އަމީރު އަހުމަދު ހިންގުމުގެ ހުއްދަ ނުލިބިގެން ކޯޓަށް
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން ދެ ދުވަހަށް ވެފައިވާ އިރު އަމީރު އަހުމަދު ސްކޫލުގެ ހިންގުމުގެ ހުއްދަ ލިބިފައި ނުވާތީ އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ދައުވާ ކުރުމަށް އައިލެންޑާސް ގުރޫޕުގެ ކުންފުނީގެ ޗެއާމަން އަބްދުއްރަޝީދު މިއަދު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ. އައިލެންޑާސްގެ ޑިރެކްޓަރު އަހުމަދު އަދުލީ ރަޝީދު މިރޭ ވިދާޅުވީ ކޯޓަށް މައްސަލަ ހުށަހެޅީ އެ ސްކޫލުގައި ކިޔަވައިދިނުން މާލޭ ސިޓީ ކައުންސިލުން އައިލެންޑާސްއާ ހަވާލުކޮށްފައި ވާތީ އާއި ދިރާސީ އާ އަހަރުގެ ކިޔެވުން ހޯމަދުވަހު ފަށާއިރު އެ ސްކޫލުގައި ކިޔަވާ 864 ކުދިންނަށް ކިޔަވަން ނުދެވިދާނެތީ ކަމަށެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި އައިލެންޑާސް އިން ކޯޓުގައި އެދިފައި ވަނީ އަވަށު ސްކޫލްތައް ޕްރަައިވެޓައިޒްކުރުން ހުއްޓުވާ ދިނުމަށް މާލޭ ސިޓީ ކައުންސިލާ ދެކޮޅަށް ސަރުކާރުން ހުށަހެޅި މައްސަލަ ނިމެންދެން އަމީރު އަހުމަދުގައި ކިޔަވައިދިނުމުގެ ހުއްދައަކަށެވެ. ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އަމީރު އަހުމަދު ހިންގުން މާލޭ ސިޓީ ކައުންސިލުން މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ހަވާލު ކުރި ނަމަވެސް، ސަރުކާރުން ވަނީ މާލޭގެ ޕްރީ ސްކޫލުތައް ޕްރައިވަޓައިޒް ކުރުމާ ދެކޮޅު ހަދާފަ އެވެ. އަދި އެކަން ހުއްޓުވުމަށް ދައުލަތުން ދައުވާކުރުމުން މިދިޔަ މަހުގެ 25 ގައި ސިވިލް ކޯޓުން ވަނީ ޕްރީ ސްކޫލުތައް ޕްރައިވަޓައިޒް ކުރުމާ ގުޅޭ ގޮތުން ސިޓީ ކައުންސިލަށް އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ކަމަށް ވަގުތީ އަމުރެއް ނެރެފަ އެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު މިރޭ ވިދާޅުވީ ކޯޓުން އެ ގޮތަށް އަމުރު ނެރެފައި ވާތީ، ހޯމަދުވަހު ކިޔެވުން ފެށޭއިރު އަމީރު އަހުމަދު ސްކޫލު ހިންގާނީ ކުރިން ވެސް ސްކޫލު ހިންގި މެނޭޖްމެންޓުން ކަމަށާއި އެތަނުގެ ހިންގުން އެހެން ބަޔަކާ ހަވާލު ނުކުރާ ކަމަށެވެ. "އަންނަ ހޯމަ ދުވަހު އަމީރު އަހުމަދުގައި ވެސް ކިޔަވައިދޭނެ. އަދި އެ ސްކޫލަށް ދަރިވަރުން ދާނީ ހަމަ އަމީރު އަހުމަދުގެ ޔުނީފޯމުގައި،" މިނިސްޓަރު ވިދާޅުވި އެވެ. އަދުލީ ވިދާޅުވީ ކޯޓުން އެގޮތަށް އަމުރު ނެރެފައި ވަނީ އަމީރު އަހުމަދު ހިންގުން އަބްދުއްރަޝީދާ ހަވާލު ކުރި ފަހުން ކަމަށާއި ކޯޓުން އަމުރު ނެރުނު ސްކޫލު ރަޖިސްޓްރީ ކުރުމަށް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ އަމުރުގެ ތެރޭގައި އަމީރު އަހުމަދު ހިމެނޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަދްލީ ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް އެވޯޑް ކުރި ފަހުން ދެއްތޯ ކޯޓުން މިގޮތަށް އަމުރު ނެރެފައިވަނީ؟ އެހެންވެ، މިވީ ދުވަސްތަކުގައި އަޅުގަނޑުމެން ހީކޮށްގެން މި ތިބީ ކުރިއަށް އޮތްތަނުގައި ކައުންސިލަށް ޕްރީ ސްކޫލުތައް ޕްރައިވަޓައިޒް ނުކުރެވޭނެ ކަމަށް. އަޅުގަނޑުމެންނާ އެކު ކުރިން އެގްރީމެންޓެއް ކޮށްފައި އޮތުމުން ހިއެއް ނުކުރަން މީގެ ތެރޭގައި އަޅުގަނޑުމެން ހިމެނޭނެ ކަމަކަށް،" އަދްލީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭޝިއަން އިންޑިޕެންޑެންޓް ސްކޫލު (އޭއައިއެސް)ގެ ނަމުގައި ސްކޫލު ރަޖިސްޓްރީ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހެޅި ނަމަވެސް ކޯޓު އަމުރެއް ނެރެފައި އޮތުމުން އެކަމާ ގުޅޭ ގޮތުން މިނިސްޓްރީން ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އެކަމަކު އަމީރު އަހުމަދުގައި އައިލެންޑާސް އިން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސްކޫލަށާއި ސިޓީ ކައުންސިލަށް އަދި އެޓާނީ ޖެނެރަލަށް މިނިސްޓްރީން އަންގާފައިވާ ކަމަށް އަދްލީ ވިދާޅުވި އެވެ. އަދްލީ ވިދާޅުވި ގޮތުގައި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ސިޓީ ކައުންސިލާ އެކު އެ ކުންފުނިން ވެފައިވާ ކޮންޓްރެކްޓް ވަގުތީ ގޮތުން ދެމެހެއްޓުމަށެވެ. "ސްކޫލު ހިންގުމަށް އަޅުގަނޑުމެން ވަރަށް ގިނަ ކަންތައްތަކެއް ފަށާފައިވަނީ. އެކަމަކު އެ ކަންތައްތައް އަދި ނުނިމި ހުރުމުން، ދަރިވަރުންނަށް ކިޔެވޭ ވަރަށް އެކަންތައްތައް ފުރިހަމަކުރުމަށް އަޅުގަނޑުމެން މި އެދެނީ. މިކަމާ ގުޅޭ ގޮތުން ކޯޓުން ފަހުން ނިންމާ ގޮތަކަށް އަޅުގަނޑުމެން ރެސްޕެކްޓު ކުރާނަން. އެކަމަކު ދަރިވަރުންގެ ހައްގުގައި އަޅުގަނޑުމެން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ހުރުމުން އެކަންތައް ކުރުމަށް ވަގުތުކޮޅެއް ދިނުމަށް އަޅުގަނޑުމެން އެދެނީ،" އަދްލީ ވިދާޅުވި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެހެން ސްކޫލުތަކާ އެއްފަދައިން އަމީރު އަހުމަދުގެ ކިޔެވުން އަންނަ ހޯމަ ދުވަހު ފެށުމަށް ސްކޫލުން ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ