ހ. ޝަފީގުގޭ އަހުމަދު ޝަފީގު ރައީސް މައުމޫނާ ބެހޭ ގޮތުން ދޮގު ވާހަކަ ދެއްކި ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް ފުލުހުންނަށް ހުށަހަޅައިފި

ހ. ޝަފީޤުގޭ އަހުމަދު ޝަފީޤް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫނު އަބްދުޤައްޔޫމާ މެދު ސާބިތު ނުވާ ދޮގު ވާހަކަތަކެއް ދައްކަވާފައިވާ ކަމަށް ބުނެ ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފި އެވެ.ރައީސް މައުމޫނުގެ ވަކީލު މުހައްމަދު ވަހީދު މިއަދު ހެނދުނު ވިދާޅުވީ، މި މައްސަލަ ހުށަހެޅުއްވީ ޤާނޫނުލް އުޤޫބާތުގެ 125 ވަނަ މާއްދާގެ ދަށުންކަމަށެވެ."މިފަދަ މައްސަލަތަކަކީ މިހާރުގެ ސަރުކާރާއި ނުވަތަ އެމްޑީޕީ ސަރުކާރާއި ސަރުކާރުގައި ތިބި އެކްޓިވިސްޓުންތަކެއް ކަނޑައެޅިގެން ރާވައިގެން އެ މީހުންގެ ނާޤާބިލުކަމުގައި ކޮންމެވެސް އެހެންކަމެއް ފޮރުވުމަށް ޓަކައި މަސައްކަތް ކުރުމުގެ ނަތީޖާއެއްގެ ގޮތުން އެކި މީސްމީހުން ލައްވައި ސާބިތުނުވާ ދޮގު ވާހަކަތަކެއް ދައްކައިގެން އެހެންކަމެއް ސަމާލުކަމަށް ގެނައުމަށް ޓަކައި ހަޤީޤަތުގައި ކުރުވަމުން ގެންދާކަމެއް" ވަހީދު ވިދާޅުވި އެވެ.މައުމޫންގެ ވަކީލު ވިދާޅުވީ މައުމޫނާ ބެހޭ ގޮތުން ދޮގު ވާހަކަ ދައްކާ ނަމަ އެ އަމަލެއް ހިންގަނީ ކޮން އުމުރެއްގެ މީހެއްތޯ ނުބައްލަވާނެ ކަމަށާއި އެ މީހަކާ ދޭތެރޭ ދައުވާ ކުރައްވާނެ ކަމަށެވެ."އަޅުގަނޑުމެން މި މައްސަލަ ހުށަހަޅާފައި މި ވަނީ ޤާނޫނުލް އުޤޫބާތުގެ 125 ވަނަ މާއްދާގައި ކަނޑައެޅިގެން ބަޔާން ވެގެންވާ ގޮތުގެ މަތިން އެހެން ފަރާތްތަކަށް ވެސް ޤާނޫނީ ގޮތުން ލިބިގެންވާ އަސާސީ ހައްޤުތައް މައުމޫނު އަބްދުލް ޤައްޔޫމަށް ވެސް ލިބިގެންވާނޭ ކަމަށް ދެކޭތީ." އޭނާ ވިދާޅުވި އެވެ.ވަހީދު ވިދާޅުވީ މިފަދަ މައްސަލަތަކަކީ ބެލެވެން ޖެހޭނެ މައްސަލަތައް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތޮލިބުގެ އެފަދަ މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ ކުރައްވާފައިވާ ކަމަށެވެ.   "ޤާނޫނު އަސާސީގައި ވާގޮތުން ހިމާޔަތާއި ރައްކާތެރިކަން ލިބެންވާނީ އެންމެ ބޭފުޅަކަށް ނޫން."ވަހީދު ވިދާޅުވީ ޝަފީގާ ދެކޮޅަށް ކުރާ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ހުށަހެޅުމަށް ހަމަޖެހިފައިވާކަމަށެވެ.  ރައީސް މައުމޫނު ވެރިކަން ކުރެއްވި އިރު، ދައުލަތުގެ ފައިސާ އަށް ހިޔާނާތްތެރި ވެފައިވާކަމަށާއި އެ މަނިކުފާނު ދައުލަތުގެ ފައިސާ ލޫޓުވާފައިވާކަމަށް ބުނެ، އެ މަނިކުފާނު ރައީސްކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވި ގޮތާމެދު، ދިވެހި ރައްޔިތުންގެ މެދުގައި އެ މަނިކުފާނުގެ އިތުބާރު ގެއްލޭ ފަދަ ގޮތަކަށް ދޮގު ވާހަކަތަކެއް ފަތުރާފައިވާކަމަށް ތުހުމަތު ކުރައްވައި މިއަދު ނޫހުގެ މެނޭޖިން އެޑިޓަރު އަބްދުއް ލަތީފުގެ މައްޗަށް ވެސް މި އަހަރު އޮގަސްޓް މަހު ރައީސް މައުމޫނު ވަނީ ދައުވާ ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ