ބޯހިމެނުގައި ބައިވެރިވާން ވިލުފުށި ރައްޔިތުން ބޭނުމެއް ނޫން: ކައުންސިލް

ސުނާމީގައި ހާލުގައި ޖެހުނު ތ. ވިލުފުށީ މީހުންނަށް 2009 ވަނަ އަހަރު ރެޑް ކްރޮސް އިން ހަދައިދިން ގެތައް ރަޖިސްޓްރީކޮށްދީފައި ނުވާތީ އެ ރަށުގެ ގިނަ ރައްޔިތުން ބޯހިމެނުގައި ބައިވެރިވާން ބޭނުންނުވާ ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.
ކައުންސިލްގެ ރައީސް އިބްރާހީމް ޝާފިއު މިއަދު ވިދާޅުވީ ބޯހިމެނުމުގައި ބައިވެރިނުވާން ކައުންސިލުން ނިންމާފައި ނުވާ ކަމަށާއި ސަރުކާރުން ހިންގާ އެފަދަ ކަންކަމުގައި އެއްބާރުލުން ދިނުމަށް ރައްޔިތުންގެ ކިބައިން އެދޭ ކަމަށެވެ. ނަމަވެސް ބޯހިޔާވަހިކަމެއް ނެތި ބޯހިމަނާނީ ކިހިނެއްތޯ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ސުވާލުކުރަމުންދާ ކަމަށާއި ގެތައް ރަޖިސްޓްރީކޮށްނުދޭތީ ބޯހިމެނުމުގައި ބައިވެރިނުވާނެ ކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބުނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާފިއު ވިދާޅުވީ ރެޑް ކްރޮސް އިން އަޅައިދީފައިވާ 309ގެ ރަޖިސްޓްރީކުރުމުގެ އުސޫލެއް އެ ރަށު ކައުންސިލުން ތައްޔާރުކޮށް ހައުސިން މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށަހަޅާފައިވާތާ ވެސް ދުވަސްތަކެއްވެއްޖެ ކަމަށެވެ. އެޓާނީ ޖެނެރަލްގެ ލަފައެއް ލިބެންދެން އެކަން މަޑުޖައްސާލުމަށް ހައުސިން މިނިސްޓްރީން އެންގިތާ ވެސް ދޮޅު އަހަރެއްހާ ދުވަސްވެއްޖެ ކަމަށާއި މިހާތަނަށް ވެސް އަލިމަގެއް ފެނިފައިނުވާތީ ރައްޔިތުންގެ ކަންބޮޑުވުން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ މަހުގެ ފަހުކޮޅު ކައުންސިލްގެ ފަރާތުން ހައުސިން މިނިސްޓްރީ އަށް ގޮސް ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދާ ބައްދަލުކުރުމުން ވިދާޅުވީ މަހެއްގެ ތެރޭގައި ޖަވާބެއް ދެއްވާނެ ކަމަށް. ނަމަވެސް އަދި ޚަބަރެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
ޝާފިއު ވިދާޅުވީ ބޯހިޔާވަހިކަމެއް ރަޖިސްޓްރީވެފައި ނެތުމުން ޒަރޫރީ ބޭނުންތައް ފުއްދުމުގަ އާއި ލޯނު ނެގުމުގައި ވެސް ހުރަސްތައް ކުރިމަތިވެފައިވާ ކަމަށެވެ.
"ދަރިންނަށް ތައުލީމު ދިނުމަށް ބޭނުންވާ ލޯނު ފަދަ ތަކެތި ނެގުމަށް ވެސް ވަނީ ހުރަސް އެޅިފައި މޯގޭޖް ކުރާނެ ގެދޮރު ނެތުމުން. ބޯހިޔާވަހިކަމެއް ނެތި ބޯހިމެނުމުގައި ބައިވެރިވާން ރައްިތުންގެ ތެރެއިން ގިނަ މީހުން ބޭނުމެއް ނުވޭ،" ޝާފިއު ވިދާޅުވި އެވެ.
އަށް އަހަރަށް ފަހު މި މަހުގެ 20-27 އަށް ބޯހިމެނުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ