ދަނގެތީ އިންޖީނުގެ ސްޓެލްކޯއާ ހަވާލުކުރަން އެރަށު ރައްޔިތުން ނިންމައިފި

އދ. ދަނގެތީ ރައްޔިތުންގެ ނަމުގައި ހިންގަމުންދިޔަ އިންޖީނުގެ ސްޓެލްކޯއާ ހަވާލުކުރަން އެރަށު ރައްޔިތުން ނިންމައިފި އެވެ.
ދަނގެތީ އިންޖީނުގެ ސްޓެލްކޯއާ ހަވާލުކުރުމަށް އެރަށު ރައްޔިތުންގެ އަގުލަބިއްޔަތުން ރޭ ނިންމާފައިވާއިރު، އެރަށަށް އެކަށީގެންވާ ވަރަށް ކަރަންޓުގެ ހިދުމަތް ލިބެމުން ނުދާ ކަމަށް ބުނެ އިންޖީނުގެ ކުރިމަތީގައި އިއްޔެ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ދަނގެތި ކައުންސިލް އިދާރާއިން ބުނީ އެރަށު އިންޖީނުގެ ސްޓެލްކޯއާ ހަވާލުކުރުމާއި މެދު ރައްޔިތުން ދެކޭ ގޮތެއް ބެލުމަށް ބޭއްވުނު ބައްދަލުވުމުގައި ބައިވެރިވި މީހުންގެ އަގުލަބިއްޔަތުން ނިންމާފައިވަނީ ސްޓެލްކޯއާ އިންޖީނުގެ ހަވާލުކުރުމަށް ކަމަށެވެ.
ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ދަނގެތީގެ އެ ބައްދަލުވުމުގައި ބައިވެރިވީ 49 މީހުން ކަމަށް އެނގިފައިވެ އެވެ.
"ރައްޔިތުން އެގޮތަށް ނިންމީމާ އަޅުގަނޑުމެން މިހާރު މިދަނީ އިންޖީނުގެ ސްޓެލްކޯއާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން،" ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ