ޕީޖީ އޮފީހަށް ވައްދާފައިވާ ކުރީގެ ރައީސް ނަޝީދުގެ މައްސަލަ ބަލަން ޖެހޭ: އަބްދުﷲ އަބްދުއްރަހީމް

އިއްޔެ ފުލުހުން ޕްރޮސިކިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކުރީގެ ރައީސް ނަޝީދުގެ މައްސަލަ ބަލަން ޖެހޭކަމަށް މާފަންނު ހުޅަނގުދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސްޤާޒީ އަބްދުﷲ މުހައްމަދު ކުރީގެ ރައީސް ނަޝީދު ގާނޫނާ ހިލާފައް ހައްޔަރު ކުރުމާ ގުޅިގެން ފުލުހުން އެމައްސަލަ ތަހުގީގު ކުރުމަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ހުށަހެޅުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި 2003 ވަނަ އަހަރު އީވާން ނަސީމު ޖަލުގައި މަރާލުމާއިގުޅިގެން މަޖިލީހަށް ހުޅުހެންވޭރު ދާއިއިރާގެ މެމްބަރު މޫސާ މަނިކު ހުށަހެޅުއްވި ގަރާރަށް މިއަދު މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުންނެވެ.
އަނިޔާވެރިކަމަކީ ގަބޫލުކުރެވޭނެ ކަމެއްނޫންކަމަށާއި ކުރީގެ ރައީސް މައުމޫންގެ ރައީސް ކަމުގައި ކޮށްފައިވާ އަނިޔާތައްވެސް ބަލަން ޖެހޭ ކަމަށާއި، ނަމަވެސް ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުކައި ރިޔާސީ ކޮމިޝަނެއް އުފައްދައި އެކޮމިޝަނުންވެސް ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައިކޮށްފައިވާ އަނިޔާތައް އެއްވެސް ކޯޓަކަށް ހިށަހަޅާފައިނުވާ ކަމަށާއި މިއަދު އީވާން ނަސީމްގެ މަރުގެ މައްސަލާގައި ވާހަކަ ދެއްކުމުގެ މާ ބޮޑު ބޭނުމެއް ނެތްކަމަށް ދާދިފަހުން އަލުން ޑީއާރްޕީއާ ގުޅިވަޑައިގެންނެވި މަޖިލިސް މެމްބަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވިއެވެ.
"ކުރީގެ ރައީސް މައުމޫން ވިއަސް ކުރީގެ ރައީސް ނަޝީދު ވިއަސް އަނިޔާ ކޮށްފިއްޔާ އެމައްސަލަ ތަހުގީގުކޮށް ކޯޓަށް ހުށަހެޅެން ޖެހޭނެ." އަބްދުﷲ އަބްދުއްރަހީމް ވިދާޅުވިއެވެ.
ކުރީގެ ރައީސް ނަޝީދުގެ ސަރުކާރަށް ފާޑުވިދާޅުވަމުން އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން މައުމޫން އަނިޔާވެރިކަމޭ ކިޔައިގެން ދެއްކީ ހުސްވާހަކަ ކަމަށާއި އެއްވެސް މައްސަލައެއް ކޯޓަށް ހުށަހަޅާފައި ނުވާކަމަށާއި، އެހެންނަމަވެސް އެމްޑީޕީން ބޭނުންވާ މައްސަލަތައް ކޯޓަށް ހުށަހަޅާކަމަށެވެ. މިގޮތުން ރާޅު ގަނޑު ސަރަހައްދު ފުލުހުން ރޫޅާލި މައްސަލަ ހުށަހަޅާއިވާކަމަށާއި، އެމްޑީޕީއަށް ކާމިޔާބު ވާނެހެން ހީވާކަހަލަ މައްސަލަތައް ކޯޓަށް ވައްދާ ކަމަށެވެ.
އަބްދުﷲ އަބްދުއްރަހީމަކީ ޑީއާރްޕީގެ ކެނޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާއަށް ކުރިމަތިލާ ހޮވިވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް މިދިޔަ އަހަރު އެމްޑީޕީއަށް ބަދަލުވެވަޑައިގެންނެވިއެވެ. އަދި މިދިއަ މާޗް މަހު އަނެއްކާވެސް ޑީއާރްޕީއަށް ބަދަލުވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ