ޕީޖީއާއި ޑެޕިއުޓީ ނެތި ކޯޓުގައި މައްސަލަ ހިންގޭނެ ކަމަށް އޭޖީ ދެއްވި ލަފަޔަށް ގާޒީ މަހާޒް ރައްދު ދެއްވައިފި

ޕްރޮސެކިއުޓަރ ޖެނެރަލްއާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ ނާއިބުގެ މަޤާމު އެއްފަހަރާ ހުސްވެފައި ވާ  މިހާލަތުގައި ޖިނާޢީ މައްސަލަތައް ކޯޓުތަކުގައި ކުރިޔަށް ގެންދިއުމަކީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
އޭނާ އިންޓަނެޓުގައި ލިޔުއްވާ އަމިއްލަފުޅު ބްލޮގްގައި ،ޕީޖީއާއި ޑެޕިއުޓީ ޕީޖީ ނެތި ޕީޖީ އޮފީހުގެ ވަކީލުންނަށް ކޯޓުތަކުގައި ދައުލަތް ތަމްސީލް ކުރެވިދާނެ ކަމަށް ބަންޑާރަނައިބު މުހައްމަދު އަނީލް ރައީސް ޔާމީނަށް ދެއްވި ލަފާއަށް ވަނީ ރައްދު ދެއްވާފަ އެވެ.
މަހާޒް ވިދާޅުވެފައި ވަނީ ޖިނާޢީ ދަޢުވާތަކަކީ ޕީޖީގެ އޮފީހުގެ ވަކީލުން އަމިއްލަ ހައިސިއްޔަތުން ކުރާ ދަޢުވާތަކެއް ނޫން ކަމަށާއި،ޕީޖީ އޮފީހުގެ ވަކީލުން ދައުލަތް ތަމްސީލުކުރާ ކުރުމަކީ ގާނޫނުއަސާސީގެ 224 ވަނަ މާއްދާގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލް އޭނާގެ މަސްއޫލިއްޔަތު އަދާކުރުމަށް ދައުލަތް ތަމްސީލު ކުރުން ކަމަށެވެ.
"ޖިނާއީ ދަޢުވާތަކަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުން ފަރުދީ ގޮތެއްގައި ކުރާ ދަޢުވާތަކެއް ނޫނެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުން ދައުލަތް ތަމްސީލުކުރާކުރުމަކީ ކުރިން ދެންނެވުނު އުސޫލުން ޤާނޫނުއަސާސީގެ 224 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މަސްއޫލިއްޔަތު އަދާކުރުމަށް ދައުލަތް ތަމްސީލުކުރާ ކުރުމެކެވެ. އެ ތަމްސީލުކުރުމުގެ އަސްލަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނީ ހައިސިއްޔަތެވެ." މަހާޒްގެ ބްލޮގްގައި ލިޔުއްވާފައި ވެ އެވެ.
މަހާޒް ވިދާޅުވެފައި ވަނީ ޕީޖީއަކު ނެތިއްޖެ ނަމަ ދަޢުލަތަށް ނުކުރެވޭނެ ކަންކަން ވަރަށް ގިނަ ވާނެ ކަމަށެވެ. އޭގެ ތެރޭގައި ފަނޑިޔާރުން ހައްޔަރު ކުރުމާއި، ތަހުޤީޤަށް ބޭންކް އެކައުންޓްތަކުގެ މަޢުލޫމާތު ހޯދުމަށް އެދުމާއި، ކޮރަޕްޝަންގެ މައްސަލަތަކުގައި ކޯޓު އަމުރު ހޯދުމަށް އެދޭނެ މީހަކު ނުވުން ހިމެނޭ ކަމަށް މަހާޒް ވިދާޅުވެފައި ވެ އެވެ. އަދި، މި ކަންކަން ކަމަކީ ހައްސާސީ ކަންކަމަށް ވެފައި، ޤާނޫނުގައި މި ކަން ކުރާނެ ގޮތް ބަޔާންވެފައި އޮންނަ އިރު މިކަން ކުރުމަށް އިހުތިމާލު އޮތުމުން އެއީ ޟަރޫރީ ހާލަތެކޭ ނުބުނެވޭނެ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
"މިހުރިހައި ކަންކަމަކީ ހައްސާސީ ކަންކަމަށްވާއިރު، އަދި ޤާނޫނުގައި ކަންކުރަންވާނެ ގޮތް ބަޔާންވެފައި، އެކަންކުރުމުގެ އިހްތިމާލުއޮވެއްޖެނަމަ ޟަރޫރީ ޙާލަތެކޭ ބުނެވޭނެ ޖާގައެއްނެތެވެ. " މަހާޒް ބްލޮގްގައި ލިޔުއްވާފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ