ރިޔާސީ އިންތިހާބާއި ދިމާކޮށް ފައިސާގެ ނުފޫޒު އަންނާނެ - ގާސިމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ދިމާކޮށް ފައިސާގެ ނުފޫޒާއި އެހެނިހެން ނުފޫޒްތައް އަންނާނެ ކަމަށާއި އެކަންކަމާމެދު ރައްޔިތުން ފަރުވާތެރިވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ތ.ގުރައިދޫގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ވިލާ ގްރޫޕްގެ ޗެއާމަންކަން ވެސްކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވީ އެމްޑީޕީގައި ފައިސާ ހުރިކަން އެނގޭ ކަމަށާއި ކުރިން ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެ ފާޓީ އަށް ފައިސާ ދެނީ ކާކުކަން އަދި ކޮން ތާކުން ކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަ އިނގޭ އެ ލާރި އެބަ ހުރިކަން. އެކަން އެބަ ހިނގާކަން. އެކަމަކު މީގެ ހިސްޓްރީ އަށް ބަލާލީމަ އެނގޭނެ އިއްޔެ އާއި އިހަށް ދުވަހު ކޮން ތާކުންތޯ އެ ލާރި ހޯދާނީ؟ ކާކުތޯ ދެނީ؟" ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާޢިރާގެ މެންބަރު ކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
އެމްޑީޕީގައި ކެންޕޭން ކުރުމަށް ފައިސާހުރި ކަމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ވިދާޅުވުމުން ވިސްނަންޖެހޭ ކަމަށާއި ފައިސާގެ ގޮތުން އެހެން ކެނޑިޑޭޓުން ތިބެންޖެހޭނީ އެމްޑީޕީއަށް ވުރެ މާފަހަތުގައިކަމަށް ވިދާޅުވުމުން އޭގެ މާނަ ނޭނގޭ ރައްޔިތަކު ނުހުންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އިންތިހާބު ކާމިޔާބުކުރާނީ އެއް ބުރުން ކަމަށް ކިތަންމެ ބާރަށް ނަޝީދު ވިދާޅުވި ނަމަވެސް އެކަމެއް ނުވާނެ ކަމަށާއި އަނެއް ދިވެހި ރާއްޖެ އަށް ރައްޔިތުން ގެންގޮސްދޭނެ ކަމަށް ނަޝީދު ވިދާޅުވާއިރު އެ ދިވެހި ރާއްޖެ އަށް ކުރިމަތިލެއްވުން ރަނގަޅުވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އަދި ގާސިމް ވަނީ މިރާއްޖެއަށް ނަޝީދު ކުރިމަތިލައްވައިގެން އުޅުއްވަނީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.
ތ.އަތޮޅުގައި އެއާޕޯޓެއް އެޅުމަކީ އުފާކުރާކަމެއް ކަމަށާއި އޭގެ ސަބަބުން އެ އަތޮޅުގެ ތަރައްގީއަށް އެތައް ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް ވެސް އެ އަތޮޅުގައި ޓުއަރިޒަމް ތައާރަފްވެފައި ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ