ކައުންސިލާއި ކޯޓުން ނެގި ފައިސާ ކެޔޮވަޅެއްގެ ތެރެއިން ހޯދައިފި

ގއ. ކަނޑުހުޅުދޫ ކައުންސިިލް އިދާރާ އާއި ކޯޓު ފަޅާލައިގެން ވަގަށް ނެގި ލައްކައެއްހާ ރުފިޔާގެ ތެރެއިން ބައެއް، އެ ރަށު ގެއެއްގެ ކެޔޮވަޅެއްގެ ތެރެއިން ފުލުހުން ރޭ ހޯދައިފި އެވެ.
ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ރިފާއު ރަޝީދު މިއަދު ވިދާޅުވީ އެ ރަށުގައި ހަދަމުންދާ ގެއެއްގެ ތެރެއިން ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން އެ ފައިސާތައް ހޯދީ ކެޔޮވަޅެއްގެ ތެރޭގައި ކޯސްޓުކުރި ހުސް ދަޅަކަށް އަޅާފައި ހުއްޓާ ކަމަށެވެ. އަދި އެ ފައިސާތައް ފުލުހުން ހޯދީ އެ މައްސަލައިގެ ތުހުމަތުގައި އެ ރަށުން ހައްޔަރު ކުރި ހަތަރު މީހުންގެ ހާޒިރުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުސް އޮފީހުން ބުނިގޮތުގައި ކޯޓުންނާއި ކައުންސިލް އިދާރާއިން ވަގަށް ނެގި ކަމަށް ބެލެވޭ 60،000 އަށް ވުރެ ގިނަ ރުފިޔާ އެ ދަޅުގެ ތެރެއިން ވަނީ ފެނިފަ އެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ހަތަރު މީހުންގެ ތެރޭގައި 17 އަހަރުގެ ކުޑަކުއްޖެއްގެ އިތުރުން 21-26 އަހަރުގެ ތިން މީހުންނެވެ. މީގެ ތެރެއިން 26 އަހަރުގެ މީހާ ހައްޔަރު ކުރި އިރު އޭނާ އަތުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ފެނިފައިވާ ފުލުހުން ބުންޏެވެ.
ކަނޑުހުޅުދޫ ކައުންސިލުން ބުނީ އިއްޔޭ ރޭ ދަންވަރުގެ ވަގުތެއްގައި ކައުންސިލް އިދާރާ ފަޅާލައި އެތަނުގައި ހުރި ތިޖޫރިއަކުން 60،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ. އަދި ކޯޓުގެ ކުޑަދޮރެއް ފަޅާލައިގެން ވަދެ އެތަނުގެ ތިޖޫރީން 22،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ކަމަށް ވެސް އެތަނުން ބުންޏެވެ..
ކައުންސިލް އިދާރާ އިން ބުނިގޮތުގައި އެތަނުގެ ތިޖޫރީގައި ހުރީ ބައެއް މުވައްޒަފުންގެ މުސާރައިގެ އިތުރުން އެ އިދާރާގެ ބައެއް ބިލްތަކަށް ދައްކަން ޖެހޭ ފައިސާ އެވެ. އަދި ކޯޓުގެ ތިޖޫރީގައި ވެސް މުވައްޒަފުންގެ މުސާރަ ހުންނާނެ ކަމަށް އެތަނުން ބުންޏެވެ.
ޖެހިޖެހިގެން ހުންނަ މި ދެ އިމާރާތުން ވައްކަން ކުރީ އެއް ބައެއް ކަމަށް ކައުންސިލުން ތުހުމަތުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ