ރައީސާއި މިނިސްޓަރުގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވާނެ: ގާސިމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދާއި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވީ ނަމަވެސް އެ ފަދަ ވޯޓެއް ކާމިޔާބު ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. މަހެއްހާ ދުވަސް ޖަރުމަނުގައި އުޅުއްވުމަށް ފަހު މިއަދު މާލެ ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނަށް ގާސިމް ވިދާޅުވީ ރައީސް ވަހީދާއި ހޯމް މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ގާނޫނު އަސާސީން ތަންދިން ނަމަވެސް، އެ ވޯޓު ކާމިޔާބު ވެދާނެ ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އިދިކޮޅު އެމްޑީޕީން އެ ފަދަ މައްސަލައެއް މަޖިލީހަށް ފޮނުވާފައިވަނީ ރައްޔިތުންގެ މެދުގައި ދޮގު ވާހަކަތައް ފަތުރައި އެ ވާހަކަތައް ވިއްކުމަށް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. "މަޖިލީހުގައި ކޮންމެ ބަޔަކު ތިބި ނަމަވެސް އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސްގެ އަދި މިނިސްޓަރުގެ ނޯ ކޮންފިޑެންސް ވޯޓެއް ނެގިދާނެ ކަމަކަށް. އަޅުގަނޑު ވަރަށް ކަށަވަރު ކަމާއެކު މި ދަންނަވަނީ ވޯޓެއް ނެގި ނަމަވެސް އެކަން ކާމިޔާބު ނުވާނެކަން. އެވަރުގެ ތާއީދެއް (ސަރުކާރުގައި ހިމެނޭ ޕާޓީތަކުގައި) އެކަމަކަށް ނޯންނާނެ،" ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި އެކަމަކު އިސްލާހުކުރަން ޖެހޭ ބައެއް ކަންކަން އެބަހުރި ކަމަށެވެ. އަދި އެކަންކަން ރަނގަޅު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެކަމަކު އަޅުގަނޑު ގަބޫލެއް ނުކުރަން ވަކި ކަމެއް ހުރެގެން ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާ ހިސާބަށް ކަންތައްތައް ގޮސްފައިވާ ކަމަށް،" ގާސިމް ވިދާޅުވި އެވެ. ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ޖާބިރު އެ ޕާޓީން ވަކިވެވަޑައިގަންނަވަން އުޅުއްވާ ކަމުގެ ވާހަކަތަކަށް ވެސް ގާސިމް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ ޖާބިރު ޕާޓީން ވަކިވެ ވަޑައިގަތުމަށް މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އެކަމަކު އެވާހަކަތައް އޭނާ ދޮގެއް ނުކުރައްވަ އެވެ. ގާސިމް ވިދާޅުވީ އެއީ ސަބަބަކާ ނުލައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. "އަޅުގަނޑު ދެކޭ ގޮތުގައި ކޮންމެ މީހަކު ވެސް ކަމެއް ކުރާއިރު ސަބަބެއް އޮންނާނެ. ދެން އެގޮތަށް އެކަން ކުރައްވާނެ ކަމެއް ނުވަތަ ނުކުރައްވާނެ ކަމެއް އޭނާއަށް އެނގިލައްވާނީ،" ގާސިމް ވިދާޅުވި އެވެ. ޖުމްހޫރީ ޕާޓީގެ ތެރޭގައި ފަހަކަށް އައިސް ހިޔާލު ތަފާތުވުންތައް އުފެދިފައިވާ ކަމަށް ވާހަކަތައް ދަނީ ދެކެވެމުންނެވެ. މިކަމާ ގުޅޭ ގޮތުން ގާސިމް ވިދާޅުވީ ޕާޓީ ތެރޭގައި ހިޔާލުތަފާތު ވުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަމަކު ކަންތައްތައް ކުރާއިރު ޕާޓީގެ އަސާސީ ގަވައިދާ ހިންގާ ގަވައިދާ ގުނަވަންތަކުން އަންގާ އެންގުންތަކަށް ބޯ ނުލެނބުން އެއީ މައްސަލައެއް ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކުރާނަމަ އެ ބަޔަކާ އެކީ ނޫޅެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ