އަލީ ހަމީދުގެ މައްސަލައިގެ ލިޔުންތަކަށް ކޮފީ އެޅި ހަލާކުވެއްޖެ ކަމަށް ކޯޓުން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކުރަން ފޮނުވި ލިޔުންތަކުގެ މައްޗަށް ކޮފީ އެޅި ހަލާކުވެއްޖެ ކަމަށް ބުނެ އެ ލިޔުންތައް އަލުން ހޯދަން ކޯޓުން އެދިއްޖެ އެވެ.
ދައުލަތުގެ ބަޖެޓުން އެ ކޯޓުގެ ފަނޑިޔާރުންގެ ފޯނުތަކަށް ޚަރަދު ކުރި އިރު އަލީ ހަމީދުގެ ފޯނުން އެހެން ފޯނުތަކަށް ފައިސާ ޓްރާންސްފާ ކުރި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވީ މިދިޔަ މަހުގެ ތެރޭގަ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމި ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ ލިޔުންތަކުގެ މައްޗަށް ކޮފީ އެޅުނު ކަމަށް ބުނެ ލިޔުންތައް ހޯދަން ކޯޓުން އެދިފައިވާ ކަމަށެވެ. ނަމަވެސް ލިޔުންތައް އަލުން ދޭން ވަކި އިޖްރާއަތެއް އޮންނާތީ އެކަން މިހާތަނަށް ފުރިހަމަނުވާ ކަމަށާއި އެކަމާ މެދު މަޝްވަރާ އަށް ދިއުމަށް އެދުމުން ކޯޓުން އެއްބަސްނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެނގިފައި އޮތް ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން ގައި ވެސް އެ ބޭފުޅުން އެދުނު ލިޔުންތައް ހޯދަން އެދުނު. އެ ބޭފުޅުން އެއްފަހަރު ވިދާޅުވީ ލިޔުންތަކުގެ މައްޗަށް ސައި އެޅުނީއޭ، އަނެއް ފަހަރު ވިދާޅުވީ ކޮފީ އެޅުނީއޭ،" އޮފިޝަލް ވިދާޅުވި އެވެ.
އެކަމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ބުނީ އެފަދަ ކަމެއް ހިނގިކަން ނުވަތަ ނޫންކަން ވެސް އަދި ސާފުނުވާ ކަމަށެވެ.
ކަސްބީ އަންހެނުންތަކަކާ އެކު ބަދުއަޚުލާގީ އަމަލު ހިންގުމުގެ ތުހުމަތު ކުރެވިފައިވާ އަލީ ހަމީދުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދަނީ ބަލަމުންނެވެ.
ޖޭއެސްސީގެ ގަވާއިދު ބުނާގޮތުން ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ތުހުމަތު ކުރެވި، ދައުލަތުގެ އިދާރާއަކަށް މައްސަލައެއް ހުށަހެޅޭތާ 48 ގަޑިއިރުގެ ތެރޭގައި އެ ފަނޑިޔާރަކާ މެދު ފިޔަވަޅު އަޅަންޖެހެ އެވެ. ނަމަވެސް އަލީ ހަމީދުގެ މައްސަލަ ޖޭއެސްސީން ބަލަމުންދާތާ އެތައް ދުވަހެއް ވެގެން ދިޔައިރު ވެސް އަލީ ހަމީދާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ