ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ގެކޮޅަށް ފުލުހުން ވަދެ، އަމަލުކޮށްފައިވާ ގޮތާއި ގުޅިގެން އެ މަނިކްފާން ދައްކަވާފައިވާ ވާހަކަފުޅުތައް ފުލުހުން ދޮގުކޮށްފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ އޭސީސީ އާއި ގުޅިގެން ބަލަމުންދާ ކޮރަޕްޝަނުގެ މައްސަލައެއްގައި މަޖިލީހުގެ ރައީސް ޝާހިދުގެ ގޭބެ މުހަންމަދު ޝާހިދު ހައްޔަރުކުރަން ފުލުހުން ދިޔައީ ކޯޓު އަމުރަކާއި އެކުގައި ކަމަށެވެ. އަދި އެ ގެއަށް ފުލުހުން ވަނީ މުހަންމަދު ޝާހިދު ފުލުުންގެ ހައްޔަރުގެ ދަށަށް ގެނައުމަށް ފަހު އޭނާގެ އެދުމުގެ މަތިން ބައްޕަ އާއި ބައްދަލު ކުރަން ކަމަށެވެ.
"އެވަގުތު އެ ބޭފުޅާ ފުލުހުންގެ ހައްޔަރުގެ ދަށުގައި ހުރީމައި، ގިނިކަންޏާ ދޫނުކުރެވޭނެ ކަމަށް ބުނެ ފުލުހުންނާއި އެކު ބައްޕާފުޅާ ބައްދަލު ކުރެއްވީ... އަޅުގަނޑުމެން ގަބޫލު ކުރަނީ ފުލުހުން އެ ގެއަށް ވަނީ އެ ގޭގެ މީހުންގެ ފަރާތުން ހުއްދަ ލިބިގެން ކަމަށް،" ނަވާޒް ވިދާޅުވިއެވެ.
ނަވާޒް ވިދާޅުވީ ފުލުހުން އެންމެ ފުރަތަމަ އެ ގެއަށް ގޮސް މުއާމަލާތު ކުރީ އެ ގޭގެ ކާރު ގަރާޖު ތެރޭގައި ހުރި މީހަކާއި ކަމުގައެވެ. އެއަށްފަހު އޭނާ ފުލުހުން ހައްޔަރު ކުރަން ބޭނުންވި މީހާ އާއި ގުޅާ ތިރިއަށް ގެނެސް ފުލުހުންނާއި ބައްދަލު ކުރުވި ކަމަށެވެ.
ފުލުހުން އެ ގެއަށް ވަނީ އެއްވެސް ހާލަތެއްގައި މަޖިލީހުގެ ރައީސް އަށް ބިރު ދައްކަން ނޫން ކަމަށާއި، އެ ގޭގެ ހުރުމަތް ގެއްލޭފަދަ އެއްވެސް އަމަލެއް ފުލުހުން ހިންގާފައި ނުވާނެ ކަމަށްވެސް ނަވާޒް ވިދާޅުވިއެވެ.
އަދި މިކަމާއި ގުޅިގެން ފުލުހުން އަމަލު ކޮށްފައިވާ ގޮތުގެ މައުލޫމާތު ބައެއް ފަރާތަތަކުން އެންމެ އެކަށީގެން ނުވާ ގޮތްތަކަށް ފަތުރާފައިވާ ކަމަށްވެސް ނަވާޒް ވިދާޅުވި. އެގޮތުން ބައެއް ބޭރު މީޑިއާ ތަކުގައިވެސް މި ވާހަކަތައް ފެތުރިފައިވާ ކަމަށާއި އެކަމާ ފުލުހުން ކަންބޮޑުވާ ކަމަށްވެސް ނަވާޒް ވިދާޅުވިއެވެ.
"ފުލުހުން އެގެއަށް ވަދެ އަމަލު ކުރި ގޮތާއި ގުޅިގެން މަޖިލީހުގެ ރައީސްވެސް އެފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވާފައިވާނަމަ އެކަމަކީ އަޅުގަނޑުމެން ނިހާޔަތައް ކަންބޮޑުވާ ކަމެއް. އެއްވެސް ހާލަތެއްގައި ފުލުހުން އެގެއަށް ވަދެ މަޖިލީހުގެ ރައީސްގެ ހައިބަތު ގެއްލޭފަދަ އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ،" ނަވާޒް ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން މަޖިލީހުގެ ރައީސް ޝާހިދު ޓުވިޓާގައި ވިދާޅުވެފައިވަނީ، ފުލުހުން އޭނާގެ ގެކޮޅަށް ވަދެފައިވަނީ ކޯޓު އަމުރަކާއި ނުލާ ކަމަށެވެ. އަދި ފުލުހުން އަމަލު ކޮށްފައިވާ ގޮތާއި ގުޅިގެން ޝާހިދު ކަންބޮޑުވުންވެސް ފާޅު ކުރައްވާފައިވެއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސްގެ ވާހަކަފުޅު ފުލުހުން ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ