިއްޒަތްތެރި ގިނަ ބޭފުޅުންތަކެއް ޖުމްހޫރީ ޕާޓީގެ އިއްތިހާދާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނެ ކަމަށެވެ.
ޤާސިމް އިބްރާހިމް އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރައްވާނީ ޖުމްހޫރީ ޕާޓީގެ އިއްތިހާދާއި ގުޅިފައިވާ ޤައުމީ ޕާޓީއާއި އަދާލަތު ޕާޓީގެ އިސް ބޭފުޅުންގެ މަޝްވަރާއާ ލަފާވެސް ހޯއްދަވައިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ