ސުޕްރީމް ކޯޓުން ނިންމާ ނިންމުމަށްފަހު އިތުރަށް އަނގަ ވެސް ނުހުޅުވާނަން - ގާސިމް

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލް ކުރުމަށް ޖުމްހޫރީ ގުޅުމުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެކަމާއި މެދު ކޯޓުން ނިންމާ ނިންމުމަށްފަހު އިތުރަށް އަނގަ ވެސް ނުހުޅުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރަގްރާމްގައި މިރޭ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ވޯޓު އޮޅުވާލި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާނީ އިންސާފުވެރިކަމާއިއެކު ކަމަށް ގަބޫލުކުރައްވާ ކަމަށާއި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކަށްފަހު އެއާއި މެދު އެއްޗެކޭ އެއްވެސް މީހަކަށް ވެސް އަދި މުއައްސަސާއަކަށް ވެސް ބުނުމުގެ ބާރު ނޯންނާނެ ކަމަށެވެ.
"ސުޕްރީމް ކޯޓުން ނިންމަވާ ކޮންމެ ނިންމެވުމަކަށް އަޅުގަނޑު ފުރިހަމައަށް އެކަން ގަބޫލުކުރާނަން، އިތުރަށް ހަމަ އަޅުގަނޑު އަނގަ ވެސް ނުހުޅުވާނަން، އެއީ ކޮންމެ ގޮތަކަށް ނިންމި ކަމުގައިވިޔަސް، އެބޭފުޅުން ނިންމަވާނީ އިންސާފުވެރިކަމާއިއެކު ކަމަށް ގަބޫލުކުރަން." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ގުޅުމުން މަސައްކަތްކުރަނީ އެއްވެސް ބަޔަކާއި ޖައްސާލައިގެން ނޫން ކަމަށާއި ޖުމްހޫރީ ގުޅުމުން މަސައްކަތްކުރަނީ ކުރިއަށް އޮތް އިންތިހާބުތަކާއި މިގައުމުގެ އަމާންކަން ދެމެހެއްޓުމަށާއި ކޮންމެ ރައްޔިތަކަށް އެރައްޔިތެއްގެ ހައްގު ލިބިގެންދާނެ ގޮތަށް ގާނޫނުގައި ބަޔާންކޮށްފައިވާ އެތެރެ ފެންނަ އިންތިހާބުތަކެއް ބޭއްވުމަށް ކަމަށެވެ.
ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން މިފަހަރު ހިންގި އޮޅުވާލުންތައް ރާއްޖޭގެ ތާރީހުގައި ވެސް އިންތިހާބެއްގައި ހިންގާފައިނުވާ ކަމަށާއި އިންތިހާބީ ތާރީޚުގައި އޮޅުވާލެވުނު އެންމެ ބޮޑު އިންތިހާބަކީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުކަން ޝަރީއަތުގައި ސާބިތުކޮށްދޭނެ ކަމަށެވެ.
ގައުމީ ޕާޓީގެ ލީޑަރު ޑރ.ހަސަން ސައީދު ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު އޮޅުވާލާފައިވާތީ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އަޖުމަ ބެލުމުގެ ގޮތުން ނޫން ކަމަށާއި އެފަދަ ކަމެއް ޒިންމާދާރު ކޯލިޝަނަކުން ނުކުރާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމަށާއި ރައްޔިތުންގެ އެންމެ މުހިންމު އެއް ހައްގަކީ ފަސް އަހަރުން އެއް އަހަރު ރައްޔިތުންގެ މަންދޫބަކު އިހްތިޔާރު ކުރުމުގެ ހައްގު ކަމަށެވެ.
ހަސަން ސައީދު ވިދާޅުވީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް "ތެޅި ފޮޅިގެން" ކުރިއަށް ދިޔައީމަ އެންމެ އެދެވޭ ގޮތަކަށް އެ އިންތިހާބު ކުރިއަށް ގޮސްފައިނުވާ ކަމަށާއި ނަމަވެސް އެ މައްސަލަ ނުނެގީ އޭގެ ފަހުން ބާއްވާ ރިޔާސީ އިންތިހާބުގައި އެކަން ރަނގަޅު ކުރާނެ ކަމުގެ އުންމީދުގައި ކަމަށެވެ.
"އެހެންނަމަވެސް ކަންތައްތައް މިދިޔައީ ކުރިއަށް ވުރެ ގޯސްކޮށް، ކަންތައްތައް ގޯސްކޮށް ދިޔަ މިންވަރަކީ ވުޖޫދުގައި ނެތް އެތައް ހާސް ބަޔަކު ލިސްޓަށް އަރައިފި، މަރުވެފައި ތިބި އެތައް ސަތޭކަ ބަޔަކު މިއަށް އަރައިފި، އަދި ކުރީގައި ލިސްޓުތަކުން މަރުވެގެން އުނިކޮށްފައި ތިބި ބަޔަކު އެބައޮތް ލިސްޓުން ފެންނަން، އެތައް ހާސް ބައެއްގެ އައިޑީ ކާޑު އޮޅިއްޖެ، ޑަބަލް އައިޑީ ކާޑު އެއްބަޔަކު އެބަތިބި ހައްދަވާފައި. އެތައް ހާސް ބަޔަކު އެޑްރެސް އޮޅުވާލާފައި." ޑރ.ހަސަން ވިދާޅުވި އެވެ.
"އެންމެ ފަހުން އަޅުގަނޑުމެންނަށް މި ފެންނަނީ ފަހުން އެތައް ހާސް ބަޔަކު ވޯޓު ދޭން ޖެހޭ ފޮށި ބަދަލުވި މަންޒަރު، އެތައް ހާސް ބަޔަކު ވޯޓު ދޭން ޖެހޭ ރަށް ބަދަލުވެފައި ހުރި މަންޒަރު، އެހެންވީމަ އެއްވެސް ގޮތަކަށް މި އިންތިހާބަކީ ގާނޫނު އަސާސީގައި ލާޒިމްކުރާ އިތުބާރު ހުރި އިންތިހާބަކަށް ނުވި." އޭނާ އިތުރަށް ވިދާޅުވި އެވެ.
ހަސަން ސައީދު ވިދާޅުވީ ދިވެހި ރާއްޖޭގައި ބާއްވާ ހުރިހާ އިންތިހާބަކީ ރައްޔިތުންނަށް އިތުބާރު ކުރެވޭ އިންތިހާބަކަށް ވާން ޖެހޭނެ ކަމަށާއި މިއަދު އެ އިތުބާރު ގެއްލިފައިވާ ކަމަށެވެ. އަދި އިތުބާރު ގެއްލުނީ ހަމައެކަނި ރައްޔިތުންގެ ނޫން ކަމަށާއި އިންތިހާބުގައި ވާދަކުރެއްވި ފަރާތްތަކުގެ އާއި ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާތަކުގެ އިތުބާރު ގެއްލިފައިވާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ