އަފްރާޝީމްގެ މަރާއި ގުޅޭގޮތުން ބާއްވާ ޕްރެސް ކޮންފަރެންސް މިއަދު ހަވީރު

ތޫނު އެއްޗަކުން ހަމަލާދީ ވަރަށް އަނިޔާވެރި ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ޕީޕީއެމް މެމްބަރު ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިއަދު ހަވީރު އޮންނާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފް ވިދާޅުވީ އަފްރާޝީމްގެ މަރުގެ ތަހުގީގާއި ބެހޭ ނޫސް ކޮންފަރެންސް މިއަދު ހަވީރު 4 ޖަހާއިރު އިސްކަންދަރު ބިލްޑިންގގައި އޮންނާނެ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
"މިއަދު ހަވީރު 4 ޖަހާއިރު އޮންނާނެ ނިއުސް ކޮންފަރެންސް އަފްރާޝީމްގެ މަރުގެ ތަހުގީގާއި ބެހޭ، އިސްކަންދަރު ބިލްޑިންގ 1 ގައި އޮންނާނީ." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ތޫނު އެއްޗަކުން ހަމަލާދީ ވަރަށް އަނިޔާވެރި ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ޕީޕީއެމް މެމްބަރު ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތުގެ ހަގީގަތް ހޯދިފައިވާ ކަމަށް ހޯމް މިނިސްޓަރު ޑރ މުހައްމަދު ޖަމީލް މީގެކުރިން ވަނީ ވިދާޅުވެފައެވެ. ޖަމީލް ވިދާޅުވީ އަފްރާޝިމް އަވަހާރަކޮށްލި ހަމަލާ ދިން މީހުން ކޮށްފައިވާ ކަންކަމުގެ މައްޗަށް އެމީހުންނަށް ދައުވާ ކުރެވޭ ވަރަށް ފުލުހުން މިހާރު އެ ހާދިސާގައި ކުރެއެރުން ހޯދާފައިވާ ކަމަށެވެ.
ހޯމް މިނިސްޓަރު ޖަމީލް މިހެން ވިދާޅުވިއިރު އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގަށް ވަރަށް ބޮޑެތި ކާމިޔާބީތައް ހޯދިފައިވާ ކަމަށާއި އެ މައްސަލައިގެ ތަފްސީލު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ ވިދާޅުވެފަ އެވެ.
އަފްރާޝީމްގެ އުފަން ރަށް، ރ. އުނގޫފާރު ހުންނަވައި އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައީސް ވަހީދު ވިދާޅުވީ ދިވެހި ދައުލަތަށް ލިބެން ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން، އަދި ރާއްޖެއިން ބޭރުން އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން މިކަމުގެ ތަޙުޤީޤު ކުރަމުންދާތާ ދުވަސްތަކެއްވެއްޖެކަމަށާއި ފުލުހުންގެ ފަރާތުން އެ ތަފްޞީލު ހާމަކޮށްދެއްވާނެ ކަމަށެވެ.
އަފްރާޝިމް އަވަހާރަކޮށްލި މައްސަލަ ތަހުގީގުގައި 80 ވަރަކަށް ފުލުހުން މަސައްކަތް ކުރާ އިރު، އެ މައްސަލާއާ ގުޅިގެން އެއްކޮށްފައިވާ ފޮރެންސިކް ހެކިތައް ބެލުމުގައި އެފްބީއައި އާއި ސިންގަޕޫރު ފުލުހުންނާއި އެމެރިކާ ފުލުހުންގެ އެހީތެރިކަން ދަނީ ހޯދަމުންނެވެ.
އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ޝަރީއަތަށް ސާބިތުކޮށް ދެވޭ ވަރުގެ ހެކި ހުށަހަޅާ މީހަކަށް 500،000ރ. ދޭނެ ކަން ފުލުހުން ވަނީ އިއުލާންކޮށްފަ އެވެ.
އަދި މިމައްސަލަ އާއި ގުޅިގެން 6 ހައްޔަރުކޮށް އޭގެތެރެއިން ދެމީހަކު ވަނީ މިހާރު ދޫކޮށްލާފައެވެ.
އަފްރާޝީމް މަރާ ގުޅިގެން މިހާތަނަށް ހޯދާފައިވާ ހޯދުންތައް މިއަދު އާންމު ކުރާއިރު މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ހއ. ދިއްދޫ އޯޓަމްވާދީ، އަލީ ހާޝިމް (ސްމިތު) މިހާރު ވަނީ ދޫކޮށްލާފަ އެވެ. އަދި އޭގެ ކުރިން ވަނީ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި މަރިޔަމް ނާއިފާ ވެސް ދޫކޮށްލާފަ އެވެ.
އަފްރާޝީމް ރައްޔިތުންގެ މަޖިލީހުގައި ފުރުއްވަމުން އައި އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން ބާއްވައި މިހާރު ވަނީ އެމަނިކުފާނުގެ ކޮއްކޯފުޅު އިބްރާހިމް އަމީން އެ ދާއިރާއަށް އިންތިހާބުވެ ވަޑައިގެންފަ އެވެ. އަދި އަފްރާޝީމްގެ އިލްމީ ފޮތްތަކުން ބައެއް ކުއްލިއްޔާއަށް ހަދިޔާ ކުރުމުން އެމަނިކުފާނުގެ ހަނދާނުގައި މިހާރު ވަނީ ފޮތް ކޯނަރެއް ހުޅުވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތުހުމަތުގައި އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ދަނބި ދަރިފުޅު އަބްދުﷲ ޖާވިދު، (ޖާ) ފުލުހުން އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ