ބަދަލުގެ ގޮތުގައި 77 މިލިއަން ރުފިޔާ ފުލުހުންގެ ފަރާތުން ނަގައިދިނުމަށް ޖާބިރު އެދެފި

ރާ ބުއިކަމުގެ ތުހުމަތުގައި ހދ. ހޮނޑައިދޫން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެރަށުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ބަދަލުގެ ގޮތުގައި 77 މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގައިދިނުމަށް ޖާބިރުގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.
ޖާބިރަށް ހައްޔަރުކުރި އިރު އަނިޔާކުރި މައްސަލައިގައި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ނިންމާފައި ވަނީ ޖާބިރަށް އަނިޔާކުރިކަން ސާބިތުވާ ކަމަށާއި ނަމަވެސް އެކަމާ ގުޅިގެން އެއްވެސް ފުލުހެއްގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވެން ނެތް ކަމަށެވެ. އެއީ އަނިޔާކުރީ ކާކުކަން ޖާބިރަށް ވެސް ނޭނގޭތީ އާއި ފުލުހުން ދީފައިވާ ބަޔާންތަކުންނާއި ވީޑިއޯއަށް ބަލާއިރު ވެސް އަނިޔާކުރީ ކާކުކަން ނޭނގޭތީ ކަމަށް އެ ކޮމިޝަންގެ ނިންމުމުގައިވެ އެވެ.
ޖާބިރުގެ ފަރާތުން ކުރި ދައުވާގައި އެދިފައި ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން އޭނާއަށާއި އާއިލާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 77.1 މިލިއަން ރުފިޔާ ނަގައި ދިނުމަށެވެ.
މިއަދުގެ އަޑުއެހުމުގައި އޮތީ ޖާބިރުގެ ފަރާތުން ކުރި ދައުވާއަށް ދައުލަތުން ޖަވާބުދާރީވުމެވެ. އެ ފުރުސަތު ދައުލަތަށް ދިނުމުން ޖަވާބުދާރީވުމުގެ ބަދަލުގައި ދައުލަތުން ފުރަތަމަ ވެސް ނެގީ އިޖްރާއީ ނުކުތާއެކެވެ.
އިޖްރާއީ ނުކުތާ ނަންގަވައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލް މޫސާ އާލިމް ވިދާޅުވީ ޖާބިރު ހައްޔަރުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެ ދައުވާގައި އެދިފައިވާ ކަމަށެވެ. ނަމަވެސް ކޯޓުތަކުގެ ގާނޫނަށް ބަލާއިރު މީހަކު ހައްޔަރުކޮށްފައި ވަނީ ގާނޫނާ ޚިލާފަށްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ މައްސަލަތަކަކީ ކްރިމިނަލް ކޯޓުން ބަލަންޖެހޭ ބާވަތުގެ މައްސަލަތައް ކަމަށް އާލިމް ވިދާޅުވި އެވެ. އަދި އެގޮތަށް ސިވިލް ކޯޓުން ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ދައުލަތުން އެދުނީ އެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ނަމަވެސް ޖާބިރުގެ ފަރާތުން އެކަމަށް އިންކާރު ކުރި އެވެ. ޖާބިރުގެ ވަކީލް އަދި އޭނާގެ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދު ވިދާޅުވީ އެ ދައުވާއަކީ މީހަކު ހައްޔަރުކޮށްގެން އެ މީހަކު ބަންދުން ދޫކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއް ނޫން ކަމަށެވެ. އަދި އެއީ މީހެއްގެ މަދަނީ ހައްގުތަކެއް ގެއްލިގެން ދައުވާކުރާ މައްސަލައަކަށްވާތީ އެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ދިޔާނާ ވިދާޅުވި އެވެ. އަދި ގާނޫނީ ނިޒާމް އޮންނަ ގޮތުން އަމިއްލަ ފަރުދުންނަށް ކްރިމިނަލް ކޯޓަށް މައްސަލަ ހުށަނޭޅޭނެ ކަމަށާއި އެ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ބާރު އޮންނަނީ ޕްރޮސެކިއުޓާ ޖެނެރަލަށް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ ނުކުތާއަށް ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ވެސް ދިޔާނާ އެދިވަޑައިގަތެވެ.
ދިޔާނާގެ ވާހަކަތަކަށް ރައްދު ދެއްވައި އާލިމް ވިދާޅުވީ ކްރިމިނަލް ކޯޓުން މައްސަލަ ބަލައިގަންނާނެކަން ނުވަތަ ނޫންކަން ވެސް އެނގޭނީ މައްސަލަ ހުށަހެޅުމުން ކަމަށެވެ. އަދި އެ ދައުވާ ސިވިލް ކޯޓަށް ބެލޭނީ ޖާބިރު ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މިވަގުތަށް އެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުން ނިންމާލީ އެ ނުކުތާއަށް ޖަވާބުދާރީވުމަށް ޖާބިރުގެ ވަކީލުންނަށް ފުރުސަތު ދިނުމަށްފަހު އެވެ.
ރާ ބުއިކަމުގެ ތުހުމަތުގައި ޖާބިރުގެ އިތުރުން ހޮނޑައިދޫން ހައްޔަރުކުރީ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރާއި ރައީސް ނަޝީދުގެ ސަރުކާރުގައި އެމަނިކުފާނުގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީ އާއި ކުރީގެ ޕްރެސް ސެކެޓްރީ މުހައްމަދު ޒުހައިރާއި އޭނާގެ އަނބިކަނބަލުންނާއި ޒަކީގެ ދަރިކަލުން ހަމްދާން ޒަކީ އެވެ. އޭގެ އިތުރުން ސްރީ ލަންކާ ދެ މީހަކާއި ބަންގްލަދޭޝް މީހަކު ވެސް އެރަށުން ހައްޔަރުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ