މަޖިލީހުން ފާސްކުރި ހުށަހެޅުން ސައްހަތޯ ކަނޑައަޅާނީ ސުޕްރީމް ކޯޓުން: ޔާމީން

މަޖިލީހުގެ ރައީސާ ވެރިކަން ހަވާލުކޮށް 21 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ހުށަހެޅުން ޕީޕީއެމުން ބަލައި ނުގަންނަ ކަމަށާއި އެއީ ސައްހަ އެއްޗެއްތޯ ނުވަތަ ނޫންތޯ ގާނޫނު އަސާސީގައި ބުނާގޮތުން ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ. އިންތިހާބުގެ ތާރީހު އަވަސްކޮށްދިނުމަށް އެދި ރިޔާސީ ތިން ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޔާމީން ވިދާޅުވީ ނޮވެމްބަރު 11 އަށް ރިޔާސީ ދައުރު ހަމަވާއިރު އާ ރައީސަކު އިންތިހާބު ނުކުރެއްވިއްޖެ ނަމަ މަޖިލީހުގެ ރައީސާ ވެރިކަން ހަވާލުކޮށް، 21 ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް ހުށަހެޅުމެއް ފާސްކޮށްފައި ވަނީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ ތާއީދު އޮވެގެން ނޫން ކަމަށެވެ. އެއީ ހަމައެކަނި އެމްޑީޕީ އާއި ޑީއާރުޕީގެ ތާއީދު އޮތް ހުށަހެޅުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޔާމީން ވިދާޅުވި އެމްޑީޕީގެ ހުށަހެޅުމުގައިވާ ފަދަ އިންތިޒާމްތައް ހަމަޖެއްސޭނީ ގާނޫނު އަސާސީ އަށް އިސްލާހު ގެނެސް ކަމަށެވެ. ގާނޫނު އަސާސީގައި ލިޔަންޖެހޭ މާއްދާއެއް ގާނޫނު އަސާސީގައި ލިޔުމުގެ ބަދަލުގައި މަޖިލީހުން ގޮތެއް ނިންމުމުން އެއީ ބަލައިގަންނަން ފަސޭހަ ކަމެއް ނޫން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. "އެ ގަރާރަށް އަޅުގަނޑުމެންގެ ތާއީދެއް ނެތް، އެއީ އަޅުގަނޑުމެންގެ ބައިވެރިވުން އޮތް ގަރާރެއް ވެސް ނޫން. އެ ގަރާރާ ބެހޭގޮތުން އަޅުގަނޑުމެން [ރިޔާސީ ކެންޑިޑޭޓުން] ވާހަކަ ދައްކައިގެން އިތުރު ކުރިއެރުމެއް ނާންނާނެ. އެހެންވީމަ އަޅުގަނޑުމެން މިބަލަނީ އެއްބަސްވެވޭ ކަންތައްތަކާއިގެން ކުރިއަށްދާން،" ރިޔާސީ ކެންޑިޑޭޓުންގެ މަޝްވަރާގައި އެ ގަރާރާ ގުޅޭގޮތުން ވާހަކަ ދައްކަވާނަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޔާމީން ވިދާޅުވި އެވެ. ޔާމީން ވިދާޅުވި ގޮތުގައި އޭނާގެ އިތުރުން އަނެއް ދެ ކެންޑިޑޭޓުންގެ ވެސް ވިސްނުން ހުރީ އިންތިހާބުގެ ތާރީހު އަވަސްކޮށްގެން، ނޮވެމްބަރު 11 އަށް އިންތިހާބުވެފައިވާ ރައީސަކު ހުރުމެވެ. މިހާރު ކުރަމުން އަންނަ މަޝްވަރާގެ ތެރެއިން އެކަމަށް ހައްލެއް ހޯދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. މަޖިލީހުން އިއްޔެ ފާސްކުރި ހުށަހެޅުމުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އަލުން ބޭފުޅަކު އިންތިޚާބު ކުރެވެންދެން އެ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް މަޖިލީހުގެ ރައީސާ ހަވާލުކުރުމަށެވެ. މަޖިލީހުގެ ރައީސާ ހަވާލުވެވެން ނެތް ނަމަ، އެ މަސްއޫލިއްޔަތު ހަވާލުވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށާއި މަޖިލީހުގެ ނައިބު ރައީސަށް އެކަމާ ހަވާލުވެވެން ނެތް ނަމަ މަޖިލީހުން މެމްބަރަކާ ވެރިކަމުގެ ބާރުތައް ހަވާލުކުރަން ފާސްކުރި ހުށަހެޅުމުގައިވެ އެވެ. އިންތިގާލީ މަރުހަލާގައި ވެރިކަމުގެ ބާރުތައް ހަވާލުކުރާ މީހަކީ ވެސް ގާނޫނު އަސާސީގައި ބުނެފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޝަރުތު ހަމަވާ މީހަކަށް ވާންޖެހެ އެވެ. ވެރިކަމުގެ ބާރުތައް މަޖިލީހުގެ ރައީސާ ހަވާލުކުރުމަށް ފަހު 21 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާއްވަން ޖެހޭނެ ކަމަށް ހުށަހެޅުމުގައި ބުނެފައި އޮތަސް، ދެ ވަނަ ބުރު ބާއްވަން ޖެހޭނެ މުއްދަތެއް ކަނޑައަޅާފައި ނެތެވެ. އަދި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކޮށް ގެޒެޓުގައި ޝާއިޢު ކުރާތާ 18 ގަޑިއިރުގެ ތެރޭގައި، އިންތިހާބުކުރާ ރައީސާއި ނާއިބު ރައީސް ހުވާކުރަން ޖެހޭނެ ކަމަށް ބުނެފައިވާއިރު އިންތިގާލީ މަރުހަލާގައި ވެރިކަން ހަވާލުކުރާ މީހާ އަށް ރައީސުލްޖުމްހޫރިއްޔާގެ ހުރިހާ ބާރެއް ލިބޭނެ ކަމަށް ހުށަހެޅުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ