އަންނަ އަހަރު ބޭއްވުމަށް ތާވަލުކޮށްފައިވާ އަފްގާނިސްތާނުގެ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް ހާމިދު ކަރުޒާއީގެ ބޭބެ ގައްޔޫމު ކަރުޒާއީ އާއެކު ޖުމްލަ 20 ފަރާތަކުން ކުރިމަތިލައިފި އެވެ.
އަފްގާނިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، މީގެ ތެރެއިން ގިނަ ފަރާތްތަކުން އެމީހުންގެ ނަން ހުށަހަޅާފައިވަނީ މިއަދު އެވެ. މިއަދު އިރުއޮއްސެން ދެން ނަން ހުށަހެޅުމުގެ ފުރުސަތު އޮތްއިރު، އެންމެ ފަހުން ނަން ހުށަހެޅި ފަރާތްތަކުގެ ތެރޭގައި ގައްޔޫމު ކަރުޒާއީ ވެސް ހިމެނިވަޑައިގަންނަވަ އެވެ. ބޭރުގެ އެހީތެރިކަމަކާ ނުލައި އަފްގާނިސްތާނުގައި ބާއްވާ ފުރަތަމަ ރިޔާސީ އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް ފަސވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު، މި އިންތިހާބުގައި ވާދަކުރައްވަނީ، އަފްގާނިސްތާނުގެ ސިޔާސީ މައިދާނުގައި އޭރާއި މިހާރު ނަގާ ކިޔާ ފަރާތްތަކުގެ އިތުރުން ހަނގުރާމައިގެ ތެރޭގައި ހަރަކާތްތެރިވެފައިވާ ކުރީގެ ހަނގުރާމަވެރި ލީޑަރުންނެވެ.
އިންތިހާބުގައި ވާދަކުރާ ފަރާތްތަކަށް ބަލާއިރު، 2009 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި އަބްދުﷲ އަބްދުﷲ އާއި، ތާލިބާން ހަނގުރާމަވެރިންނާއި ގާތް ގުޅުމެއް ކުރިން ބޭއްވި ފަރާތެއް ކަމަށްވާ އަބްދުއް ރަބް ރަސޫލުއް ސައްޔާފުގެ އިތުރުން، އަފްގާނިސްތާނުގެ ކުރީގެ މާލީ ވަޒީރު އަޝްރަފު ގަނީ ހިމެނިވަޑައިގަންނަވަ އެވެ.
އަފްގާނިސްތާނުގެ ގާނޫނު އަސާސީ ބުނާ ގޮތުން ރައީސް ކަމުގައި ހުންނަވާ ބޭފުޅަކަށް ޖެހިޖެހިގެން ދެ ދައުރަށް ވުރެ ގިނަ ދައުރަކަށް ކުރިމަތި ނުލެއްވޭނެ އެވެ. އެހެންކަމުން މިފަހަރުގެ އިންތިހާބުގައި ކަރުޒާއީ ވާދައެއް ނުކުރައްވަ އެވެ. ކަރުޒާއީ ވިދާޅުވެފައިވަނީ، އޭނާ ވާދަ ނުކުރެއްވި ނަމަވެސް އެއްވެސް ކެންޑިޑޭޓަކަށް މިފަހަރުގެ އިންތިހާބުގައި ތާއީދު ކުރެއްވުމާއި ގުޅޭ ގޮތުން ވެސް އަދި ގޮތެއް ނުނިންމަވަ އެވެ.
ކަރުޒާއީ ފުރަތަމަ ވެރިކަމަށް ވަޑައިގެންފައިވަނީ އެމެރިކާއިން އިސްވެ އޮވެ އެޤައުމުގައި ހިންގި އަސްކަރި އޮޕަރޭޝަނަށް ފަހު 2001 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި އޭނާވަނީ 2009 ވަނަ އަހަރުގެ ތެރޭގައި ބޭއްވި އޮޅުވާލުން ބޮޑު އިންތިހާބަށް ފަހު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފަ އެވެ.
އަފްގާންގެ ރިޔާސީ އިންތިހާބުގައި 20 ކެންޑިޑޭޓުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ