އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގެ ޝަރީއަތް މިއަދު ހަވީރު 4 ޖަހާއިރު!

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ނިޒާމުން ގެއްލުވާލި މައްސަލައިގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މިއަދު ހަވީރު 4 ޖަހާއިރު އޮންނާނެ އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ މިއަދު ހަވީރު 4 ޖަހާއިރު އޮންނަ އިރު މި މައްސަލަ ތިން ފަނޑިޔާރުންގެ ބެންޗަކުން ބެލުމަށް ހަމަޖެހިފައިވާ ކަމަށާއި ޝަރީއަތް ކުރިޔަށްދާނީ ޖަސްޓިސް ބިލްޑިންގުގެ ތިރީ ހޯލްގައި ކަމަށެވެ.
ޖަސްޓިސް ބިލްޑިންގުގެ ތިރީ ހޯލުގައި އަޑުއެހުންތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު ޝަރީއަތް އަޑުއަހަން ބޭނުންވާ މީޑިއާގެ ފަރާތްތަކަށާއި އެ ނޫން ވެސް ފަރާތްތަކަށް ހާއްސަ ފޯމެއް ފުރަން ޖެހެ އެވެ. އެގޮތަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނިންމީ އަޑު އެހުންތަކަށް ވަނުމަށް ގިނަ ބަޔަކު އެދެމުންދާތީ  އެވެ.
ގާތްގަނޑަކަށް 50 މީހުންގެ ޖާގަ އޮންނަ އެ ޝަރީއަތުގެ މަޖިލީސް އަޑު އަހަން ބޭނުންވާ ފަރާތްތަކަށް އެފޯމް މިއަދުހެނދުނު 10:00 އިން ފެށިގެން ދޫކުރަމުންދާއިރު ފޯމް ހުށަހަޅާ ތަރުތީބަކުން ހޯލަށް މީހުން ވައްދާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
އަބްދުﷲ ގާޒީ ގާނޫނު އަސާސީއާއި ޚިލާފަށް ހައްޔަރުކޮށް ނިޒާމްގެ ތެރެއިން ގެއްލުވާލާފައިވާ މައްސަލާގައި ނަޝީދުގެ އިތުރުން ޖިނާއީ ދައުވާކުރަނީ އެމަނިކުފާނުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލް އާއި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ކުރަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، ކުށްނުކުރާ މީހަކު ގާނޫނާ ހިލާފަށް ގަސްދުގައި ހިފާ ހައްޔަރުކުރުމުގެ ދައުވާ އެވެ.
އެ ކުށުގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން ނުވަތަ 2،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ. ރައީސް ނަޝީދަށް ޖަލު ހުކުމް އައިސްފިނަމަ އަންނަ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ އެވެ.
މިމައްސަލަ އާއި ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ އެއްވެސް ބޭފުޅަކު ކޯޓުގެ ހުއްދަ ނެތި މާލެއިން ބޭރަށް ފުރައިގެން ނުދިއުމަށް ކޯޓުން މީގެކުރިން ވަނީ އަންގާފައެވެ. މީގެއިތުރުން ގާނޫނު އަސާސީގައިވާ ގޮތުގެމަތިން ވަކީލުން އައްޔަންކުރުމުގެ ފުރުސަތާއި މައްސަލާގައި ހިމެނޭ ލިޔެކިއުންތައް ލިބެން ހުރިކަންވެސް އެފަރާތްތަކަށް އަންގާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ