ޝާފިއުއަށް ދައުވާ ނުކުރާއިރު ފާރިސަށް ދައުވާއެއް ނުކުރެވޭނެ: މައުމޫން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ހައްްޔަރުކުރި އަހުމަދު ޝާފިއުގެ މައްޗަށް ދައުވާ ނުކުރާ އިރު ހަމަ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ހުރި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ވެސް ދައުވާ ކުރެވިގެން ނުވާނެ ކަމަށް އޭނާގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.
ފާރިސްގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަކީލު މައުމޫން ހަމީދު ވިދާޅުވީ ޝާފިއުއަކީ ރިޝްވަތުގެ ފައިސާ ދިނުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރި ކަމަށް ތުހުމަތު ކުރެވޭ ފަރާތް ކަމަށްވާ އިރު ޝާފިއު އަށް ދައުވާ ނުކުރެވޭ ނަމަ ފާރިސްއާ ދެކޮޅަށް ދައުވާ ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އެ ގޮތަށް އަމަލު ކުރުމަކީ އޭގެ ނުރައްކާ އެންމެންނަށް ވެސް އޮތް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިއްރުން ހެކިބަސް ދެއްވާ ބޭފުޅާ އެ ވިދާޅުވަނީ ތިމަންނާ އަތަށް ފައިސާ ދެއްވީ ޝާފިއުއޭ. އެކަމަކު ޝާފިއުގެ މައްޗަށް ދައުވާ ކުރަން އެކަށީގެންވާ ހެއްކާއި ގަރީނާއެއް ނެތޭ ޕްރޮސެކިއުޓާ ޖެނެރަލް މި ވިދާޅުވަނީ. އެކަމަކު ފާރިސްއާ ދެކޮޅަށް އެބަ ފުދޭ އެ ހެކި. މިއިން ވެސް އެބަ ހާމަވޭ ކޮންމެވެސް ގޮތަކުން ފާރިސްގެ މައްޗަށް ދައުވާ އުފުލާ ކަން." މައުމޫން ވިދާޅުވި އެވެ.
ޝާފިއުއާ ދެކޮޅަށް އެކަށީގެންވާ ހެކި ނެތުމުން ކަމަށް ބުނެ އޭނާ އަށް ދައުވާ ނުކުރަން ނިންމިއިރު ފާރިސްއާ ދެކޮޅަށް ވެސް ބޭނުންކުރީ އެއް ހެކިތަކެއް ކަމަށް މައުމޫން ވިދާޅުވި އެވެ. އެއް ހެކިތަކެއްގެ މައްޗަށް ބިނާކޮށް އެކަކަށް ދައުވާ ކުރި އިރު ދެ ވަނަ މީހާގެ މައްޗަށް ދައުވާ ކުރުމަކީ ކޮންމެވެސް ދައުވާއެއް ކުރެވޭތޯ ދައުލަތުން މަސައްކަތް ކުރާ ކަން ދޭހަވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްވެސް ހެއްކެއް ނެތް ނަމަވެސް، ޕްރޮސެކިއުޓާ ޖެނެރަލް، ފާރިސްގެ މައްޗަށް ދައުވާ ކުރަން ނިންމަވާފައި އޮތްކަން މި އޮތީ ހާމަވެފައި،" މައުމޫން ވިދާޅުވި އެވެ.
ފާރިސް ރިޝްވަތު ދިން ދުވަހެއް ހޯދިފައިނުވާ ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވާތީ އެކަމާ ގުޅިގެން މައުމޫން ވިދާޅުވީ އެކަމުން އެނގިގެން ދަނީ އެއީ އުފައްދާފައިވާ މައްސަލައެއް ކަން ކަމަށެވެ. އެކަމުގެ ސަބަބުން، ގާނޫނުލް އުގޫބާތުގެ ދަށުން "ކުށުގެ އަމަލު ހިނގި ތަނުގައި ހާޒިރުވެ ނެތްކަމުގެ ދިފާއު" ޝަރީއަތުގައި ނެގުމުގެ ފުރުސަތު ފާރިސަށް ގެއްލިފައިވާ ކަމަށާއި ދައުލަތުން މަސައްކަތް ކުރަނީ ކޯޓުގައި ތަހުގީގު ފުރިހަމަ ކުރަން ކަމަށް މައުމޫން ތުހުމަތު ކުރެއްވި އެވެ.
ފާރިސް: އޭނާއަށް ދައުވާކުރަނީ މެމްބަރަކަށް ރިޝްވަތު ދިން ކަމަށް ބުނެ --ފޮޓޯ/މިހާރު
"މިސާލަކަށް ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވާންވީ 10 އޭޕްރީލްގެ 11:30 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުންނަވައިގެން ފާރިސް މައުމޫން މިތައް އަދަދެއްގެ ފައިސާ ރިޝްވަތުގެ ގޮތުގައި ހުށަހެޅުއްވީއޭ. އޭރުން ފާރިސަށް އެލިބައި ޑިފެންސް ބޭނުން ކުރައްވާ އިރު ވިދާޅުވެވޭނެ ތިމަންނަ އެ ތާރީޚުގައި ރައްޔިތުންގެ މަޖިލީހަށް ހާޒިރެއް ނުވެސްވަމޭ. އެކަމަކު މިހާރު އެނގިވަޑައެއް ނުގަނޭ ކޮން ދުވަހެއް ކަމެއް، ކޮން ގަޑިއެއް ކަމެއް، ކޮން ތަނެއް ކަމެއް." މައުމޫން ވިދާޅުވި އެވެ.
އެ ޓީމުގައި ހިމެނޭ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ ފާރިސްގެ ބަންދުގެ މުއްދަތު އިތުރު ކުރި އިރު ދައުލަތުން އޭނާއާ ދެކޮޅަށް ބޭނުންކުރި އެއް ހެއްކަކީ ބޭންކް އެކައުންޓް ހުޅުވުމަށް ބޭނުންކުރާ ސިގްނޭޗާ ކާޑުތަކަކާއި މެމްބަރުންތަކެއްގެ ނަންތަކެއް ލިޔެފައި އޮތް ކަރުދާހެއް ކަމަށެވެ. އޭރު އެ ތަކެއްޗަކީ ފާރިސްއާ ދެކޮޅަށް އެކަށީގެންވާ ހެކިތަކެއް ކަމަށް ދައުލަތުން ކޯޓުގައި ބުންޏަސް މިހާރު ދައުވާ އުފުލި އިރު އެ ހެކިތައް ހުށަހަޅާފައި ނެތް ކަމަށް ޝަމީލް ވިދާޅުވި އެވެ. ދައުލަތުން މަސައްކަތް ކުރީ ކޯޓުގައި އޮޅުވާލަން ކަމަށް އޭނާ ވިދާޅުވި އެވެ.
ފާރިސްގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލައި، އިއްޔެ ޝަރީއަތް ފަށާފައިވާ އިރު އެ މައްސަލަ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ. އެ މައްސަލައިގައި ބަންދުގައި ހުންނެވި ފާރިސް މި ވަގުތު ބަންދުން ދޫކުރެވެން ނެތް ކަމަށް ވެސް ކޯޓުން އިއްޔެ ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ