ވެރިކަން ބަދަލުވީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށް ނިންމީތީ ވަރަށް އުފާކުރަން: މައުމޫން
ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) އިން ނެރުނު ރިޕޯޓުން ވެސް، ފެބްރުއަރީ 7 ގައި ވެރިކަން ބަދަލުވެގެން ދިޔައީ ގާނޫނީ ހަމަތަކުގެ މަތިންކަމަށް ނިންމެވީތީ ވަރަށް އުފާކުރައްވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ލޮބުވެތި ރައްޔިތުން އަދި ހާއްސަކޮށް ޕީޕީއެމްގެ މެމްބަރުން ކުރި ބުރަ މަސައްކަތުގެ ސަބަބުން، ގާނޫނީ ހަމަތަކުގެ މަތިން ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔަކަމަށްޓަކައި މާތްﷲ ހަޒުރަތަށް ހަމްދާއި ޝުކުރު ދަންނަވާ ކަމަށެވެ. އެ ބަޔާނުގައި މައުމޫން ވިދާޅުވެފައިވަނީ، ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔައީ ގާނޫނީ ހަމަތަކުގެ މަތިންކަމަށް ނިންމެވީތީ އުފާކުރައްވަނީ ކަން ހިނގާދިޔަ ގޮތުގެ ހަގީގަތް އެ ރިޕޯޓުން ހާމަކޮށްދީފައިވާތީ ކަމަށެވެ. މައުމޫން ވަނީ އިއްތިހާދުގެ އެހެން ޕާޓީތަކުގެ ލީޑަރުންނާއި މެމްބަރުން ކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ސަރުކާރަށް ތަހުނިޔާ އާއި މުބާރިކުބާދީ ދަންނަވާ ކަމަށް ވެސް މައުމޫންގެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ