އަޅުގަނޑުގެ މައްސަލަ ހުށަހަޅަން ބުނި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހޯދައި ފަނޑިޔާރުކަން ނެގުން މުހިންމު: ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން ވެރިކަމަށް ވަޑައިގަތުމަށް ހުރަސް އެޅުމުގެ ގޮތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅަން ކުރީގެ ޖެންޑާ މިނިސްޓަރު ފާތުމަތު ދިޔާނާ ސައީދުގެ އަރިހުގައި ވިދާޅުވި އެ ކޯޓުގެ އެ ފަނޑިޔާރު ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ހޯދައި އޭނާގެ އަތުން ފަނޑިޔާރުކަން ނެގުން ވަރަށް މުހިންމު ކަމަށް ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ. ކުޑަ ހެންވޭރު ސަރަހައްދުގައި އެމްޑީޕީން މިރޭ ބޭއްވި އެމްޑީޕީގެ"ވައުދާ ހިންގުމުގައި" ނަޝީދު މިހެން ވިދާޅުވިއިރު "ހަވީރާ" ވާހަކަ ދައްކަވަމުން ދިޔާނާ މިއަދު ވިދާޅުވެފައިވަނީ ނަޝީދު އަލުން ވެރިކަމަށް ވަޑައިގަތުމަށް ހުރަސް އެޅުމުގެ ގޮތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅަން އެ ކޯޓުގެ ފަނޑިޔާރަކު އެދިވަޑައިގެންނެވި މައްސަލަ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިނަށް ހުށަހަޅުއްވާފައިވާނެ ކަމަށެވެ. އެކަމަކު އެ ފަނޑިޔާރުގެ ނަމެއް ދިޔާނާ އަދި މީޑިއާއަށް ހާމަައެއް ނުކުރައްވަ އެވެ.ނަޝީދު މިރޭ ވިދާޅުވީ އެ ވާހަކަތައް އުއްތަމަ ފަނޑިޔާރަށް އެނގިވަޑައިގެން ހުންނަވައި "ފަނޑިޔާރުގެއޭ" ވިދާޅުވެ، ވާހަކަ ދައްކަވާނެ ކަމެއް ނެތް ކަމަށެވެ. އަދި އެކަން ބަލަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. "އެ ބޭފުޅާގެ ]އުއްތަމަ ފަނޑިޔާރު[ ގޭގައި އިންނެވި ބޭފުޅާ އެ ބުނަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ދައުވާކުރަން ހުށަހަޅުއްވާށޭ މިބޭފުޅާގެ ކޯޓަށް. އެ ވާހަކަ އުއްތަމަ ފަނޑިޔާރަށް ލިޔުމުން ދެންނެވީމާ އެކަން އުއްތަމަ ފަނޑިޔާރު ޖެހެނީ ބައްލަވަން. ޖުޑީޝަލް ސާވިސް ކޮމިޝަނުން އެ ވިދާޅުވާ ފަނޑިޔާރު ހޯއްދަވާ އޭނާގެ އަތުން ފަނޑިޔާރުކަން ނެގުން ވަރަށް މުހިންމު. ރާއްޖޭގެ ފަނޑިޔާރު ގެތަކުގައި އިންސާފުން އެއް ފަރާތަށް ޖެހިގެން ތިބޭކަށް ރާއްޖޭގެ ގާނޫނެއް ވެސް ތަނެއް ނުދޭ،" ނަޝީދު ވިދާޅުވި އެވެ. އެމްޑީޕީގެ ވައުދުތައް ތަކުރާރު ކުރައްވަމުން ނަޝީދު ވިދާޅުވީ ރާއްޖެ ބަދަލު ކުރުމަކީ "މެޓައެއްހާ ފަސޭހަ" ކަމެއް ކަމަށާއި އެ ޕާޓީގެ ފަސް އަހަރު ނިމޭއިރު ރާއްޖޭގައި ގޯތި ބޭނުންވެފައިވާ ކިޔޫއެއް ނޯންނާނެ ކަމަށެވެ. އަދި އަމިއްލަ ނަފްސަށް އިޝާރާތް ކުރައްވައި ވަރަށް ޖޯޝާއެކު ނަޝީދު ވިދާޅުވީ "ފްލެޓް ދޮންބެ" ފްލެޓް އަޅައިދޭނެ ކަމަށެވެ. "އަޅުގަނޑު ތިބޭފުޅުންނަކަށް ޔަގީންކޮށް އަރުވަން އެމްޑީޕީގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ގޯއްޗަކަށް ބޭނުންވެފައި ތިބި ކިޔޫއެއް ނޯންނާނެ. އެއީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް. އެއީ ޔަގީން ކަމެއް. އެއީ އަޅުގަނޑުމެންނަށް ކުރުން މަޖުބޫރު ކަމެއް،" ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތިން މީހެއް ކައިރީ ގެސްޓް ހައުސްއެއް އަޅަން ބުނެފައި ހޭލާއިރު މުޅި ރާއްޖޭގައި އޮންނަނީ ގެސްޓް ހައުސް އެޅިފައި ކަމަށެވެ. އަޅުގަނޑުމެންނަށް މިކަން ވާނެ އެއް ސަބަބަކީ ރާއްޖޭގެ މުއްސަނދިކަމަށްޓަކައި. މި ރާއްޖޭގެ ރައްޔިތުންގެ ކުޅަދާނަ ކަމަށްޓަކައި. ކަންކަމަށް ބޭނުންވެ ފެތުރިގަންނަލެއް ބޮޑުކަން. ގެސްޓް ހައުސްއެއް ހަދަން ތިން މީހުން ކައިރީ ވާހަކަ ދެއްކީމަ ނިދާ ހޭލާއިރުގާ ރާއްޖޭގެ ހުރިހާ ރަށެއްގައި ހުންނަނީ ގެސްޓް ހައުސް ހަދާފަ. އަޅުގަނޑުމެން ދެ ހަފުތާއަށް ފަހު ހޭލާއިރުގާ ކޮންމެ ރަށެއްގައި އޮޑިއެއް އޮންނަހެން ގެސްޓް ހައުސް އޯނަރުން ތިބޭ. އެމީހުންނަކީ ތަނަވަސް މީހުންނަށް ވޭ،" ނަޝީދު ވިދާޅުވި އެވެ. ނަޝީދުގެ ވާހަކަފުޅުގައި ފުލުހުންނަށް ވެސް ވަނީ ފާޑުވިދާޅުވެފަ އެވެ. އެ މަނިކުފާނު ވިދާޅުވީ "އެސްއޯ ފުލުހުންގެ ވެރިކަމެއް" އުފެއްދުމުން ބޭނުން ފުއްދައިދޭން ޖެހޭނީ ވެސް އެސްއޯ ފުލުހުންނަށް ކަމަށެވެ. "އިތުރު 800 ފުލުހުން ގެނައުމުގެ ހަރަދު ވެގެންދާނެ މާލޭގެ ހުރިހާ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދޭ ވަރަށް. ކޮން ކަމެއްތޯ ބޭނުމީ؟ ބޭނުން ކަމެއް އެނގޭނީ އުފެދޭ ވެރިކަމަކީ ކޮން ފަދަ ވެރިކަމެއްކަން އެނގުނީމަ. އެސްއޯ ފުލުހުން ވެރިކަން އުފެއްދީމަ ބޭނުން ފުއްދައި ދޭން ޖެހޭނީ އެސްއޯ ފުލުހުން. ރާއްޖޭގެ ރައްޔިތުން ނުކުމެ ވެރިކަމެއް އުފެއްދީމަ ބޭނުން ފުއްދައި ދޭން ޖެހޭނީ ރާއްޖޭގެ ރައްޔިތުން. އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގެ ރައްޔިތުންގެ ބައިވެރިވުމާއި ގަދަރާ އެކީގަ މި ރާއްޖޭގައި ވެރިކަން އުފެދެން،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ