މާލެ އަށް ކަރަންޓު ދިނުމަށް އިންޖީނުތައް ބަހައްޓާފައިވާ ދެ ބިމެއް ހުސްކުރަން ނޯޓިސް ދީފި

ސްޓެލްކޯއިން މާލެއަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ އިންޖީނުތަކެއް ބަހައްޓާފައިވާ ދެ ބިމެއް މި މަސް ނިމުމުގެ ކުރިން ހުސްކުރަން މާލޭ ސިޓީ ކައުންސިލުން ނޯޓިސް ދީފި އެވެ. ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން އަލި މަނިކު ސޮއި ކުރައްވައި މި މަހުގެ 11 ވަނަ ދުވަހު ސްޓެލްކޯ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެފްއެސްއެމް ފިއުލް ސްޓޭޝަންގެ ފުރަގަހުން ގ. ދޮންއަނދަރާދަ ހިނގުމާއި އެތަނާ އިންވެގެން އޮންނަ 351 ނަމްބަރު ކޮށީގެ މުއްދަތު 2011 އިން ފެށިގެން ހަމަވެފައިވާ ކަމަށެވެ. އެ ބިންތައް ހުސްކުރަން ޖެހޭ ސަބަބެއް ކަމަށް އެ ސިޓީގައި ބުނެފައި ވަނީ ސްޓެލްކޯ އިން އެތަން ބޭނުން ކުރަމުން ދިޔުމުގެ ސަބަބުން އެ ސަރަހައްދު ބެދި، އެ ހިސާބުގައި ދަތުރުފަތުރު ކުރުމަށާއި އާންމުން ހިނގާ ބިނގާވެ އުޅުމަށް އުނދަގޫވާތީ އެވެ. މާލެ އަށް ކަރަންޓް ދިނުމުގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން ހިންގި ފޯތް ޕަވާ ޕްރޮޖެކްޓްގެ ދަށުން އެ ދެ ބިން ސްޓެލްކޯއަށް ދޫކޮށްފައި ވަނީ އޭރުގެ މުނިސިޕަލްޓީން 2009 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ބިންތައް ސްޓެލްކޯއަށް ކުއްޔަށް ދޫކޮށްފައި ވަނީ މަހަކު 115،500ރ. އަށެވެ. ސްޓެލްކޯގެ ޗެއާމަން އަހުމަދު ޝަރީފް މިއަދު ވިދާޅުވީ ސިޓީ ކައުންސިލުން ހުސްކުރަން އެންގި ދެ ބިމުގައި މާލެ އަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ ތިން ޖަނަރޭޓަރު ބަހައްޓާފައިވާ ކަމަށެވެ. އޭނާ ވިދާޅުވާ ގޮތުގައި ސިޓީ ކައުންސިލުން އެންގި ނަމަވެސް އެބިން ހުސްކުރެވޭ ކަށް ނެތެވެ. ސަބަބެއް ކަމަށް ޝަރީފު ވިދާޅުވީ މާލެ އަށް ކަރަންޓް ދިނުމަށް އިތުރު ޖަނަރޭޓަރުތައް ބެހެއްޓެނީ އެ ސަރަހައްދުގައި ކަމަށްވާތީ އެވެ. "ސްޓެލްކޯ އަށް ދެން އިތުރު ޖާގައެއް ނެތް. އެއީ މިހާރު ވެސް އަޅުގަނޑުމެން މި އުޅެނީ ކުޑަކޮށް ކެޕޭސިޓީ ދަށްކޮށް މުޅި މާލެއަށް ކަރަންޓް ދެވޭ ވަރަށް ވުރެ. ތިންވަނަ އިންޖީނެއް ބެހެއްޓުމަށް ވެސް މަސައްކަތް ކުރަމުން މި އަންނަނީ. އެހެންވީމާ މާލޭން މިހާ ބިން ދަތިއިރު އަދި މިހާރުވެސް ބޭނުން ކުރާ ތިން ޖަނަރޭޓަރު އެތަނުގައި ހުރީއިރު އަޅުގަނޑުމެންނަކަށް ނޯންނާނެ އެތަން ހުސްކުރެވޭކަށް. އާ ޖަނަރޭޓަރެއް ވެސް ބެހެެއްޓޭނީ އެތަނުގައި،" ޝަރީފް ވިދާޅުވި އެވެ. އަދި އެ ބިންތަކުގެ މުއްދަތު އިތުރު ކުރުމަށް ސަރުކާރުގައި ވަރަށް އަވަހަށް އެދިވަޑައިގަންނަވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސްޓެލްކޯއާ ކައިރި ހުސްބިންތައް އެހެން ބޭނުންތަކަށް ކުއްޔަށް ދިނުމަކީ އެއްގޮތަކަށް ވެސް ރައްކާތެރި ކަމެއް ނޫނެވެ. އަދި ސްޓެލްކޯއާ މާ ކައިރި ސަރަހައްދުތަކުގައި އާންމުން ދިރިއުޅުމަކީ އެ ކުންފުނިން އަބަދުވެސް ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. "އެބިންތައް ވެސް ކެފޭތައް ހަނދަން ނޫނީ ޕާކެއް ހަދަން ނަގައި މިހެން ގޮސް ކަންތައްތައް ކުރުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އެއީ ރައްކާތެރި ކަމެއް ނޫން. އެއީ އިންޖީނުތަކެއް ބަހައްޓާފައި ހުންނަ ސަރަހައްދެއްގައި މިކަހަލަ ޕަބްލިކް ތަންތަން ބެހެއްޓުން. މިކަމާ އަޅުގަނޑުމެން ނުހަނު ކަންބޮޑުވޭ،" ޝަރީފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ